ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ފަތުރުވެރިންނަށް އިސްލާމީ ރިވެތި އަހުލާގު ދައްކުވައިދޭން މަސައްކަތް ކުރަން ހާއްސަ އިސްކަމެއް ދިނުމަށް މެލޭޝިޔާގެ ދީނީ އިލްމްވެރިއާ އައްޝައިޚް ހުސައިން ޔީ ވިދާޅުވެއްޖެ އެވެ.
ޕީސް ފައުންޑޭޝަންގެ ދަ ލެގަސީ އިވެންޓްގައި ތަގުރީރު ކުރެއްވުމަށް ރޭ މާލެވަޑައިގަތުމަށް ފަހު އިއްޒުއްދީން ފާލަމުގައި ހުންނަވައިގެން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝެއިހް ޔީ ވިދާޅުވީ ރާއްޖެއަކީ އާދަޔާ ހިލާފު ރީތި ކަމެއް ލިބިގެންވާ ގައުމެއް ކަަމަށާއި އަދި ރާއްޖޭގެ އެންމެ ހާއްސަ ކަމަކީ މި ގައުމުގައި ސައްތައިން ސައްތަ މުސްލިމުން އުޅޭ ކަމެވެ.
މީގެ ކުރިން ތިން ފަހަރަކު ރާއްްޖެ ވަޑައިގެންފައިވާ ޝެއިހް ޔީ ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ފަހަރަކު ވެސް ތަފާތު އިހުސާސެއް ކުރެވޭ ކަމަށާއި ރާއްޖެ އިން އަބަދު ވެސް ހާއްސަ މެހެމާންދާރީއެއް ލިބިގެންދާ ކަމަށެވެ.
"ރާއްޖޭގެ ރީތި ކަމުގެ ވާހަކަ އެންމެންވެސް ދައްކާ. މިތަނުގެ ސާފު ގޮނޑުދޮށްތަކާއި މޫދުތަކަކީ ވަރަށް ހިތްގައިމު ތަންތަން. އެންމެ ހާއްސަ ކަމަކީ މި ގައުމަކީ ހުސް މުސްލިމުން ދިރިއުޅޭ ގައުމަކަށްވުން،" ޝެއިހް ވިދާޅުވި އެވެ.
ޝެއިހް ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހިތްހެޔޮކަމާ އެކު މަރުހަބާ ކިޔުމާއި އިސްލާމީ ރިވެތި އަހުލާގު އެމީހުންގެ ކުރިމަތީގައި ދައްކަން ޖެހޭ ކަމަށެވެ. އޭރުން އެމީހުންގެ ފަރާތުން ދިވެހިރާއްޖޭގެ ހިތްގައިމު މެހެމާންދާރީގެ ވާހަކައާއި އިސްލާމީ ރިވެތި އުސޫލުތަކުގެ ވާހަކަ އެކި ކަންކޮޅުތަކަށް ފެތުރިގެންދާނެ ކަމަށެވެ.
"ރާއްޖެ އެބައާދޭ ވަރަށް ގިނަ ޓޫރިސްޓުން. އެމީހުންނަށް ދައްކުވައިދޭންވީ އިސްލާމީ ރިވެތި އަހުލާގު. އޭރުން އެމީހުންގެ ފަރާތުން މުޅި ދުނިޔެއަށް އެވާހަކަތައް ފެތުރޭނެ،" ޝެއިހް ޔީ ވިދާޅުވި އެވެ.
ޕީސް ފައުންޑޭޝަނުން ބުނީ ޝައިހް ހުސައިން ޔީގެ ދަރުސް ޑިސެމްބަރު 28 އަދި 29ގައި ބޭއްވުމަށް ނިންމާފައިވާ އިރު ޕަބްލިކް ޓޯކް އަދި ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ދީނީ ވޯކްޝޮޕްތައް ވެސް ޝައިހްގެ ދަތުރުފުޅުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.