"ހައްދު" އަލުން އޮލިމްޕަސް ސްކްރީނަށް

ދިވެހި ފިލްމު ހައްދުގެ މަންޒަރެއް --

އަބްދުލް ފައްތާޙްގެ 21 އަހަރުގެ ފިލްމު ކެރިއަރުގައި ޑައިރެކްޓްކޮށް، އުފެއްދި އެންމެ ވަރުގަދަ އެއް ފިލްމު "ހައްދު"ގެ އާ ޝޯވްތަކެއް އަނެއްކާ ވެސް އޮލިމްޕަސް ސްކްރީނުގައި ދައްކަން ނިންމައިފި އެވެ.

ފިލްމުގެ އާ ޝޯވްތަކެއް މި މަހު 25 ން ފެށިގެން ދައްކަން ހަމަޖެހިފައިވާއިރު ފިލްމްގެ ޓިކެޓް މި މަހުގެ ފަހަކުން ފެށިގެން އޮލިޕަހުން ވިއްކަން ފަށާނެ އެވެ.

"ހައްދު" އާ މިހާރު ހަވާލުވެ ހުރި އަދި ފިލްމުގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނީ ކުރިން ވެސް ފިލްމް އަލުން އަޅުވަން ނިންމާފައިވާ ކަމަށާއި ފިލްމް އެޅުވި ދުވަސްކޮޅު ފިލްމް އެޅުވުން މެދުކަނޑާލަން ޖެހުނީ ބަޔަކު އޮލިމްޕަސް ހިފުމުގެ ސަބަބުން ކަމަށެވެ.

ދިވެހި ފިލްމު ހައްދުގެ މަންޒަރެއް --

ބެލުންތެރިންގެ ތަރުހީބު އޮތް ވަރަކުން ފިލްމް އަޅުވަން ނިންމާފައިވާއިރު އަތޮޅު ތެރޭގައި ވެސް އެދޭ ވަރަކުން ފިލްމް އެޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކަނޑި ބުންޏެވެ.

"އަތޮޅު ތެރޭގައި ވެސް، ރަށްރަށުގައި ވެސް އެދޭ ވަރުން ފިލްމް އަޅުވަމުން ގެންދާނަން. އެކަމަކު މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށް ވުމުން މީހުން ފޮނުވައިގެން ފިލްމް އެޅުވުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންވެ ލަފާ ކުރެވެނީ ރަށްރަށުގައި ފިލްމް އެޅުވޭނީ މި މަހު ފަހުކޮޅު ނޫނީ އަންނަ މަހު ކުރީ ކޮޅުގައި،" އޭނާ ބުންޏެވެ.

"ހައްދު" އަލުން އޮލިމްޕަހަށް ގެންނަ އިރު މިހާތަނަށް ފިލްމުގެ ޖުމްލަ 54 ޝޯ މާލެ ސަރަހައްދުގައި ދައްކާފައިވާ އިރު 89 ރަށަކު އަދި 10 ރިސޯޓެއްގައި ވެސް ފިލްމު ވަނީ ދައްކައިފަ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވި ބަތަލު އަހުމަދު ޝިބާން، މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ އެވެ.

ފައްތާހުގެ 12 ވަނަ ފީޗަރ ފިލްމުގައި ދިވެހީންގެ އާދަކާދައާއި ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެ އެވެ.

"އަ މޫވީ އަބައުޓް ލިމިޓް"ގެ ގޮތުގައި ފިލްމު ފެނިގެން ދިޔައިރު ހައްދުގައި ފެނިގެން ދަނީ ހއ. ކެލައަށް ނިސްބަތްވާ ޔުސްރާ ކިޔާ އަންހެން ކުއްޖަކު (މަރިޔަމް އައްޒަ) މާލޭގައި ތައުލީމު ހާސިލްކުރުމަށް ފަހު އޭނާގެ ރަށަށް ކުރާ ދަތުރުމަތީގައި ދިމާވާ، އަލީ ނަމަކަށް ކިޔާ "ބަސްމަދު" ޒުވާނެއް (އަހްމަދު ޝިބާން) އާ ދިމާވެގެން އެ ދެމީހުންގެ ދެމެދުގައި އުފެދޭ ގުޅުމެވެ. ނަދުރެއް ފުއްދުމަށް ހއ. އުތީމަށް ދިއުމުގެ ބޭނުމުގައި އަލީ ކުރާ ދަތުރަކީ ކެލާ ބޯޓެއްގައި ކުރާ ދަތުރަކަށް ވުމުން އޭނާ އުތީމަށް ދެވެންދެން މަޑުކުރަނީ ކެލާގަ އެވެ. އަދި އެ މަޑުކުރާ ދުވަސްކޮޅުގައި ޔުސްރާއާ އަލީއާ ދެމެދު ގާތް ގުޅުމެއް އުފެދެ އެވެ. އަދި ފެށުނީއްސުރެން ވެސް މަޖާ މިޒާޖެއްގައި އުޅެމުން އައި ޔުސްރާގެ ދިރިއުޅުން ހަމަހިމޭންކަމަށް ބަދަލުކޮށްލަ އެވެ.

comment ކޮމެންޓް