އެޗްޑީސީއާއި ސަލަފު ޖަމިއްޔާ ގުޅިގެން މި ރަމަޟާން މަހު ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެކަމަށްޓަކައި އެޗްޑީސީއާއި ސަލަފު ޖަމިއްޔާއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން، ރޯދަ މަހު ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިން ސްޕޭސް ހަމަޖައްސައިދީފައި ވާކަމަށެވެ.
އެގޮތުން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މި ޕްރޮގްރާމްގެ ކޯޑިނޭޓާ މުހައްމަދު ޝުޖާއު ވިދާޅުވީ އިފްތާރް ޕެކް ތައްޔާރު ކުރުމަށް މިފަދަ ތަނެއް ހަމަޖެހުމަކީ މިމަސައްކަތަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
"ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް. ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް." އޭނާ ވިދާޅުވިއެވެ.
އެޗްޑީސީއިން ބުނީ މި ޕްރޮގްރާމަކީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެޗްޑީސީގެ އަމާޒަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްއޮތްތަނުގައި ވެސް މިފަދަ، މުޖުތަމައަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހު އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަމަށް އެ ކުންފުނިން ބުނެއެވެ.