ކޭންގެ ރެކޯޑުތަކަކާ އެކު ސައުތުހެމްޓަން އަތުން ޓޮޓެންހަމްއަށް މޮޅެއް

ޓޮޓެންހަމް ފޯވަޑް ހެރީ ކޭން، ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު: އޭނާ ވަނީ އެ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށް، އެލަން ޝިއެރާގެ 22 އަހަރުވީ ރެކޯޑަކަށް ނިމުމެއް ގެނެސްފައި --- ފޮޓޯ/ އޭޕީ

އިނގިރޭސި ފޯވަޑް ހެރީ ކޭންގެ ރެކޯޑުތަކަކާ އެކު ސައުތުހެމްޓަން އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި ސައުތުހެމްޓަންގެ މައްޗަށް ޓޮޓެންހަމްއިން ކުރި ހޯދީ 5-2ގެ ނަތީޖާއަކުންނެވެ.

ލީގުގައި ޓޮޓެންހަމް ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާ އެކު އެ ޓީމު އޮތީ ފަސްވަނައިގަ އެވެ. ޓޮޓެންހަމްއާއި ލީގު ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 18 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

އިއްޔެ ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ކްރިސްޓިއަން އެރިކްސަން ނަގައިދިން ހުރަހަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޭން އެވެ. އެ ލަނޑާއެކު އޭނާ ވަނީ އެލަން ޝިއެރާގެ 22 އަހަރުވީ ރެކޯޑަކަށް ނިމުމެއް ގެނެސްފަ އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ސޮން ހިއުން މިން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކޭން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސައުތުހެމްޓަންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުތެރޭ ޓޮޓެންހަމް އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ސޮން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ. ސައުތުހެމްޓަންގެ ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ. ޓޮޓެންހަމްގެ ތިންވަނަ ލަނޑުޖެހިތާ ދެ މިނެޓްފަހުން ސޮން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޮފިއާން ބޯފަލް އެވެ. އޭގެ ތިން މިނެޓްފަހުން ކޭން ވަނީ ޓޮޓެންހަމްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީ، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑުސާން ޓަޑިޗް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުގައި މިހާރު އޮތީ ކޭން އެވެ. ކޭން ވަނީ މި އަހަރު ތެރޭ ލީގުގައި 39 ލަނޑު ޖަހައިފަ އެވެ. އިނގިރޭސި ލެޖެންޑް ޝިއެރާއަށް ކާމިޔާބުކުރެވިފައި ވަނީ 36 ލަނޑެވެ. ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރިހަމަކުރި ހެޓްރިކާ އެކު ކޭން ވެފައި ވަނީ ލީގުގައި ޖެހިޖެހިގެން ދެވަނަ ހެޓްރިކް ފުރިހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މިއަހަރުތެރޭ ކޭން ވަނީ ކްލަބަށާއި ގައުމީ ޓީމަށް ކުޅުނު 52 މެޗުން 56 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭނާއަކީ މިއަހަރުތެރޭ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. އެއީ މިއަހަރު ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ޖެހި ލަނޑުގެ އަދަދަށްވުރެ ދެ ލަނޑު އިތުރު އަދެދެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ރޮބާޓް ލެވަންޑޯސްކީ އަދި އެޑިންސަން ކަވާނީއަށްވުރެ ތިން ލަނޑު އިތުރު އަދަދެކެވެ.

comment ކޮމެންޓް