ދީނީ ޢިލްމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ އަލީ ރަމީޒު ޖަމިއްޔަތުއް ސަލަފުން މިއަދު އިސްތިއުފާދީފިއެވެ.
އޭނާ އެކަން ހާމަކުރީ ސޯޝަލް މީޑިއާގައި ހިއްސާ ކުރި މެސެޖެއްގައެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލު އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.
އަލީ ރަމީޒަކީ ޖަމިއްޔަތުއް ސަލަފްގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޖަމިއްޔާގެ މުއައްސިސެކެވެ. އަލީ ރަމީޒުގެ މި ނިންމުމާ ގުޅިގެން ބައެއް މީހުން ޚިޔާލު ފާޅުކޮށްފައި ވާއިރު، ޖަމިއްޔަތުއްސަލަފަށް ސިޔާސީ ފިކުރު ވަންނަކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެ ފިކުރުގައި ނުޖެހި މިނިވަންކަން މަތީ ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވެސް މީހުން ބުނެފައި ވެއެވެ.

އަލީ ރަމީޒު ހިއްސާކުރި ޕޯސްޓު
އަލީ ރަމީޒު ދިވެހިންގެ ތެރޭގައި ފުރަތަމަ މަޝްހޫރުވީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްފައެވެ.
ސަލަފް އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގައި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ހަރަކާތްތެރި ވާއިރު، ފާއިތުވި އަހަރުތަކުގައި ސަލަފްއިން ދީނީ އެކި ހަރަކާތްތައް ބާއްވައި އިންތިޒާމް ކޮށްފައިވެއެވެ.