ބޮލީވުޑްގެ ތަރި ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް އާ އަހަރު ފާހަގަ ކުރާނީ ރާއްޖޭގައި ކަމަށް ޚަބަރުތައް ބުނެފިއެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަންވީރާއި ދީޕިކާ އާއަހަރު ހޭދަކުރާނީ ރާއްޖޭގެ ޕްރައިވެޑް ރިސޯޓެއްގައެވެ.
މިހާރު ދީޕިކާ ހުރީ ވިއޭނާގައެވެ. ގިނަ ބަޔަކު ހީކުރީ ދީޕިކާ އާއަހަރު ފާހަގަ ކުރާނީވެސް ވިއޭނާގައި ކަމަށެވެ. ނަމަވެސް މިހާރު ރަންވީރާއެކު ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށާއި މިއީ ޕަދްމާވަތީގެ ޝޫޓިންއާއި އެ ފިލްމާ ގުޅިގެން އުފެދުނު މައްސަލަތަކުން އެއް ފަރާތްވެ ސިކުނޑި ތާޒާކޮށްލަން އޭނާ އަށް ލިބޭނެ ފުރުސަތެކެވެ.
ދީޕިކާ އާއި ރަންވީރު ރައްޓެހިވެގެން އުޅޭކަމަށް މީގެ ކުރިން އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް މިދެތަރިންވެސް އެމީހުންގެ ގުޅުމަށް މިހާރު އެއްބަސްވެފައިވާއިރު ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ފޮޓޯތައް ދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނާނެ ކަމަށް ބެލެވެއެވެ.
މީގެ ކުރިން 2013 އަދި 2014 ވަނަ އަހަރު ވެސް އާ އަހަރު ފާހަގަކުރުމަށް ދީޕިކާ ވަނީ ރާއްޖެ އައިސްފައެވެ. އެ ދެފަހަރު އޭނާ ޗުއްޓީ ހޭދަކުރީ ތާޖް އެގްޒޯޓިކާ އަދި ރަންދެލި ރިސޯޓުގައެވެ. 2014 ވަނަ އަހަރުވެސް ދީޕިކާ އާއެކު ރަންވީރު ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖޭގައި އާއަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެމްއައިޓީޑީސީ އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން 31 ޑިސެމްބަރު ވަނަ ދުވަހުގެރޭ ބާއްވާ މިއުޒިކް ޝޯގައި ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ފެންނާނެއެވެ. އަދި ބޮލީވުޑްގެެ ލަވަކިޔުންތެރިން ކަމަށްވާ ރާހަތު ފަތޭހް އަލީ ހާން އާއި މީކާ ސިންގް ގެ ހުށަހެޅުންތައްވެެސް އެ ޝޯގައި ފެންނާނެއެވެ.