ނޭނގި ހިތާ ކުޅެލީ - 14

"ކަލެއަށް އަހަރެން މިކިޔާ އެއްޗެއް އަޑެއްނީވޭތަ؟ " އިމާދުއްދީންގެ އަޑު ތަންކޮޅެއް ގަދަވިއެވެ. ނަފްރަތުގެ އަލިފާންގަނޑު ރޯވެގަތްގޮތަށް އެދެލޯވެސް ވިރިގެންފައިބަފާނެ ކަހަލައެވެ. ލޯ ރަތްކޮށްލައިގެން ހުރިއިރު އެ ދެލޮލުގައިވި ނަފްރަތު ހަމަ ޔަގީނުންވެސް ލުކުމާންއަށް އިހުސާސް ނުކުރެވިއެއްނުދާނެއެވެ. އިންސާނަކު ފެނިފަ މިހާ ރުޅިއައި ހަދާނެއް އޭނަނުވެއެވެ. ލުކުމާން އޭނަ ލަދުގަންނަވާލާ ފަޟީހަތްކޮށްލި ހަދާންތައް އޭނަގެ ހިތުން ދުވަހަކު ފިލައިގެނެއްނުދާނެއެވެ. އެތައް ބަޔެއްގެ ތެރޭގައި އޭނަ ހަމައެކަނި ސަވާނާގެ ހިތާއި ކުޅެލީއެއް ނޫނެވެ. އޭނަގެ އަގުވެސް ވައްޓައިލީއެވެ. ލަދުން މީހެއްގެ މޫނަށް ބަލައިލަންވެސް އޭނަ ހުރީ ނުކުޅެދިފައެވެ.

ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއިއެކު އިމާދުއްދީންއަށް އެއީ ކާކުކަން ދެނެގަނެވުނެވެ. އެނބުރި ބަލައިލެވުނުއިރު ނިތްކުރީގައިވިހާ ރޫތައް ފިލައިގެން ދިޔައެވެ. ކުރިމަތީގައި ހުރީ ލިވިއާ ފިޔަވާ ދެވަނަމީހެއްނޫނެވެ. ރަތާއި ކަޅުކުލައިގެ ކަކުލާއި ހަމަޔަށްހުރި ހެދުމަކާއިއެކު ހީލްއަކަށް އަރާފައި ލުއި މޭކަޕެއްކޮށްފައި ހުއްޓެވެ. އިމާދުއްދީންގެ ހިތް ހަމަ ނުހުއްޓުނީ ކިރިޔާއެވެ. ލުކުމާން އެތާ ހުރިކަމެއްވެސް ހަނދާނެއްނެތި ބަލަން ހުރެވުނީ ދީވާނާއެއް ފަދައިންނެވެ.

"ލިވިއާ....." އިމާދުއްދީން ކިޔައިލިއެވެ.

"އަޅުގަނޑު މިއައީ ނަންނި މިތަނުން ޖޮބެއްދޭން ބުނެފައި އޮތީމަ އެހެންވެ. ކޯހަށް ފުރުމުގެ ކުރިން ދުވަސްކޮޅަކަށް މަސައްކަތްކޮށްލަންކަމަށް މިއައީ. ވަރަށް އުފާވޭ ލޫކްއާއި އެއްކޮށް ވޯކްކުރަން ލިބުނީމަ. ވަރަށް ރުޅިއައި އެންމެފަހު ވަގުތު އެގޮތަށް ޕާޓީއަށް ނައިމަ އެކަމަކު ދެން އެނގުނީ ލޫކް މަންމަ ކުއްލިގޮތަކަށް ނިޔާވިކަން. އަޅުގަނޑު ދެރަވެދާނެތީ ނުވެސް ބުނެ ތިބީ. ހާޓްއެޓޭކެއް ޖެހިގެން ހަމަ އެވަގުތު ފުރައިގެންދާން ޖެހުނީ. ރަށަށް ދެވުނުއިރު ބޮޑުދައްތަ ނިޔާވެއްޖެ....." ލިވިއާ އެހާ އޮމާންކޮށް ދޮގުހެދިއިރު އެއްވެސް އަޅައިގަތުމެއްނެތެވެ. ދޮގުމައްޗަށް ދޮގެކެވެ. ލުކުމާންވެސް ހުރީ ލިވިއާގެ އެހުނަރާއިމެދު އަޖައިބުވެފައެވެ.

"އޯ........." އިމާދުއްދީންގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސް އާވެގަތެވެ.

