ތަފާތު ދެއްކުމުގެ އަޒުމުގައި ސައްޓު މާލެއަށް ބަދަލުވަނީ

ދ. ކުޑަހުވަދޫގެ ގޯލަށް ހަމަލާއެއް ފޮނުވާލުމަށް ށ. މިލަންދޫގެ ސައްޓު(ވ) މަސައްކަތްކުރަނީ: އަންނަ ސީޒަނުގައި ސައްޓު ފެނިގެންދާނީ ޓީސީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބާ އެކު ވާދަކުރުމަށް ދިރިއުޅުން މާލެއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.

މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މިލަންދުއަށް ކުޅެމުން ދިޔަ ނަމަވެސް، ސައްޓު ދިރިއުޅެމުންދިޔައީ އޭނާގެ އުފަން ރަށް، ބ. އޭދަފުށީގަ އެވެ. ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގައި މަސައްކަތްކުރަމުންދާ ސައްޓު، ގިނަ ފަހަރު މާލެ އަންނަނީ މިލަންދޫ ކުޅޭ މެޗުތަކަށެވެ.

ސައްޓު ބުނީ، މިހާރު ދިރިއުޅުން އެއްކޮށް މާލެއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިން މިލަންދުއަށް ކުޅުނު އިރުވެސް އެ ޓީމާ އެކު ފަރިތަކުރުންތަކުގައި ވަރަށް ބައިވެރިނުވެވޭ ކަމަށެވެ.

"މާލެއަށް ބަދަލުވާނަން. މިލަންދުއާ އެކު ފަރިތަކުރުންތަކުގައި ރަނގަޅަށް ބައިވެރިނުވެވޭތީ އެންމެ ރަނގަޅު ކުޅުން ދެއްކުނު ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން. މާލެއަށް ބަދަލުވެ، ފަރިތަކުރުންތަކުގައި ބައިވެރިވެ، ޓީސީއަށް ތަފާތު ކުޅުމެއް ދެއްކިދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އޭނާ ބުންޏެވެ.

މިލަންދުއަށް ސައްޓު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ގައުމީ ފުޓްބޯޅަ ޓީމަށް އޭނާ ނުނެގުމުން ގިނަ ބަޔަކު އެފްއޭއެމްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ސައްޓު ބުނީ، ގައުމީ ޓީމުގައި ހިމެނުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ.

"ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުމަކީ ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑު އަދި ވަރަށް މަސައްކަތްކުރަން ޖެހޭނެ ގައުމީ ޓީމަށް އެރުމަށް. އަޅުގަނޑަށް ގައުމީ ޓީމުން ފުރުސަތެއް ލިބިއްޖެ ނަމަ، އެ ފުރުސަތުގެ ބޭނުން ހިފާނަން. ދެން އެނގޭނީ ކުރިއަށްއޮތް ސީޒަން ދާ ގޮތަކުން،" އޭނާ ބުންޏެވެ.

މިލަންދޫގައި ވިދާލުމުގެ ކުރިން ސައްޓު ފެނިގެންދިޔައީ އޭދަފުށީ ޓީމާ އެކު މިނިވަން ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ސައްޓު ވަނީ އޭދަފުއްޓާއެކު 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް