އޮސްޓްރޭލިއާގެ ލައިފް ކޯޗް، ރައޯވާ ހައްދާދް ރާއްޖެ ވަޑައިގަންނަވަނީ

ރައޯވާ ހައްދާދް

އޮސްޓްރޭލިއާގެ ސަޓިފައިޑް ނިއުރޯ-ލިންގުއިސްޓިކްސް ޕްރޮގްރާމްގެ ޕްރެކްޓިޝަނާ ރައޯވާ ހައްދާދް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައޯވާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ. އޭނާގެ މި ދަތުރުގައި ރާއްޖޭގައި ތަފާތު އިޖުތިމާޢީ ހަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަނާއި އޮސްޓްރޭލިއާގެ މަދީނާ އެކެޑެމީ ގުޅިގެން މާލެ ހިމެނޭހެން ރާއްޖޭގެ ދެ ރަށެއްގައި ގިނަގުނަ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަނުން ބުންޏެވެ.

ރައޯވާ އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލައިފް ކޯޗިން ވޯކްޝޮޕްތައް ހިންގަވާ ކަނބަލެކެވެ. އެގޮތުން، އޮސްޓްރޭލިއާ، ނިއުޒިލެންޑް، މެލޭޝިއާ، ސްޕެއިން އަދި ފިޖީ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް، ޚާއްޞަކޮށް ޒުވާން އަންހެން ކުދިންނަށް ވޯކްޝޮޕްތައް ހިންގަވާފައިވެއެވެ.

ރައޯވާ ހައްދާދް

އެންމެ ފަހުން ރައޯވާ ރާއްޖެ ވަޑައިގެންނެވި ދަތުރުރުގައި ތަފާތު ގިނަ ވޯކްޝޮޕްތަކެއް ހިންގަވާފައިވެއެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ސްޓާފުންނަށް ކުރިއަށްގެންދިޔަ ލީޑާޝިޕް ވޯކްޝޮޕު ފާހަގަކޮށްލެވެއެވެ. މާލެ ސަރަހައްދުގެ ހުރިހާ ސުކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވި މި ވޯކްޝޮޕުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީސް ފައުންޑޭޝަނުން ބުނީ ރާއްޖެއަށް މިފަހަރު ކުރައްވާ ދަތުރުގައި ރައޯވާ ކުރިއަށް ގެންދަވާނެ ޕްރޮގްރާމްތަކުގެ ތެރޭގައި އަންހެން ކުދިންނަށް ޚާއްޞަ ޕްރޮގްރާމްތަކާއި އަދި ކުޑަކުދިންނާއި ބެލެނެވެރިންނަށް ޚާއްޞަ ލައިފް ކޯޗިން ވޯކްޝޮޕްތައް ހިމެނޭ ކަމަށެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ އާއި ރ. މީދޫ ގައެވެ. ޕީސް ފައުންޑޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާއެކެވެ. 2010 ވަނަ އަހަރު އުފެއްދި މި ޖަމްޢިއްޔާއިން މިހާރުވަނީ ދިވެހިރާއްޖޭގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިޖްތިމާޢީ ގޮތުންނާއި ތަޢުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމުގައި ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

comment ކޮމެންޓް