"ލައްބަ. އަޅުގަނޑަށްވެސް އެނގުނީ މިއަދު. ލޫކް ވަރަށް ކެތްތެރި. އެހުރިހާކަމެއް ހިނގިއިރުވެސް އެހެރީ ނުބުނެ. އެދުވަހު ލޫކްއަށް މަންމަ ހާޓްއެޓޭކެއް ޖެހުނުކަން އެނގުނީމަ ފެއިންޓްވީ. މަންމަދެކެ އޭނަ ވަރަށް ލޯބިވާނެ. މަންމަމެން ކައިވެންޏަށް އަންނާންވެގެން އެދުވަހު ފުރަން ލޯންޗަށް އެރިތަނާ އެ ހާދިސާއެއް ހިނގީ. ލޫކް އެކަމާ ވަރަށް ދެރަވި. ރިގްރެޓްކުރި. ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމަށްފަހު ދޫކޮށްލުމުން ނަންނިމެން ކުރިމައްޗަށް އަންނާނެ ހިތްވަރެއް ނުލިބުނީ އެހެންވެ. އަޅުގަނޑަށްވެސް އެނގޭ ލޫކްގެ ވަފާތެރިކަމާއި ތެދުވެރިކަމާއި ދީނީކަންތައްތަކަސް ފަރުވާ ބަހައްޓާވަރު. އެނގިގެން އޭނަ އަންހެންކުއްޖަކަށް ލަނޑެއްނުދޭނެ. ލޫކް ގަސްތުގައި ކުރިކަމެއްނަމަ ނުވެސް ކެރޭނެ މިތާ ވޯކްކުރަން އަންނާކަށް. ކީކޭ ލޫކް ބުނަނީ......." ލިވިއާ ލުކުމާންއަށް ބަލައިލިއިރު ލުކުމާން އިނީ ފައިލެއް ހުޅުވާލައިގެންނެވެ. ލިވިއާ މޭޒުމަތީގައި ހުރި ވާސްގައި މާތައް ރީތިކޮށް އަތުރަންފެށިއެވެ.

"އެކަމަކު ލުކުމާންއަށް ގުޅާފައިވެސް ބުނެވޭނެ ދޯ. އެކަމުގެ ސަބަބުން ނަންނިއަށް ނަފްސާނީގޮތުން ކުރި އަސަރުގެ ސަބަބުން ނަންނި ސުއިސައިޑްކުރަން އުޅުނީ........" އިމާދުއްދީން ބުނެލިއެވެ.

"ނޫނޭ ނަންނި އެހާ ފިނޑިކުއްޖެއްނޫން. ނަންނި މިއަދު ކޮންފެސްކުރި. ރެއިލިންމައްޗަށް އެރީ ފުންމާލާކަށް ނޫން. ފައި ކައްސާލައިގެން ވެއްޓުނީކަމަށް ބުނި...."

އިމާދުއްދީން ހަމަޖެހުމުގެ ނޭވާއެއް ލީއިރު ހިތަށް ބުނަންނޭގޭފަދަ އުފާވެރިކަމެއް ލިބިއްޖެއެވެ. ލުކުމާންއާއި ހަގުރާމަކޮށްގެނެއް ކުރިއެއް ނުލިބޭނެއެވެ. ލުކުމާންއާއި ލިވިއާގެ ގާތްތިމާގެ ގުޅުން އެހެންއޮތްއިރު ލުކުމާންއާއި ސަވާނާ ގުޅިއްޖެއްޔާ އޭނަ ލިވިއާއާއި ގުޅެން ފަސޭހަވާނެ ނޫންހެއްޔެވެ؟ ވީއިރު މި ގުޅުން އަދި ކަނޑުވާލާކަށް ނުވާނެއެވެ. ހަގީގަތުގައިވެސް ލުކުމާންއަށް އެލިބުނީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ ކައިވެންޏަށް އަންނަން އުޅެނިކޮށް މަންމަ ނިޔާވުމުން ހާދަ އަސަރެއްކުރާނެއެވެ. ހާދަ ދެރައެއްވާނެއެވެ. އަމިއްލަ ސުންޕާކަމޭ އެކުއްޖާފުޅުހިތަށް އަރާނެއެވެ. އެ އާއިލާގެ އެއްވެސް މީހަކަށް ނާދެވުނު ސަބަބަކީ އެއީއެވެ. ހަގީގަތުން ފަރުދާކެހުމުން ހިތް މުޅިން ސާފުވެ ލުކުމާންއަށް ސަވާނާގެ މަގާމުދޭން ނިންމިއެވެ. އިމާދުއްދީން ގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވުމާއިއެކު ލުކުމާންގެ ކޮނޑުގައި އަތުން ފިރުމައިލިއިރު އެދެލޮލުގައި އެހެން ކުލައެއްވިއެވެ.

