ޕީސް ފައުންޑޭޝަނާއި މަދީނާ އެކެޑަމީ ގުޅިގެން ނަމާދު ވޯކްޝޮޕެއް ބާއްވަނީ

ޕީސް ފައުންޑޭޝަނާއި އޮސްޓްރޭލިއާގެ މަދީނާ އެކެޑަމީ ގުޅިގެން ކުޑަކުންދިންނަށް ނަމާދު ކޮށްދޭން ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

މާދަމާ އާއި ބުރާސްފަތި ދުވަހު ބާއްވާ މި ވޯކްޝޮޕްގައި ބައިވެރި ވެވޭނީ އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ.

މި ވޯކްޝޮޕް ހުށަހަޅައިދެއްވާނީ ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ޝަރީޢާ ގްރެޖުއޭޓެއް ކަމުގައިވާ އައްޝައިޚް ޢަބްދުﷲ ނަސީމް ކަމަށް ޕީސް ފައުންޑޭޝަނުން ބުންޏެވެ. ޝައިޚް ނަސީމަކީ ޒަމާނީ އެކި އެކި ވަސީލަތްތަކާއި، ކުޑަކުދިން ގަޔާވާ އުކުޅުތައް ބޭނުންކޮށްގެން ކިޔަވައިދެއްވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ދާދި ފަހުން ސްޕެއިނުން ފުޓުބޯޅަ ކޯޗިންވެސް ހައްދަވާފައިވާ ޝެއިޚަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންނާއި ބެލެނެވެރިންގެ މެދުގައި މަޤްބޫލު އަދި މަޝްހޫރު ބޭފުޅެކެވެ.

ސުޖޫދު ވޯކްޝޮޕުގެ އެންމެ ފުރަތަމަ ޕްރޮގްރާމެއް ރާއްޖޭގައި ހިންގާފައިވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރުގެ ޕްރޮގްރާމް ވީ ކުޑަކުދިން ގަޔާވި އަދި ބެލެނެވެރިންގެ މަޤްބޫލުކަން ލިބުނު ޕްރޮގްރާމަކަށެވެ. މާލެއާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި ޖުމުލަ 300 ކުދިން ބައިވެރިވެފައި ވެއެވެ.

ކޮވިޑްގެ ބަލިމަޑު ކަމަށް ފަހު މި ވޯކްޝޮޕް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއަކީ 495 ރުފިޔާއެވެ. ބައިވެރިވުމަށް އެދޭ ކުދިންނަށް މި ލިންކު ގައިވާ ފޯމް މެދުވެރިކޮށް ނުވަތަ ޕީސް ފައުންޑޭޝަންގެ ސޯޝަލް މީޑީއާ މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް