އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން ޗެލްސީ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 5-0 އިންނެވެ. ލަންޑަން ޑާބީއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ކުރިމަތިލުމުގައި ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އާސެނަލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ކުޅުން ރަނގަޅުވާނެ ކަމަށް ހީވި ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދިޔައީ ޗެލްސީއަށް އާސެނަލްގެ ކުޅުންތެރިން ހިފަހައްޓަ ނުލެވިގެން އުޅުނު ތަނެވެ. މިގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް ޖަހައިދިން ލަނޑާ އެކު އާސެނަލުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ކައި ހަވާޓްޒެވެ.
އޭނާ ވަނީ މެޗުގެ 65 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި އާސެނަލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެ ޓީމުގެ ފަހު ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ ވައިޓެވެ.
މެޗުގައި ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ ފަހަކަށް އައިސް ފެނިގެންދިޔަ އެންމެ އާދައިގެ ކުޅުމެވެ. މި ސީޒަނަށް އަގުބޮޑުކޮށް ގިނަ ކުޅުންތެރިންތަކެއް ހޯދާފައިވާ ޗެލްސީއަށް މި ސީޒަންވެފައިވަނީ ނާކާމިޔާބު ސީޒަނަކަށެވެ.
މި ކާމިޔާބީއާ އެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 34 މެޗުން ލިބިފައިވާ 77 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއްގައެވެ. އަދި، އެ ޓީމުގެ ފައިދާ ގޯލް އުޅެނީ 56 ގައެވެ. ތާވަލުގެ ދެވަނައިގައި އުޅޭ ލިވަޕޫލަށް 33 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް އާސެނަލާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަ ކުރެވުނު ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ދެ ޓީމުގެ ދެމެދުގައި 13 ލަނޑުގެ ތަފާތުކުރުމުން އާސެނަލަށް މިބައިން ކުރި ލިބޭނެއެވެ.
ތިންވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުޅެ ދެ މެޗު އޮތުމާ އެކު އެ ދެ މެޗާ އެކު އާސެނަލަށް ވުރެ ޕޮއިންޓްގެ ގޮތުން ކުރިއެރުމުގެ ފުރުސަރު އެބައޮތެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ސިޓީއަށް ޖެހޭނީ އެ ދެ މެޗުން މޮޅުވާށެވެ. އަދި، ޗެލްސީ އުޅެނީ 32 މެޗުން ލިބިފައިވާ 47 ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ.