އާސެނަލުން ހަރަދުކުރަން ޖެހޭ ވަގުތު ޖެހިއްޖެ: ވިއޭރާ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކޮޅަށް ލަނޑެއް ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އާސެނަލުން ނަތީޖާ ނެރުމަށްޓަކައި ހަރަދުކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެ ކްލަބުގެ ލެޖެންޑް ޕްޓްރިކް ވިއޭރާ ބުނެފިއެވެ.

ވިއޭރާ ދެކޭގޮތުގައި، އާސެން ވެންގާގެ ދަށުން އާސެނަލަށް މިހާރަކަށް އައިސް އެންމެ އެދެވޭ ނަތީޖާތައް ނެރެވިފައެއް ނުވެއެވެ. އެކަންކަން ހައްލުކުރުމަށްޓަކައި އާ ކުޅުންތެރިން ހޯދައި، މިހާރު ތިބި ކުޅުންތެރިންނަށް ރަނގަޅު ކަންތައްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވިއޭރާ ބުންޏެވެ.

އާސެނަލަށް މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދިފައިނުވުމުން، މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ކްލަބަށް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން އާސެނަލުން ޕްރިމިއާ ލީގު ކާމިޔާބުކުރި ފަހުން، އެ ކްލަބަށް އެންމެ އެދެވޭ ކާމިޔާބީތަކެއް ހޯދިފައެއް ވެސް ނުވެއެވެ.

މިސީޒަނަށްފަހު އާސެނަލްގެ އެންމެ މުހިންމު ކުޅުންތެރިން ގެއްލިގެންދާނެ ކަމުގެ ބިރާވެސް އެ ކްލަބުން ދަނީ ކުރިމަތިލަމުންނެވެ. އާސެނަލްއާއެކު ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލްއާއި ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަން ނިމުމުން ހަމަވާނެއެވެ.

"ފާއިތުވެދިޔަ އަހަރުތަކަށް ބަލާނަމަ، އެންމެންވެސް އާސެނަލްގެ ފަރާތުން ގިނަ ކާމިޔާބީތަކަކަށް އުންމީދުކުރާނެ. އެއީ މި ކްލަބަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރާ ކްލަބަކަށްވާތީ. ފާއިތުވެދިޔަ އަހަރުތަކުގައި އާސެނަލަށް އެންމެ ރަނގަޅު ކާމިޔާބީތައް ހޯދިފައެއް ނުވޭ. މިއީ ކްލަބު އަދި ސަޕޯޓަރުންވެސް ބޭނުންވާނެ ގޮތެއް ނޫން. މިހާރު ހަރަދު ކުރަންޖެހޭ ވަގުތު ޖެހިއްޖެ،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވިއޭރާ ބުންޏެވެ.

ވިއޭރާ ބުނީ، މޮޅުވަމުންދާ ބަޔަކުނަމަ އަބަދުވެސް ބޭނުންވާނީ މޮޅުވުމުގެ ރެކޯޑު ދެމެހެއްޓުމަށް ކަމަށާއި ކުރިމަގަށްޓަކައި ނިންމުންތައް ނިންމަންޖެހޭ ކުޅުންތެރިންވެސް ޓީމުގައި އެބަތިބި ކަމަށެވެ. އަދި އާސެނަލުން އެކަންތައްތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

"މެންޗެސްޓާ ސިޓީއާ ވާދަކުރުމަށް އާސެނަލަށް ފެންވަރު ރަނގަޅު ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވާނެ. ސަބަބަކީ މެންޗެސްޓާ ސިޓީއަކީ ކުރިއަށްއޮތް އަހަރުތަކުގައި ވާދަކުރަންޖެހޭނެ ކްލަބަށްވާތީ،" އޭނާ ބުންޏެވެ.

comment ކޮމެންޓް