"ވަރަށް ބޮޑަށް ދެރަވެއްޖެ. އެވަރުގެ ކަމެއް ހިނގާދިޔައިރު ނުވެސް ބުނީމެއްނު...." އިމާދުއްދީން ދެވަނަފަހަރަށްވެސް މާފަށް އެދުނެވެ.

"ލިވީ އާއި ތިކަހަލަ ކަންތައް ހަވާލުވެފައި އޮންނަނީ. އޭނަ އެކަހަލަ ކަންތައްތަކަށް ކުޅަދާނަ......" ލުކުމާން އިނީ އެތެރެ އެތެރެއިން ހުނުންގަނޑު ހިންދާލައިގެންނެވެ.

ލިވީ ޕީއޭގެ ގޮތުގައި ބަހައްޓައިގެން މިތާ ހިންގުމާއި ވަގުތީގޮތުން ލުކުމާން ހަވާލުވާން އެދެން. މިއަދު މީޓިންއެއް ބާއްވާފައި މިހުރިހާކަމެއް މިގޮތަށް ނިންމާނަން. އެއް އާއިލާއެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުން ނަންނިއަށް ލިބޭ ހިތްވަރަކަށްވާނެ. މިހާރުން މިހާރަށްވެސް މީޓިން ބާއްވަން ވީ....." އިމާދުއްދީންގެ އަޑުގައި އާދަޔާ ޚިލާފު ޖޯޝެއް އެކުލެވުނެވެ.

ލުކުމާން އާއި ލިވިއާ އެކީގައި ނުކުމެގެން ދަމުން ލުކުމާން ލިވިއާގެ އަތުގައި ހިފާ ފިތާލުމުން ލިވިއާ ސިހިފައި އަތްދަމައިގަތީ ބިރުވެރިގޮތަކަށް ދެލޯބޮޑުކޮށްލަމުންނެވެ. އޭނައާއި ލުކުމާންގެ އެފަދަ އެއްވެސް ގުޅުމެއް އޮތްކަން އިމާދުއްދީންއަށް ކިރިޔާ ހިލަމެއްވިޔަސް ހުރިހާ ޕްލޭނެއް ފަނިވާނެއެވެ. އޭނަ ދޮގުތަކެއް ހަދައިގެން ލުކުމާން ސަލާމަތްކޮށްދީފިއެވެ. ނުވިސްނުނު ތަންކޮޅަކީ އޭނަ އެކުރިކަމަކުން އަނެއްކާވެސް ލުކުމާންއާއި ސަވާނާގެ ގުޅުމަށް މަގުފަހިވެދާނެކަމެވެ. އެދެމީހުން ގުޅުނަސް އެހާ އަވަހަށް ކައިވެންޏަކާއި ހަމަޔަށް ނުދާނެކަމުގެ ޔަގީންކަން ލިވިއާގެ އޮތެވެ. ހަގީގަތަކީ އޭނަ ބޭނުންވީ ލުކުމާންއާއިއެކު އެއް އޮފީހުގައި މަސައްކަތްކުރުމެވެ. ކުރިން އުޅުނު އޮފީހުގެ ކުދިންނަށް އޭނަގެ ހުރި ކުޅަދާނަކަމާއި ކާމިޔާބުކަން އެންގުމެވެ. ވަރަށް ދުވަސްވާންދެން އެމީހުންނަށް އޭނައަށް ހަނގާ ކުރެވިއްޖެއެވެ. ދެނެއް ނުކުރެވޭނެއެވެ.

