ސްރީލަންކާގެ އިގްތިސާދު މަޑުޖެހި ފަގީރުންގެ ނިސްބަތް އިތުރުވަނީ

ތޫފާނުގެ ސަަބަބުން ސްރީލަންކާގައި ފަގީރުންގެ އަދަދު އިތުުރުވާނެ ވަނީ ބެލެވިފައި

ކޮލަންބޯ (10 ޑިސެންބަރު 2025) : ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ފެންބޮޑުވެ ދަނޑުތަކާއި ފެކްޓްރީ ތަކާއި ވިޔަފާރިތައް ރެކޯޑު މިންވަރަކަށް ހަލާކުވެފައިވާތީ އިގްތިސާދީ ކުރިއެރުން މަޑުޖެހި ފަގީރުންގެ ނިސްބަތް އިތުރުވާނެކަމަށް ސްރީލަންކާއިން ލަފާކޮށްފިއެވެ.

ތޫފާންގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުންދާ ޓީމުތަކާ ހަވާލާފީ ސްރީލަންކާގެ މަސްއޫލުވެރިން ވިދާޅުވީ 2004 ވަނަ އަހަރު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވި ސުނާމީ ބޮޑުރާޅުގެ ސަބަބުން ސްރީލަންކާއަށް ލިބުނުވަރުގެ ބޮޑު ގެއްލުމެއް ތޫފާން ދިތުވާގެ ސަބަބުން ލިބިފައިވާކަމަށް އަންދާޒާ ކުރެވޭކަމުގައެވެ. ނަތީޖާއެއްގެ ގޮތުން އަންނައަހަރު ސްރީލަންކާގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށަށްގޮސް ފަގީރުންގެ އަދަދު މަތިވެ ވަޒީފާނެތް މީހުންގެ ނިސްބަތްވެސް މައްޗަށް ދާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މި ގެއްލުންތަކުގެ ނޭދެވޭ އަސަރު ސްރީލަންކާގެ ޖީޑީޕީން ވެސް ފެންނާނެކަމަށް އެ ގައުމުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

މިދިޔަ އަހަރަށް ބަލާނަމަ ސްރީލަންކާގެ ގައުމީ އާމްދަނީ އަކީ އަހަރަކު ގާތްގަނޑަކަށް 98 ބިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރެކެވެ. ތޫފާން ދިތުވާ ގެ ސަބަބުން ސީދާ ގޮތެއްގައި ލިބުނު ގެއްލުންތަކުގެ މިންވަރު ހަތް ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސްރީލަންކާ ސަރުކާރުން ވަނީ އަންދާޒާ ކޮށްފައެވެ. ނުސީދާ ގެއްލުންތަކާއެކު ޖުމްލަ ގެއްލުން 10 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ވެސް ވަނީ ބެލެވިފައެވެ.

އަހަރަކު 98 ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބޭގައުމަކަށް އަހަރެއްގެ ތެރޭގައި 10 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ނޫނީ ހަތް ބިލިޔަން ޑޮލަރުގެ ގެއްލުމެއްވެސް ލިބުމަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމީ އާމްދަނީން ނުފެނި ނުދާނެކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 635 އަށް އަރާފައިވާއިރު، ސްރީލަންކާގެ 23 މިލިޔަން މީހުންގެ އާބާދީގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް 10 އިންސައްތަ މީހުން (ގާތްގަނޑަކަށް ދެމިލިޔަނަށް ވުރެ ގިނަ މީހުން) ތޫފާންގެ ގެއްލުންތައް ވަނީ ތަހައްމަލް ކުރަންޖެހިފައެވެ. އަދި 1.2 މިލިޔަން މީހުން ވަނީ ސަރުކާރުގެ ސީދާ އެހީ ނުލިބި ދިރިނޫޅެވޭ ވަރަށް ހާލުގައި ޖެހިފައެވެ. އިތުރު މިލިޔަނެއްހާ މީހުންނަށް ވަނީ އެ މީހުންގެ ދިރިއުޅުމުގެ ވަސީލަތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި އެކަން ތަހައްމަލް ކުރަންޖެހިފައެވެ.

ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އިޔާދު

މި ގެއްލުންތަކުން އަރައިގަތުމަށް ބައެއް ގައުމުތަކުން ވަނީ ސްރީލަންކާއަށް އިންސާނީ އެހީގެ ތަކެތި ކޮންމެވެސް ވަރަކަށް ފޯރުކޮށްދީފައެވެ. ނަމަވެސް ފައިސާގެ ގޮތުގައި މިހާތަނަށް 10 މިލިޔަން ޑޮލަރުގެ އެހީވެސް ސްރީލަންކާއަށް ލިބިފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެމެރިކާއިން އިންސާނީ އެހީގެ ގޮތުގައި ސްރީލަންކާއަށް ދީފައިވަނީ އެންމެ ދެ މިލިޔަން ޑޮލަރުގެ އެހީއެވެ. ޗައިނާއާއި އިންޑިއާ އަދި ޖަޕާން މިއިން ކޮންމެ ގައުމަކުން ވަނީ އިންސާނީ އެހީގެގޮތުގައި ފަސް މިލިޔަން ޑޮލަރުގެ މިންވަރަށް ގިނަ އެހީތައް ފޯރުކޮށްދީފައެވެ. އަދި ރާއްޖޭން ވެސް ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިންސާނީ އެހީގެ ގޮތުގައި މިހާތަނަށް ސްރީލަންކާއަށް އެންމެ ގިނަ ތަކެތި ފޯރުކޮށްދީފައިވަނީ އިންޑިއާ އިންނެވެ. ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި 200 މިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށް ސްރީލަންކާ ސަރުކާރުންވަނީ އައިއެމްއެފްއަށް ހުށަހަޅާފައެވެ. މިއީވެސް ލިބުނު ގެއްލުންތައް ފޫބެއްދޭ ވަރުގެ މިންވަރެއް ނޫނެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ ފަހުކޮޅާއި ޖަނަވަރީ މަހުގެ ކުރީކޮޅަކީ ސްރީލަންކާއަށް ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވާ ދުވަސްކޮޅެކެވެ. އެއީ ކްރިސްމަސް އާއި އައު އަހަރު ފެށޭ ދުވަސްކޮޅަށްވާތީއެވެ. ނަމަވެސް ފެންބޮޑުވުމުގެ ކާރިސާގައި ސްރީލަންކާގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމާ އަދި އެ ގެއްލުންތައް ފޫބެއްދުމަށް އަދި ދެ ތިން ހަތަރު މަސް ބޭނުންވާތީ މި މޫސުމުގައި ލިބޭނެކަމަށް ކުރިން ލަފާކުރި ފަތުރުވެރިކަމުގެ ނަފާގެ ބޮޑުބައެއް ސްރީލަންކާއަށް ގެއްލިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް