ފިލްމު 'އީތާ'ގެ ނެށުމުގެ ފަރިތަކުރުންތަކުގައި ޝްރައްދާ ވަނީ 8 ކިލޯގެ ބަރު ގިގުނި އަޅައިގެން ނަށާފައި: ޑައިރެކްޓަރު

ފިލްމު "އީތާ"ގެ މަންޒަރެއްގައި ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އީތާ"އަށް އޭނާ ވީ ޤުރުބާނީ އާއި ދެއްކި ފަންނީ ޤާބިލުކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރް ބަތަލާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

މަޝްހޫރު ތަމާޝާ އަދި ލަވަނީ ފަންނާނު ވިތާބާއީ ބާއޫ މަންގް ނާރާޔަންގާއޮންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ލަވައެއް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ޑައިރެކްޓަރު ވަނީ، މި ރޯލު ފުރިހަމަކުރުމަށް ޝްރައްދާ އުފުލި ބުރަތަކުގެ ތަފްސީލު ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ލަކްޝްމަން ބުނި ގޮތުގައި، ވައިބަވީ މާޗަންޓް ކޮރިއޮގްރާފްކޮށްފައިވާ މި ލަވަ ޝޫޓްކުރުމަށް ވަނީ ބިޔަ ސެޓެއް ބިނާކޮށްފައެވެ. މި ލަވަތަކަށް ތައްޔާރުވުމުގެ ގޮތުން ޝްރައްދާ ވަނީ 25 ދުވަސް ވަންދެން ކޮންމެ ފަޔެއްގައި ހަތަރު ކިލޯގެ ގުންގުރޫ (ފައިގައި އަޅާ ރަނގަބީލު) އަޅައިގެން ދުވާލަކު 8 ގަޑިއިރު މެދުކެނޑުމެއްނެތި ފަރިތަކޮށްފައެވެ. މި ބުރަ މަސައްކަތުގެ ސަބަބުން އޭނާގެ ފައި ވަރަށް ބޮޑަށް ދުޅަވި ނަމަވެސް، ތަމާޝާ އަދި ލަވަނީ ނެށުމުގެ ފުންމިން ދެނެގަނެ އެ ފަންނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަސްކުރުމަށް ޝްރައްދާކުރި ބުރަ މަސައްކަތް ޑައިރެކްޓަރު ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ލަވައިގެ ޝޫޓިންގްގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއެކު ނިންމާލި ނަމަވެސް، ދެވަނަ ދުވަހު ޝްރައްދާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މަޖުބޫރީ ހާލަތަކަށް ގޮސް ޝޫޓިންގ މެދުކަނޑާލަން ޖެހުނު ކަމަށް ލަކްޝްމަން ބުނެފައިވެއެވެ.

ޑައިރެކްޓަރު ލަކްޝްމަން އުތޭކަރް އަދި ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އެ އަނިޔާއިން މުޅިން ރަނގަޅުވުމަށް މަސްދުވަސް ނެގި ނަމަވެސް، ބަލިން ފަސޭހަވުމާއެކު އެނބުރި ސެޓަށް އައުމަށް އޭނާ ހުރީ ނުހަނު ބޮޑަށް ކެތްމަދުވެފައެވެ. ޑައިރެކްޓަރު ޤަބޫލުކުރާ ގޮތުގައި "އީތާ"ގެ ރޯލަށް މުޅި ބޮލީވުޑް އިންޑަސްޓްރީގައިވެސް ޝްރައްދާ ނޫން އެހެން ފަންނާނަކު އެހާ ފުރިހަމައަށް ނުފެތޭނެއެވެ.

ފިލްމު "އީތާ" އަކީ މަހާރާޝްތުރާގެ އަސްލު ސަޤާފީ ނެށުންތައް ކަމަށްވާ ތަމާޝާ އަދި ލަވަނީގެ މައްޗަށް ބިނާކޮށް، ވިތާބާއީ ނާރާޔަންގާއޮންކަރްގެ ހަޔާތުގެ ސަފުހާތައް ދައްކުވައިދޭ މިއުޒިކަލް ބައޮގްރަފިކަލް ޑްރާމާއެކެވެ. މިއީ މުޖުތަމަޢުގެ ޒަމާންވީ ހަރުކަށި އާދަކާދަތަކާ ދެކޮޅަށް ތެދުވެ، ދިމާވި އެތައް ގޮންޖެހުންތަކެއް ގިރާކޮށް ތާރީޚުގައި ފަނޑުވުމެއް ނެތް ނަމެއް ބިންވަޅުނެގި ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. މަރާޓީ ފޮތެއް ކަމަށްވާ "ތަމާޝާ: ވިތާބާއީޗާ އާޔުޝްޔާޗާ"ގައި ބަޔާންކޮށްފައިވާ ޙަޤީޤީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ޝްރައްދާގެ އިތުރުން ރަންދީޕް ހޫޑާ، މުހައްމަދު ޒީޝާން އައްޔޫބް، ސިދާތު ޖާދަވް، އިޝްތިޔާގް ހާން އަދި އަނަންތު ޖޯޝީ ފަދަ ކުޅަދާނަ ތަރިންގެ އެކްޓިންގް ފެނިގެންދާނެއެވެ.

މެޑޮކް ފިލްމްސް އާއި ކަތުޕުތުލީ ކްރިއޭޝަންސް ގުޅިގެން ދިނޭޝް ވިޖާން އަދި ކަރިޝްމާ ޝަރްމާ ޕްރޮޑިއުސްކުރާ "އީތާ" ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

comment ކޮމެންޓް