ކޮންފެރެންސް ހޯލުގައި ވާ ބޮޑުމޭޒުގެ ވަށައިގެން އަތުރާފައި ހުރި ގޮނޑިތަކުގައި އެތަނުގެ އިސް މުވައްޒަފުން އިށީނދެ ގޮނޑިތައް ފުރަމުން ދިޔައެވެ. ސީއީއޯގެ ހައިސިއްޔަތުން އިމާދުއްދީން އެންމެނާއި ބައްދަލުކޮށް އެންމެ ފުރަތަމަވެސް ލުކުމާންއާއި ލިވިއާއަށް އިސް ވަޒީފާތައް ދިންކަން އިއުލާންކުރިއެވެ. ލުކުމާންއާއި ދިމާލަށް އެންމެން ބަލަން ތިބީ ޝައްކުގެ ނަޒަރަކުންނެވެ. އަމިއްލަ ދަރިފުޅަށް އެހާވަރުގެ ކެއްސެއްދޭން ކެރުނުމީހަކު އިމާދުއްދީން ބަލައިގަތީމަ ހިތްތަކުގައި އުފެދުނު ސުވާލުތަކަށް އެހާ އަވަހަށް ޖަވާބު ލިބުނެވެ. ލުކުމާންއަށް ކައިވެންޏަށް ނުދެވުނީ މަންމައަށް ހާޓްއެޓޭކެއްޖެހިގެން ކަމަށާއި ލުކުމާން އެޑްމިޓްކޮށްފައިވާކަމަށް ބުނުމުން އެންމެންގެ ހިތްތައް ހަމްދަރުދީއިން ފުރުނެވެ. ޖަލްސާ ނިންމުމުން ފަހަރަކު މީހަކުހެން ލުކުމާންއާއި ބައްދަލުކޮށް ތައުޒިޔާ ކިޔަންފެށިއެވެ. ލިވިއާ ހުރީ ލާނެތް ހިންޏެއް އައިސްފައެވެ. ލުކުމާން ވަގުތެއް ލިބުމާއިއެކު ލިވިއާގެ އަތުގައި ހިފާ ދަމައިގެން ގޮސް ކެބިންއަށްވަދެ ދޮރުލެއްޕިއެވެ.

"ސާބަސް ލިވީ. އަހަރެންގެ މަންމަ މަރުވީއޭ ކިޔާފައި ތިގަތް ގަނޑެއް ދޯ. ކޮބާ އަހަރެންގެ މަންމަ. ކޮބާ އަހަރެން ފެމިލީ. އެމީހުންނާއި ބެހޭގޮތުން ލިވީއަށް އެނގެނީ ކޮންކަމެއް. މަރުވެއްޖެޔޯ. ހަހަ....... މިވަރުގެ ފޭކް ޚަބަރެއް މީހަކަށް ހަދާނުލެވޭނެ. ބުނަން ލިވީ. ވަރުގަދަ އަދަބެއްދޭނަން. ތިހެދި ދޮގަކުން އަހަރެން އިނީ ހަމަ ނޭވާލާންވެސް ނޭގިފައި........" ލުކުމާން ލިވިއާގެ ކަންފަތު ފޫޅުގަނޑުގައި ހިފާ ދަމާލުމުން ލިވިއާއަށް ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ.

ގޭގެ ބަގީޗާގައި ފޮޅިފައިވާ ހަނދުވަރީ ޗާންދަނީ އަދި ހުސްނުހީނާފަދަ މާތަކުގައި ބޮސްދެމުންދާ ވައިރޯޅިތައް މާމެލާމެލީގެ މީރުވަސް ފަތުރުވުމަން ދިޔައެވެ. ގަދަ ފެހިކުލައިގެ ވިނަގަނޑު މުޅި އެހިސާބުގައި ދޫލައެއްހެން ފެތުރިފައިވާއިރު އެތަނުގެ ހިތްގައިމުކަން ބަލާބަލާ ފޫހިވާވަރެއްނޫނެވެ. ޕެޓޫނިއާ ރަންކަށި އަދި ސަންފްލާވާފަދަ އެކި ކުލަތަކުގެ އެތައް ސަތޭކަ މަލެއް ފޮޅިފައިވާއިރު ކޮކާތައް އެއްމަލުން އަނެއް މަލަށް ދަތުރުކޮށް ބޮސްދެނީ ލުއިލުއިކޮށެވެ. މާމަލުގެ ނާޒުކްކަން އެކޮކާތަކަށްވެސް އިހުސާސްވާފަދައެވެ. ލިވިއާ އެ މަންޒަރާއިއެކު ސެލްފީ ނަގަން ހުރީ އިންސްޓަގްރާމަށް ލުމަށެވެ. އެމަންޒަރު ދެކެން އާގަމަވެފެ ކަޅިވިދިފައި އިމާދުއްދީން ހުރިކަމެއް ރޭކާވެސް ނުލައެވެ. ލިވިއާ ރަތްކުލައިގެ ފިނިފެންމަލެއްގައި ބޮސްދީފައި ހިންދެމިލިވަގުތު މީހެއްގެ ގައިގާ ލައިގަތުމުން އެނބުރުނުއިރު ކުރިމަތީގައި ހުރީ އިމާދުއްދީނެވެ.

