ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ޓަވަރު ތަކުގެ މަސައްކަތް ސިންގަޕޫރު ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށް އެ ކުންފުނިންބު ނެފި އެވެ.
ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން 36 ޓަވަރު އަޅާނެ އެވެ. އަދިި އެ މަޝްރޫއުގެ ދަށުން 10 މުވައްސަސާއަކުން ވަނީ ފުލެޓް އިމާރާތް ކުރާނެ ކަމަށް ބުނެފައެވެ.
އެގޮތުން އެމްޕީއެލް އިން ވަނީ ހުޅުމާލެ އަލަށް ހިއްކި، ފޭސް2 އިން އެ ކުންފުންޏަށް ލިބިފައިވާ 12000 އަކަފޫޓުގެ ބިމުގައި 14 ބުރީގެ ތިން ޓަވަރެއް އަޅަން ނިންމާފައިވާ ކަން މީގެ ކުރިން އިއުލާން ކޮށްފައެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ޓަވަރުތައް އެޅުމަށް ސިންގަޕޫރު ކުންފުންޏަކާ ބުރާސްފަތި ދުވަހު ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވާ ކަމަށެވެ.
އަދި އެ ކުންފުނިން އިމާރާތް ކުރާ ޓަވަރުތަކުގައި ތިން ކޮޓަރީގެ އެޕާޓްމަންޓު ތަކާއި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓު ތަކެއް ހިމެނޭނެ ކަމަށާއި އެ ޓަވަރު ތަކުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.
ނަމަވެސް އެ މަސައްކަތް ހަވާލު ކުރީ ސިންގަޕޫރުގެ ކޮން ނަމަކަށް ކުންފުންޏަކާ ކަމެއް އަދި ކިހާ ވަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ހިޔާ ޕްރޮޖެކްޓުގެ ދަށުން އެމްޕީއެލް އިން އަޅާ ޓަވަރުތައް އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލު ކުރިއިރު، އެމްޓީސީސީ އިން މިދިޔަ އާދީއްތަ ދުވަހު ވަނީ އެ ކުންފުނިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ވެސް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ.
ފައިނޭންސް، ޑިޒައިން އަދި ޑިވެލޮޕް ކުރާ ގޮތަށް އެމްޓީސީސީގެ ޓަވަރުތައް ހަވާލު ކުރީ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވި ގޮތުގައި، މަސައްކަތް ހަވާލުކުރި ސިންގަޕޫރު ކުންފުންޏަކީ މިހާރު ވެސް ހުޅުމާލޭގައި މޮބިލައިޒް ވެފައިވާ ކުންފުންޏެއް ކަމުން ލަސްވެގެން ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވެއެވެ.
އެމްޓީސީސީ އިން ހުޅުމާލޭގައި އަޅާ ދެ ޓަވަރުގައި ހިމެނެނީ ޖުމްލަ 362 އެޕާޓްމަންޓެވެ. އެއީ އެއް ކޮޓަރީގެ 150 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 210 އެޕާޓްމެންޓެވެ.