ފުޓްބޯޅަ މެޗެއްގެ ވިންގަކަށް ނަގާނެ ކުޅުންތެރިންގެ ލިސްޓު ތަރުތީބު ކޮށްލާނަމަ އެ ލިސްޓުގެ ކުރީގައި ފުރާންސަށް އުފަން ފުރޭންކް ރިބަރީ ހިމެނޭނެއެވެ.
އުމުރުން 30 އަށްވުރެ މައްޗަށް ގޮސްފައިވާ ފުރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާގެ ދުވެލި ބާރެވެ. ޗަރުކޭސް ދައްކަން މާ މޮޅު ނުވި ނަމަވެސް ޑްރިބަލްކޮށް ފައިން ބޯޅަ ކޮންޓްރޯލްކޮށް، ފެންވަރުގެ ޕާސް ދިނުމާއި ހިލޭ ޖެހުންތަކަށް އޭނާއަކީ ތަފާތު މީހެކެެވެ.
ދެހާސް ދިހަވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ހޯމުގައި އެ ކުލަބާ ދެކޮޅަށް ރޮބެން ޖަހައިދިން ފެންވަރުގެ ގޯލުގެ ފަހަތުގައި އޮތީ ރިބަރީ ނެގި މޮޅު ކޯނަރެވެ.
ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރި ރޮބެންގެ ފަޔަށް އޮއްސާލި ބޯޅައާއެކު ޑިފެންސް ލައިން ފޫ އަޅުވާލައި ޔުނައިޓެޑް ގޯލުގެ ކަނާތު ތިރީ ކަނަށް ފޮނުވާލި އެ ލަނޑަކީ އަދިވެސް އެ ލަނޑެއްގެ ވާހަކަ ދައްކާ މޮޅު ލަނޑެކެވެ.
ފުރާންސް ފުޓްބޯޅައިގެ "ޖަވާހިރެއް"ގެ ގޮތުގައި ރެއާލް މެޑްރިޑުގެ ކޯޗުގެ ގޮތުގައި މިހާރު ހުރި ފުރާންސްގެ ލެޖެންޑް، ޒައިނުއްދިން ޒިދާން ފާހަގަކުރާ ރިބަރީގެ މޮޅު ކުޅުމުގެ ވާހަކަ ދައްކާ އިރު ދަނޑުމަތީގައި އޭނާ "ތަޅުވާލެވޭނެ" މީހަކު އެބަ ހުއްޓެވެ. އެއީ އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރި ސެއިފުލް އިސްލާމް ރިބަރީއެވެ.
ރިބަރީގެ އެންމެ ބޮޑު ފޭނުގެ ގޮތުގައި ފާހަގަ ވެފައިވާ އެ ކުއްޖާގެ ހުނަރު ފެނިގެންދިޔައީ އަންހެނުންނާއި ހަތަރު ކުދިންނާއެކު ރާއްޖޭގައި ރިބަރީ ހޭދަކުރި ޗުއްޓީގެ ތެރެއިންނެވެ.
މީގެ ތިން ދުވަސް ކުރިން ރިބަރީ ވަނީ އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަ އަނަންތަރާ ކިހަވަށް ރިސޯޓުގެ ބީޗުގައި ހަތް އަހަރުގެ ދަރިފުޅާއެކު ފުޓްބޯޅަ ކުޅޭ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. "މޯލްޑިވްސް ބީޗް ސޮކާ ލީގް ފައިނަލްސް"ގެ ނަމުގައި ހިއްސާ ކޮށްފައިވާ އެ ވީޑިއޯގައި ރިބަރީ "ތަޅުވާލަނީ" ރިބަރީގެ މޭކަށިގަނޑަށް ނާރާ އޭނާގެ ހަތް އަހަރުގެ ދަރިފުޅެވެ.
ތިން ހަތަރު ފަހަރަކު ރިބަރީ އަށް އޮޅުވާލައި ޗަރުކޭސް ދައްކާލުމަށްފަހު ގޮސް އެކުއްޖާ ގޯލު ޖަހާއިރު ގޯލު ދިފާއު ކުރަން ހުރި ރިބަރީ ހުރީ ގޮތް ހުސްވެފައެވެ.
ދަރިފުޅު ޖެހި ލަނޑާއެކު ރިބަރީ ވެސް ގޯލެއް ޖެހުމަށް ބޯޅަ ހިފައިގެން ދެ އެވެ. އަދި ދަރިފުޅުގެ ކައިރިން އެއް ފަހަރު ނައްޓާލުމަށްފަހު ދެވަނަ ފަހަރު ދަރިފުޅުގެ ދެފައިން ދޭތެރެއިން މޮޅުކޮށް ބޯޅަ ދެމިގަނެ ހޭ އަޑު އިވެއެވެ.
ނަމަވެސް ރިބަރީ ކުރި އެ މަސައްކަތް ފެނަށް ވެގެންދިޔައީ ގޯލު ހުސްކޮށް އޮތް ކަން އެނގުމުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވެ ބޭރަށް ނުކުތުމުންނެވެ. އަދި އެއަށްފަހު ބިންމައްޗަށް ރިބަރީ ވެއްޓުމުން ދަރިފުޅު ހޭން ފަށައެވެ.
ވީޑިއޯގައި ފެންނަ ލަނޑަކީ ރިބަރީ ދޫ ދީގެން ޖެހި ލަނޑަކަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ރިބަރީ ރާއްޖޭގައި ކުޅުނު މޯލްޑިވްސް ބީޗް ސޮކާ ލީގް ފައިނަލްސްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އޭނާގެ ދަރިފުޅު ހޮވޭނެއެވެ. ދަނޑުމަތިން މިހާރު ފެންނަ ކުޅުންތެރިންނަށްވުރެ އެ ކުއްޖާގެ ކޮއްޓުމާއި ނެއްޓުން މާ މޮޅެވެ.
ރިބަރީ ހިއްސާކުރި ފަނަރަ ސިކުންތުގެ އެ ވީޑިއޯ މިހާތަނަށް ސަތޭކަ ވިހިހާސް މީހުން ބަލާފައިވާއިރު 82 މީހުން އެ ވިޑީއޯ ޝެއާ ކޮށްފައިވެއެވެ.
ޗުއްޓީ ހޭދަކުރުމަށް މީގެ ކުރިންވެސް ރާއްޖެ އައިސްފައިވާ ރިބަރީ މިފަހަރު ރާއްޖެ އައީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް މުޅި އާއިލާއާއެކު ނަގާފައި ފޮޓޯ އަކާއެކު ރިބެރީ އިއްޔެ ވަނީ ރާއްޖެއަށް އަލްވަދާއު ކިޔާފައެވެ.
އެ ފޮޓޯއާއެކު ރިބަރީ ބުނެފައިވަނީ ޗުއްޓީގެ ފުރަތަމަ ބަޔަށް އަލްވަދާއު ކިޔާ ކަމަށެވެ. އަދި އޭނާ ޗުއްޓީ ހޭދަކުރި ރިސޯޓުގެ މުވައްޒަފުންނަށް އެ ޕޯސްޓުގައި ޝުކުރު އަދާ ކޮށްފައިވެއެވެ.