"ސޮރީ....." އިމާދުއްދީންއަށް ބުނެވުނެވެ. އޭނަގެ މޫނުމަތީގައި ދާތިކިތައް ވިދައެވެ.

"އިޓްސް އޯކޭ. އަޅުގަނޑު ހަމަ ސެލްފީތަކެއް ނަގައިލީ..."

"އަހަރެން ސެލްފީއެއް ނެގިޔަސް އޯކޭތަ؟ " އިމާދުއްދީން ހުއްދައަށް އެދުނެވެ. ލިވިއާގެ ޖަވާބަކަށްވީ ފަރި ހިނިތުންވުމަކާއިއެކު ކިރިޔާ މޫނާއި މޫނު ޖެހޭ ހިސާބަށް ގާތްވެލުމެވެ. އިމާދުއްދީންގެ ހިއްސުތަކުގައި ހުޅުރޯވެއްޖެއެވެ. އީމާންތެރިންގެ ހިތްތައް މަގުން ކައްސާލާފަދަ ރީތި އަންހެންކުއްޖާގެ ގައިން ދުވާ މީރުވަސް މި ހުރިހާ މާތަކާއި އަޅާކިޔާލެވޭވަރެއް ނޫނެވެ. އެހާ ހިތްގައިމެވެ. އެއިސްތަށިގަނޑުން ބަޔެއް އިމާދުއްދީންގެ މޫނުގައި ބީހިލުމުން ދެލޯމަރައިލެވުނީ ލިބުނު އަރާމަކުންނެވެ. އިމާދުއްދީން ފޯނުގެ ބަޓްންއަކަށް ފިތާލުމާއިއެކު އެތައް ފޮޓޯއެއް އެއްފަހަރާ ނެގިގެން ދިޔައެވެ. އިމާދުއްދީން ނުދެނެހުރިކަމަށް ހަދާލާ އަދިވެސް ބޮޑަށް ގާތްވެލިއެވެ. ދެކޯތާފަތްޖެހުނެވެ. އިމާދުއްދީންގެ ހިތް ކޮންޓްރޯލުން ނެއްޓުނުއިރު ލިވިއާއަށް އެ ކައިރިވުމުން ނިކަން އުދަގޫވިއެވެ. މުސްކުޅިބެގަނޑު އަދިވެސް ޅަ އަންހެންކުދިންނަށް ހިތްކިޔަނީއޭ ހިތަށް އަރާ ކުދިކިޔާފައިވެސް އޭނަ ހުރީ ނިކަން ހީލައިގެންނެވެ. ކިތަންމެ ރުޅިއަޔަސް އެކަމަށް ކެތްތެރިވާން ޖެހެނީ ހިތުގެ މުރާދަ ހާސިލުކުރުމަށެވެ.

"ތޭންކްސް..." އިމާދުއްދީން ހަށިގަނޑު ސީދާކޮށްލިއެވެ.

"މަލަށް ވަރަށް ލޯބިކުރާ ކުއްޖެއްކަން އެނގިއްޖެ...." އިމާދުއްދީން ފުން ނޭވައެއްދޫކޮށްލިގޮތުން ހީވީ މިހުރިހާ އިރުވަންދެން އޮކްސިޖަންކޮޅެއް ނުލިބިފައި ހުރިހެންނެވެ.

"އަބަދު ހިތަށް އަރާ މާ ފިހާރައެއް ހުޅުވާނީއޭ. އަދި އެފަދަ ނަސީބެއްނުލިބޭ. މީހަކު ލޯނެއްދޭނެނަމަ......."

"ތީ އެވަރުކަމެއްތަ؟ އަހަރެން މިހިރީނު. ލިވިއާ ހަމަ ކޮންމެ ކަމަކު ބުންޏަސް އަހަރެން ކޮށްދޭނަން. ކުޑަ ކުޑަ ތަނެއް ރެންޓްކޮށްގެން އެކަހަލަ ކަމެއްފެށިދާނެ. އުޅެމާ ހިނގާ ތިކަމާ. އެކަމަކު އިތުރުމީހަކަށް އެނގިގެން ނުވާނެ. ދެމީހުންގެ ސިއްރެއްމިއީ އިނގޭ..." އިމާދުއްދީން މަޑުމަޑުންވާހަކަ ދެއްކިއިރު އޭނަގެ ހިތް އަވަސްވެގެން އެހެން ކަމެއްހެން ހީވިއެވެ.

