ރޭ ފެނުނުފަދަ މުންކަރާތްތައް ހުއްޓުވޭނީ ރައްޔިތުން އެކަމުން އެއްކިބާ ވެގެން: ސަލަފް

މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރެއްވުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ކުރިއަށްގެންދިޔަ މިއުޒިކް ޝޯގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއައިޓީޑީސީ ގުޅިގެން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯގައި ހިނގިފަދަ މުންކަރާތްތައް ހުއްޓުވޭނީ އާންމު ރައްޔިތުން އެކަންތައްތަކުން އެއްކިބާ ވެގެން ކަމަށް ޖަމްއިއްޔަތުލް ސަލަފުން ބުނެފި އެވެ.

އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި ޝޯގައި އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ ބޮލީވުޑްގެ ނަށާ ގުރޫޕެއްގެ އަންހެނުން ލައިގެން ތިބި ނިވާކަންކުޑަ ހެދުމަށާއި ޝޯ ހުށަހަޅައިދިން ބޭރުގެ އަންހެން ހޯސްޓް، އެންމެ ފުރަތަމަ ލައިގެން ހުރި ހެދުމަށެވެ.

އަދި އެކަން ދައުލަތުގެ މީޑިއާ. ޓީވީއެމް އިން ލައިވްކޮށް ދުރަށް ދައްކަމުން ދިއުމުން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެ، ގިނަ ބަޔަކު ދިޔައީ އެކަމަށް ނުރުހުން ފާޅު ކުރަމުންނެވެ.

ރޭގެ ޝޯއާ ގުޅޭގޮތުން ސަލަފުގެ ނައިބް ރައީސް ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ޣައިރު މީހުން ފާހަގަކުރާ ދުވަސްތައް މުސްލިމުން ފާހަގަކުރުމަކީ އިސްލާމީ ވަންތަކަން ގެއްލުމުގެ ބިރު އޮތް ކަމެއް ކަމަށެވެ.

ޝެއިޚް ވިދާޅުވި ގޮތުގައި، ރޭ ފެނުނު ފަދަ މުންކަރާތްތައް ރާއްޖޭގައި ހުއްޓުވޭނީ އާންމު ރައްޔިތުން އެފަދަ ކަންކަމުން އެއްކިބާ ވެގެންނެވެ.

އަދި ޝެއިހުންނެކޭ އެއްގޮތަށް އެކަންކަން ހުއްޓުވުމުގައި އެތަންތަނަށް ދާ މީހުންގެ ޒިންމާއެއްވެސް އެބަ އޮތް ކަން ފާހަގަކުރައްވައި އޭނާ ވަނީ އެފަދަ ކަންކަމުގައި ޝެއިޚުން ކުށްވެރިކޮށްފައި ނިންމާނުލުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މިއީ ވަކި މި ސަރުކާރުން އެކަނި ކުރި ކަމެއް ނޫން ކަމަށާއި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެކަން ހިނގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޝެއިޚް ވިދާޅުވީ، ރޭ ފެނުނު މުންކަރާތްތަކާ ގުޅިގެން ސަލަފުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ މައިންބަފައިންނާއެކު ބަލަދަމުންދާ ޓީވީތަކުންނާއި މީޑިއާ ތަކުން އެފަދަ ޝޯތައް ލައިވް ކުރުން ކަމަށް ފިކުރީ ވިދާޅުވިއެވެ.

ޝެއިހް ފިކުރީ ވިދާޅުވީ، ރޭގެ ޝޯއާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި ހޯމް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީއަށް ވެސް ސަލަފުގެ ކަންބޮޑުވުންތައް މާދަމާ ހިއްސާ ކުރާނެ ކަމަށެވެ.

އެ ޖަމްއިއްޔާ އިން އަބަދުވެސް އެފަދަ މުންކަރާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށާއި ކަމާބެހޭ ފަރާތްތަކާ އެކަމާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ޝައިޚް ވިދާޅުވި އެވެ.

comment ކޮމެންޓް