ވޭމަންޑުއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ

ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ވޭމަންޑޫގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: ވޭމަންޑޫ ކައުންސިލް

ތ. ވޭމަންޑުއަށް ހުއްޓުމެއްނެތި ބޯކޮށް ވާރެ ވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

ވޭމަންޑޫ ކައުންސިލްގެ ނައިބް ރައީސް އަހްމަދު ފަތުހީ 'ސަން' އަށް ވިދާޅުވީ ރޭ 8:30 ގައި އެ ރަށަށް ވެހެން ފެށި ވާރޭ ހުއްޓާލާފައިވަނީ މިއަދު ހެދުނު ކަމަށާއި ރަށުގެ ތިން ބައިކުޅަ ދެބައިގައި ވަނީ ފެންބޮޑުވެފައިކަމަށެވެ.

"ވިއްސާރަ ރޭ 12:30 ހާއިރު ކުޑަކޮށް ތުނިކޮށްލި. ނަމަވެސް މިއަދު ހެނދުނާ ޖެހެންދެން ވެހެމުންދިޔައީ. ރަށުގެ ބޮޑުބައެއްގައި ވަނީ ގާތްގަޑަކަށް ދޮޅު ފޫޓާއި ދެ ފޫޓާ ދެމެދުގެ ބޮޑުމިނަކަށް ފެން ބޮޑުވެފައި،" ފަތުހީ ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެ ހިފާ ގެންގުޚޭ ތަކެއްޗަށް ގެއްލުން ލިިބިފައިވާ ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ.

ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް ހައިމާކެއް ބޭނުންކޮށްގެން ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާ ކަމަށް ފަތުހީ ވިދާޅުވިއެވެ. އަދި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހުރި ގެތަކަށް އިތުރަށް ފެންވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސަތްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ވޭމަންޑުއަށް ބޯކޮށް ވާރެވެހި ފެންބޮޑުވެފައިވާއިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ރޭ ވަނީ އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ގަދަ ވަޔާއި ގުގުރުމާ އެކު ވިއްސާރެވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

comment ކޮމެންޓް