"ނުބުނާނަން. އަޅުގަނޑަށް ވެދޭ ކޮންމެ އެހީއެއް އައި ވިލް ޕޭ ބެކް ސަމްހައު....." ލިވިއާ ޔަގީންކަންދިނުމާއިއެކު ރަކި ހުނުމެއް ހީލިއެވެ.

"ތިހާ ދުރުކޮށްނުލާ. އަހަރެން މިއީ ގާތް އެކުވެރިޔެއްކަމަށް ބަލާ.......ލިވީ. އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ ލުކުމާންއާއި ސަވާނާ އަލުން ގުޅޭނެ ގޮތް ހަދައިދީ. ނަންނިގެ ހިތް ވަރަށް ބޮޑަށް ކިލަބުވެ ލޫކްދެކެ ފޫހިވެފައިތާ ހުންނާނީ. ކޮންމެގޮތެއްވިޔަސް ނަންނިއަށް އެކަން ބަލައިގަންނަން ފަސޭހައެއްނުވާނެ. މީހުންނަށް އިތުބާރުކުރުން އުދަގޫވެދާނެ. އަލުން އެ އިތުބާރު އަނބުރާ ލިބޭނެގޮތް ހަދަން ނަންނިއަށް އެހީތެރިވެދީބަލަ އިނގޭ ލިވީ...." އިމާދުއްދީން "ލިވީ" ކިޔަންފެށުމުން ލިވިއާ ފޫހިވިއެވެ. އިމާދުއްދީން އެނަން ކިޔާއިރު ލުކުމާން އެގޮވާލާއިރު ހުންނަ ކަހަލަ އެއްވެސް އަސަރެއްނެތެވެ.

ލިވިއާއަށްޓަކާ އިމާދުއްދީން ނުވާކަށް ގުރުބާނީއެއްނެތެވެ. ދަރާވިކިގެންވެސް އޭނަ ހުރީ އޭނަގެ ލޯބި މިލްކުކުރަން ހިތާހިތުން އަޒުމް ކަނޑައަޅައިގެންނެވެ. އެދިމާލުން ކުޑަ ފިހާރައެއް ކުއްޔަށް ހިފަންވެގެން އިމާދުއްދީން މަސައްކަތްފެށީ ލިވިއާއަށް ސަޕްރައިޒެއް ދިނުމަށެވެ. ލިވިއާގެ ހިތް ދާދި ފަސޭހައިން އަތުލެވޭނެކަން އެނގުނެވެ.

ލިވިއާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން އޮތީ މެޑޯނާގެ ވީޑިއޯތަކެއް ބަލާށެވެ. "މެޓީރިއަލްގާލް" ގެ ލަވައަށް ހުރިހާ ސަމާލުކަމެއް ހުއްޓާލައިގެން އިނީ އެނދުގެ ފަޑިއަށް ލެނގިލައިގެންނެވެ. އިމާދުއްދީން ވަނެވެ.

"ކޮބާ ލިވީ ކޯނޗެއް ތިބަލަނީ؟ " އިމާދުއްދީން އަހައިލިއެވެ.

"ވީޑިއޯ ލަވަތަކެއް....."

"އަހަރެން ޖޮއިން ކުރިޔަސް އޯކޭތަ....." އިމާދުއްދީން އަހައިލުމާއިއެކު ލިވިއާ އެނދުގެ މެދަށް ޖެހިލީ ދައުވަތުދެމުންނެވެ. އިމާދުއްދީން ގަޔާވެލާފައި ކައިރީގައި ޖައްސާލިއިރު ލިވިއާގެ ހާމަޔަށް ހުރި އަތާއި އިމާދުއްދީންގެ އަތް ޖެހި ފިތިފައިވިއެވެ. އިމާދުއްދީންއާއި ދެމީހުން އެއް އުމުރެއްގެ ދެމީހުން ފަދައިން ހީހީފައި ވީޑިއޯލަވަތައް ބަލައިލަން ތިބިއިރު ވީޑިއޯތަކަށްވުރެ އިމާދުއްދީންގެ ނަޒަރު ހުއްޓެނީ ލިވިއާގެ މޫނަށެވެ. އެދެމީހުން އެހާ ކައިރީގައި ތިއްބާ އެހެންލާފައި ދިޔަމީހަކު ދޮރުން ބޯދިއްކޮށްލާފައި ބަލައިލިއިރުވެސް އެދެމީހުންނަކަށް ހިލަމެއްނުވިއެވެ.

ސަވާނާއަށް ލިވިއާ ކިޔައިދިން ވާހަކަތަކުން ސަވާނާއަށް ލިބުނު ހައިރާންކަމާއިއެކު ޝޮކެއްލިބުނެވެ. ދެރަވެސްވިއެވެ. ލުކުމާންގެ ހިތާމައާއި ހިތް ބައިވެރިވީ ވަގުތުކޮޅެއް އައުމަށްފަހު ހިތް އުފަލުން ނަށައިލިއެވެ. ބޭނުންވީ އެވަގުތުވެސް ނަށައިލުމަށެވެ. ފުރާނަވެސް އުފަލުން އުދުހިގެން ހިނގައިދާނެފަދަ ޚަބަރެކެވެ. ލުކުމާންއަށް ކައިވެންޏަށް ނާދެވުނީ ކައިވެންޏަށް އަންނަންވެގެން މަންމަ ލޯންޗަށް އެރިތަނާ މެޔަށްތަދުވެ ރަށު ސިއްހީ މަރުކަޒަށް މަންމަ ގެންދަން ޖެހުމުގެ ސަބަބުންނެވެ. މަންމަ ނިޔާވީއެވެ. އެ ޚަބަރު ލިބުމާއިއެކު ލުކުމާން އަނބުރައިގަތީއެވެ. ލުކުމާން ވަގުތުން ރަށަށް ގެންގޮސް މަންމަ ފެނުމާއިއެކު އަނެއްކާ ހޭނެތުނެވެ. އެޑްމިޓްކޮށްފައި ދެތިން ދުވަސްވާންދެން އޮތްއިރު ލުކުމާންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އެވާހަކަތައް އިވުމުން ސަވާނާގެ ހިތުގައި ލުކުމާންއާއި މެދު އުފެދިގަތް އިހުސާސްތައް ވަރުގަދަވިއެވެ. ލޯތްބާއި ކުލުނު އެތައްގުނަ އިތުރުވެ ހަމްދަރުދީއިން ހިތް ބަރާވިއެވެ. ވަގުތުން ލުކުމާންއަށް މެސެޖްކޮށްލަން ޟަމީރު ހަދާންކޮށްލަދިނެވެ. ތައުޒިޔާގެ މެސެޖް ފޮނުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ނަބީލާ އައީ ސަވާނާއަށް މެންދުރު ކެއުން ހިފައިގެންނެވެ. ލިވިއާ ސަވާނާގެ މަގަތުގައި އިށީދެލައިގެން އިންތަން ފެނިފާ ނަބީލާގެ މޫނުގެ ކުލަ ވަގުތުން ފަނޑުވިއެވެ. ސަވާނާގެ އެކުވެރިއަކަށްވުމުން ގަދަކަމުން ވާހަކަދައްކާ އުޅުނަސް މިއަދު ނަބީލާއަށް އެކަމެއް ނުކުރެވޭނެކަން ޔަގީނެވެ. ނަބީލާ ސަލާމް ގޮވުމުން ލިވިއާ ސަލާމުގެ ޖަވާބުދިނެވެ.

"ސަވާނާ. މިހިރީ ކާން ގެނެސްފައި."

"ކޯންޗެއްތަ؟ " ސަވާނާ އޮތީ ހިނިތުންވެލައިގެންނެވެ. މިއިން ޒަމާނެއްގައިވެސް ސަވާނާގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ނުފެނެއެވެ.

"ސްޓީމްޑް ވެޖެޓަބްލްއާއި ސޫޕް.........މޭވާ ސެލެޑް..."

"އަގް........ކާ ހިތެއްނެތް.."

"ޑޮކްޓަރު ބުނުއްވަނީ ރަގަޅު ކާއެއްޗެހި ކެއުމަށް. މޭވާއާއި ތަރުކާރީ ކެއީމަ ދިފާއީނިޒާމް ވަރުގަދަވެ ފާރުތައް އަވަހަށް ހިކޭނެ.........."

