އަލެކްސިސް ސަންޗޭޒް އާއި މެސުޓް އޮޒިލް އާސެނަލް ދޫކޮށްލި ނަމަވެސް އެ ކުލަބަށް އެ ކުޅުންތެރިންނާ ނުލައި އުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
ސަންޗޭޒް އާއި އޮޒިލް އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓު މި ސީޒަން ނިމުމުން ހަމަވާއިރު، ސަންޗޭޒް އާސެނަލް ދޫކޮށް ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ދެ ކުޅުންތެރިން މި މަހު ވިއްކާ ނުލައިފިނަމަ ފްރީ ޓްރާންސްފާ އެއްގެ ދަށުން އާސެނަލް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
މިކަމާ ބެހޭގޮތުން ސުވާލު ކުރުމުން ވެންގާ ދިނީ ވަރަށް ވަރުގަދަ ޖަވާބެކެވެ. އޭނާ ބުނީ ސަންޗޭޒް އާއި އޮޒިލް އާސެނަލް ދޫކޮށްލައިފިނަމަ އެއަށްވުރެ މޮޅެތި ކުޅުންތެރިން އެ ކުލަބަށް ގެންނާނެ ކަމަށެވެ.
"އަހަރެމެނަކަށް އެއިން އެއްވެސް ކުޅުންތެރިއެއް އަދި ނުގެއްލޭ. ގެއްލިއްޖެނަމަ އަހަރެމެން އެއަށްވުރެ މޮޅެތި ކުޅުންތެރިން ގެންނާނަން. މީގެ ކުރިން ވެސް މިކުލަބުން ވަނީ ވަރަށް މޮޅެތި ކުޅުންތެރިންތަކެއް ގެއްލިފަ. އެކަން ވާނީ ފޫބައްދާފައި. އެކަމަކު އަހަރެން ވެސް ބޭނުން ޓީމުގެ އެންމެ މޮޅު ކުޅުންތެރިން ބައިތިއްބަން،" ވެންގާ ބުންޏެވެ.
ވެންގާ ވަނީ ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާސެނަލް އަށް ބަދަލުވެދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ. ނަމަވެސް އޭނާ ބުނީ ޓީމު ވަރުގަދަ ކޮށް ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
"ގެންނާނީ ކޮން ކުޅުންތެރިންކަމެއް ބުނަން ވަރަށް އުނދަގޫ. އެއީ އެކަން ނިންމާނީ އަހަރެމެން އެކަންޏެއް ނޫން. އަހަރެމެން ބޭނުން ގެންނަން ރަނގަޅު ކުޅުންތެރިން. އަދި އަނިޔާ ވެފައިވާ ކުޅުންތެރިންނަށް ވެސް ބަލަން ޖެހޭ،" ވެންގާ ބުންޏެވެ.
ސަންޗޭޒް އާސެނަލް ދޫކޮށްލައިފިނަމަ ދެން އޭނާ އެންމެ ފެނުން ގާތީ މެންޗެސްޓާ ސިޓީ އިންނެވެ. މިދިޔަ ސީޒަނުގައި ވެސް ސިޓީން ވަނީ ސަންޗޭޒް އެ ކުލަބަކަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ.