ޖަމިއްޔަތުއް ސަލަފްއިން މި އަަހަރު ވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް އިފްތާރު ޕެކް ހަދިޔާކުރަން ފަށައިފިއެވެ.
މިއީ އެ ޖަމިއްޔާއިން އައިޖީއެމްއެޗަށް އިފްތާރު ޕެކް ހަދިޔާކުރާ ފަސް ވަނަ އަހަރެވެ.
"ސަން"އަށް މައުލޫމާތު ދެމުން އެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާއިން އިފްތާރު ޕެކް ހަދިޔާ ކުރަނީ ސްޕޮންސަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއެކު ކަމަށެވެ.
އެގޮތުން މި އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ކޮންމެ ދުވަހަކު 350އާއި 450އާ ދެމެދުގެ އަދަދަކަށް އިފްތާރު ޕެކް ފޯރުކޮށްދެވޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ސަލަފް ޖަމިއްޔާއިން އިސްނަގައިގެން ކުރާ މި މަސައްކަތަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތައުރީފުކޮށްފައިވެއެވެ. އެގޮތުން ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ސަލަފުން ފާއިތުވި އަހަރުތަކުގައި އައިޖީއެމްއެޗަށް ރޯދަވީއްލާ ތަކެތި ހަދިޔާ ކުރަމުން އަންނައިރު އެއީ، ވަރަށް މަތިވެރި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އޭނާވަނީ އައިޖީއެމްއެޗަކީ ރާއްޖޭގެ މައި ހޮސްޕިޓަލުކަން ފާހަގަކޮށް، އެ ހޮސްޕިޓަލަށް ރާއްޖޭގެ އެކި ހިސާބުތަކުންނާއި ރާއްޖޭން ބޭރުގެ ވެސް ބަލި މީހުންދާ ކަމާއި، އެއީ 24 ގަޑިއިރު ޚިދުމަތް ދޭ ތަނެއްކަން ފާހަގަކޮށްފައެވެ.
"ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ބަލިމީހުންނާއި، އެބައިމީހުން ކައިރީ ތިއްބަވާ އެހީތެރިންނާއި ޚިދުމަތުގައި ތިއްބަވާ ނަރުހުންނާ އަދިވެސް އެހެނިހެން މުވައްޒަފުންނަށް ރަމަޟާންމަހު ރޯދަވިއްލުމައް ޕާރުސަލް ފޯރުކޮށްދެމުންދާ ދިއުން މީ ކިހާ މަތިވެރި ޢަމަލެއް ތޯ އެވެ. ޙަގީގަތުގައިވެސް އެއީ މުޙުތާދު ވެރިންނެވެ،" އޭނާ ބުނެފައިވެއެވެ.
އެ ޕޯސްޓުގައިވަނީ ސަލަފުގެ އަމަލުގައާއި މުދަލުގައި ބަރަކާތް ލެއްވުމަށާއި އެ މަސައްކަތުގައި ދެމިތިބުމުގެ ތައުފީގު ދެއްވުމަށް އެދި ދުޢާކޮށްފައެވެ.
ސަލަފް ޖަމިއްޔާއިން އަންނަނީ އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ރޯދަ ވީއްލުމަށް އިފްތާރު ޕެކް ހަދިޔާ ކުރަމުންނެވެ.