"ބާބެކިއު ޕިއްޒާއަކާއި އައިސްކްރީމް ބޭނުމީ......" ސަވާނާ އަނގަޔަށް ގޮތެއްހަދައިލިއެވެ. އެގޮތަށް ޝަކުވާކުރުމުން ނަބީލާއަށް ސަވާނާއާއި ގާތްކަމެއް އިހުސާސްކުރެވުނެވެ. މިއިން ޒަމާނެއްގައިވެސް އެގޮތަށް ސަވާނާ އޭނައާއި ޝަކުވާކޮށް ކަމަކު ކިޔާފައެއްނެތެވެ. މުޅިންވެސް ދެކޮޅުވެރިކަމެވެ.

"ހޫމް ޑޮކްޓަރު ބުނާގޮތަށް ހަދަން ކޮންމެހެންވެސް ނަންނި ޖެހޭނެ. މިއަދު ރައުންޑަށް ނާދޭތަ؟ ކޮންއިރަކުންނޯ ދެން ގެއަށް ފޮނުވައިލަނީ. " ލިވިއާ ހަދާންވީ ކުރީ ދުވަހު ފެނުނު ފޮނި ޒުވާނާއެވެ. އޮޕަރޭޝަން ޑޮކްޓަރަކަށްވުރެ އޭނަ ވައްތަރީ މެގަޒިންއެއްގެ ކަވަރުން ފުންމާލައިގެން އައި މޮޑެލްއަކާއެވެ. އޭނައާއި ލުކުމާންގެ ބޭރުފުށު ސިފަތައް އެހާ ވައްތަރު ނޫނަސް އެ ޓައިޕް މީހެކެވެ. ފިރިހެންވަންތަކަމެއް ހުރެ އެހާ އަޅައިގަންނަ ގޮތެއް ހުއްޓެވެ. އަލުން ދެކޭހިތްވާ މީހެކެވެ. އެގޮތަށް އަޅާނުލީތީ ލިވިއާ ހުރީ ހިތްހަމަނުޖެހިފައެވެ. އޭނައެކޭ ނެތް މީހެއްފަދައެވެ. އެ ޑޮކްޓަރުގެ ފޮނިކަމާއި ބޮޑާކަމުގެ ސަބަބުން ލިވިއާގެ ހިތަށް އުދަގޫކުރުވިއެވެ.

"އަޅުގަނޑު ނަންނިއަށް ކާންދީފާނަން ނަބީލާ ދައްތާ..." ލިވިއާ ތެދުވެ ތަށިތައް އަތުލަން އުޅުމުން އަދި ސަވާނާވެސް ހިތްވަރުދިނެވެ. މަންމަ ދިޔަސް އެންމެ ރަގަޅުކަމުގައި ބުނުމުން ނަބީލާގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. ބާކީވެފައިވާކަމުގެ އިހުސާސްތައް ހިތްވަށާލައިފިއެވެ. ސަވާނާ އެހެން ބުނީ ކޮންމެހެން ނަބީލާއަށް އެފަދަ އިހުސާސްތަކެއް ކުރުވާކަށް ނޫނެވެ. ލިވިއާއާއި އެކު އެކަނިވަގުތުކޮޅެއް ހޭދަކުރުމަށެވެ. ލުކުމާންގެ ވާހަކަ އަހާހިތުންނެވެ. ނަމަވެސް ނަބީލާއަކަށް އެކަމެއް ނެގުނެވެ. މިއަދު ފެނުނު މަންޒަރުތައް ނަބީލާގެ ހިތުގައި އެތައް ވަހުމަކާއި ޝައްކުތަކެއް އިތުރުކޮށްލާފައިވާއިރު ލިވިއާ ފެނުމުންވެސް މިއަދު ވީ ފޫއްސެކެވެ. ލިވިއާފަދަ ޅަ ޒުވާން އަންހެންކުއްޖަކުވެސް އިމާދުއްދީންއާއި ފްލާޓްކުރީއެވެ. އެދެމީހުން ފިތިގެން ތިބެ ހީހީފައި އެބަލަން ތިބީ ކޯންޗެއްކަމެއްވެސް ނޭގެއެވެ. ދަރިފުޅާއިއެކު ވަގުތުތައް ހޭދަކޮށްލަން ހުސްކޮށްގެން އައުމުން ރީތިގޮތުގައި އޭނަ ނެރެލައިފިއެވެ.

ނަބީލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި ހިނގައިގަތް ވަގުތު މީހެއްގެ ގައިގާ އަޅައިގަތުމުން އިސްއުފުލައި ބަލައިލެވުނެވެ.

comment ކޮމެންޓް