ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ"ގެ މިއަހަރުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އިލްމުވެރިޔާ، ޝައިޚް ނަވައިދު ޢަޒީޒް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ޕީސް ފައުންޑޭޝަނުން ބުނީ، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޝައިޚް ނަވައިދު ރާއްޖޭގައި ވަގުތު ހޭދަކުރައްވާނެ ކަމަށެވެ.
ދަ ލެގަސީގެ މިއަހަރުގެ ޝިއާރަކީ "ގުޅުންތައް އާލާކުރުން" ކަމަށްވާއިރު، ފަސް ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. އެއީ، މާލެއާއި ހުޅުމާލޭގައި ބާއްވާ ބޮޑު ދެ ދަރުހުގެ އިތުރުން ދެ ވޯކްޝޮޕަކާއި ފެމިލީ ޑިނާ ނައިޓެކެވެ.
މި ހަރަކާތުގެ ތެރެއިން މާދަމާރޭ މާލޭގައި ބޮޑު ދަރުހެއް އޮންނާނެ ކަމަށް، ޕީސް ފައުންޑޭޝަނުން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ދަރުހުގައި އަލި އަޅުވާލާނީ ކީރިތި ރަސޫލާ އިސްލާމީ އުންމަތުގެ އިންސާނީ ވަސީލަތް ބިނާކުރުމާއި ތަރައްގީކުރުމަށް ބޭނުންކުރެއްވި "އިމޯޝަނަލް އިންޓެލިޖެންސް"ގެ އުކުޅުތަކަށެވެ.
ދެވަނަ ބޮޑު ދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ ހުޅުމާލެ ރުއްގަނޑު ދޭއްގައެވެ. އެ ދަރުހުގައި ވާހަކަދައްކަވާނީ "އަހަރުމެންނާއި މާތް ﷲ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުން" މި މައުޟޫއާ ގުޅޭ ގޮތުންނެވެ. މި ދަރުހުގެ މައުޟޫއަކީ "ލެވެލް އަޕް ޔޯ ކަނެކްޝަން"އެވެ.
އޭގެ އިތުރަށް، ދެން ކުރިއަށްދާ ވޯކްޝޮޕުތަކަކީ ރަޖިސްޓްރީވެގެން ކުރިއަށް ގެންދާ ވޯކްޝޮޕްތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މިގޮތުން، ފުރަތަމަ ވޯކްޝޮޕުގައި ރަޖިސްޓްރީވުމަށް ޕީސް ފައުންޑޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ "ތިންކް އެންޑް ގްރޯ ރިޗް"ގެ ނަމުގައި ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު، އިސްލާމީ ނަޒަރިއްޔާއަކުން މުދާ ހޯދުމާއި ވިޔަފާރީގައި ކާމިޔާބުވުމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.
މި ވޯކްޝޮޕް އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު 1 އިން ހަވީރު 5 އަށެވެ.
ދެވަނަ ވޯކްޝޮޕަކީ މާތް ﷲ އާ ދެމެދު އޮންނަންޖެހޭ ގުޅުން ވަރުގަދަ ކުރާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައިގެން ގެންދެވޭ ވޯކްޝޮޕެކެވެ. ޕީސް ފައުންޑޭޝަނުން ކުރިޔަށް ގެންދާ ހުރިހާ ވޯކްޝޮޕްތަކަކީ އެކިއެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދެވޭ ވޯކްޝޮޕްތަކެއްކަމުން، ބައިވެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
މީގެ އިތުރުން، އެ ވޯކްޝޮޕަކުން ވަރަށް ފަސޭހައިން ކަންކަން ހާސިލުވާ ކަމަށް ބައިވެރިންނާ ހަވާލާދީ، އެ ޖަމިއްޔާއިން ބުނެއެވެ.
އެއާއެކު، ދެމަފިރިން ނުވަތަ އާއިލާތަކަށް ޚާއްސަކޮށް، ހޮނިހިރު ދުވަހުގެރޭ ލޮނުޒިޔާރަތް ޕާކުގައި ޑިނާ ނައިޓެއް އެ ޖަމިއްޔާއިން ބާއްވާނެއެވެ. ރަޖިސްޓްރީވެގެން ބައިވެރިވެވޭ މި ހަރަކާތަކީ، އާއިލީ ގުޅުން ވަރުގަދަކޮށް، ވަކިން ވަގުތު ހޭދަކޮށްލަން ވެސް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ޕީސް ފައުންޑޭޝަނުން ގަބޫލުކުރެއެވެ.
އެ ރޭ ޝައިޚް ނަވައިދުގެ ކުރު ވާހަކަކޮޅަކާއި ޑިސްކަޝަން ފޯރަމެއް އޮންނާނެއެވެ. އެ ފޯރަމް ހުށަހަޅައިދެއްވާނީ މުޙައްމަދު ޝިހާބު (ސްމައިލް ޝިހާބު)އެވެ.
ކެނެޑާއަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް ނަވައިދު ވަނީ އެމެރިކާގެ ޗެމްޕްލެއިން ކޮލެޖުން ސޯޝަލް ސައިންސަސްގެ ރޮނގުން ޑިގްރީއެއް ހާސިލްކުރައްވައިފައެވެ. އޭގެ ފަހުން މަދީނާގެ އިސްލާމީ ޔުނިވާސިޓީން 2008ވަނަ އަހަރު ޢަރަބި ބަހުން އެސޯސިއޭޓް ޑިގްރީއެއް ހާސިލްކުރައްވައި، އިސްލާމިކް ލޯއިން ބެޗެލާސް ހާސިލްކުރައްވާފައިވެއެވެ.
ޝައިޚް ނަވައިދު ވަނީ 20 އަށް ވުރެ ގިނަ ގައުމުތަކުގައި ދީނީ ދަރުސް ދެއްވައިފައެވެ.