އިންޑިއާގައި ދާދިފަހުން ފާހަގަކުރި ދީވާލީގެ ކުލަގަދަ އިޙްތިފާލުތައް ނިމި ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް، ދިއްލީ އެންސީއާރު، މުމްބާއީ، ޕޫނޭ އަދި ކަލްކަތާ ފަދަ ބޮޑެތި ސިޓީތަކުގެ ވައިގެ ކޮލިޓީ އިންތިހާއަށް ދަށްވެ، އެކަމުގެ ނުތަނަވަސްކަން އަދިވެސް އޮތީ އާންމުންގެ މެދުގައި ބޮޑުވެފައެވެ.
ވައިގެ ކޮލިޓީ ވަޒަންކުރާ 'އޭކިއުއައި ޑޮޓް އިން'ގެ ވަގުތީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުޅި އިންޑިއާގެ އެންމެ ވައި ނުސާފު ސިޓީތަކުގެ ލިސްޓުގެ ހަތަރުވަނައިގައި ފަރީދާބާދު އޮތްއިރު، ފަސްވަނައިގައި ޣާޒީއާބާދު، ހަތްވަނައިގައި ނޮއިޑާ އަދި އަށްވަނައިގައި އޮތީ ގްރޭޓާ ނޮއިޑާއެވެ. މީގެ އިތުރުން، މުމްބާއީ، ޕޫނޭ އަދި ކަލްކަތާގެ ވައިވެސް ސިއްޙަތަށް ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާއިރު، އެ ސިޓީތަކުގެ ވައި ނުސާފު މިންވަރު ދިއްލީ ސަރަޙައްދަށްވުރެ ނިސްބަތުން ދަށެވެ.
މި އަހަރުގެ ދީވާލީގެ ދުވަސްތަ ފެށުމުގެ މާކުރިންވެސް، ހުއްޓުމެއްނެތި ބަޑިބޭސް ބޭނުންކުރުމުގެ ސަބަބުން ވައި ނުސާފުވަމުންދާތީ ބޮލީވުޑްގެ ފަންނާނުން ވަނީ އެކަމާ ދެކޮޅަށް ވަރުގަދައަށް އަޑުއުފުލާފައެވެ. އެގޮތުން، އެކްސްގައި ޖޫހީ ޗާވްލާ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެ ތެރެއިން ކަރާސީނު ނުވަތަ ޑީސަލް އަންދާފަދަ އާދަޔާ ޚިލާފު ވަހެއް ދުވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ހެނދުނުއްސުރެ ދުވަހުގެ އެކި ވަގުތުތަކުގައި އެ ވަސް އިޙްސާސް ކުރެވޭކަން ފާހަގަކުރަމުން، އެހެން މީހުންނަށްވެސް އެކަން ފާހަގަކުރެވޭތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ތިމާވެށި ޙިމާޔަތްކުރުމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ ފިލްމީ ތަރިން ކަމަށްވާ ބޫމީ ޕެޑްނެކާރު އަދި ދިއާ މިރުޒާ--ފޮޓޯ/ޖޫހީގެ މި ކަންބޮޑުވުމުގެ ކުރިން، ބަތަލާ އާލިއާ ބަޓްގެ މަންމަ، ސޯނީ ރާޒްދާންވެސް ވަނީ ބަޑިބޭސް ބޭނުންކުރާ މީހުންނަކީ "ޤައުމަށް ޣައްދާރުވާ ބައެއް" ކަމަށް ސިފަކޮށް ވަރުގަދަ ބަޔާނެއް ނެރެފައެވެ. އިންޑިއާގައި ގިނަބަޔަކު އެންމެ ފޯރީގައި ފާހަގަކުރާ ދީވާލީ ފެސްޓިވަލްގައި ބަޑިބޭސް ޖެހުމުގެ ސަބަބުން ތުއްތު ކުދިންގެ ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލަމުން ސޯނީ ބުނެފައިވަނީ، ވައި ނުސާފުވުމުގެ ސަބަބުން ކުޑަކުދިން ބަލިވެ، ސްކޫލަށް ނުދެވި ފިލާވަޅުތައް ގެއްލޭ ދުވަސްތަކުގެ ވާހަކަ ކޮންމެ ބެލެނިވެރިޔަކުވެސް ކިޔައިދޭނެ ކަމަށެވެ.
ސޯނީގެ މި ވާހަކަތައް ފެންމަތިވެފައިވަނީ، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ދީވާލީ ފާހަގަކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ބަތަލާ ދިއާ މިރްޒާ ކުޅެފައިވާ ވީޑިއޯއެއް މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)އިން ޑިލީޓްކޮށްލިތާ ދުވަސްކޮޅެއް ފަހުންނެވެ.
މި މައްސަލައިގައި މި އަހަރުގެ އޮކްޓޯބަރު މަހު ބަތަލާ ރިޗާ ޗައްޑާވެސް ވަނީ ވައި ނުސާފުވުމާ ދެކޮޅަށް އަޑުއުފުލުމަށް މުމްބާއީގެ ރައްޔިތުންނަށް ގޮވާލާފައެވެ. ދުނިޔޭގެ އެންމެ މުއްސަނދި މުނިސިޕަލް އިދާރާއަށް ބޮޑު ޓެކްސްއެއް ދައްކާއިރުވެސް، ބޯފެނާއި ވައި ނުސާފުވެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުން ހަނުތިބެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
އެއާ ވިދިގެން، ދީވާލީގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބަތަލާ ބޫމީ ޕެޑްނޭކަރު އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފައިވާ ގޮތުގައި، މަނާކޮށްފައި އޮތް ނަމަވެސް ދަންވަރު ތިނެއް ޖަހާއިރުވެސް މަގުތަކަށް ނުކުމެ މީހުން ވަނީ ބަޑިބޭސް ޖަހާފައެވެ. ދީވާލީއަކީ އަލިކަމާއި ލޯތްބާއި އުފާވެރިކަމުގެ ޢީދެއް ނަމަވެސް، ކޮންމެ އަހަރަކުވެސް އެ ފެސްޓިވަލް ނިމުމާއެކު އޭގެ ފަހަތުން އަންނަ ނުސާފު ވަޔާއި، ގަދަ އަޑާއެކު އޭގެ އެންމެ ބޮޑު ވޭނެއް އުފުލަންޖެހެނީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ކަން ބޫމީ ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގައި ފަސް ދުވަހުގެ މުއްދަތަށް ފާހަގަކުރާ ދީވާލީ ފެސްޓިވަލް މިހާރު ނިމިފައިވީ ނަމަވެސް، އޭގެ ސަބަބުން ޖައްވުގައި އުފެދިފައިވާ ނުސާފުކަން ފިލައިގެން ނުގޮސް، އެ ޤައުމުގެ ގިނަ ސިޓީތަކެއްގެ ވައި ނުސާފުވުމުގެ މައްސަލަ އަދިވެސް ދަނީ ގިނަ ބަޔަކަށް ކުރިމަތިވަމުންނެވެ. އެހެންކަމުން، މުޖުތަމަޢުގެ ނުފޫޒުގަދަ ފަރާތްތަކުން އުފުލަމުންދާ މި އަޑުތަކަށް ރިޢާޔަތްކޮށް، ކަމާބެހޭ އިދާރާތަކުން މިކަމަށް ދާއިމީ އަދި އަވަސް ޙައްލެއް ހޯދައިދޭނެ ކަމަށް އާންމުން އުންމީދު ކުރެއެވެ.