ނޭނގި ހިތާ ކުޅެލީ - 13

ލުކުމާން "މޭޕްލްވިލާ" ގެ ގޭޓު ހުޅުވާލާފައި ވަނީ ހަމަޖެހިލާފައި ހުރެއެވެ. އެއްވެސް ވަރެއްގެ ހާސްކަމެއް އެމޫނުމައްޗަކުން ނުފެނެއެވެ. ހަރުކޮށް ހިނގާލާފައި ވަނީ ތިމާގެ އަމިއްލަ ތަނަކަށް ވަންނަފަދައިންނެވެ. ބެލް އަޅާލުމަށްފަހު ފެންޑާގައި ހުރި ކައުޗެއްގައި ޖައްސާލީ ބޫޓާއިއެކުގައެވެ. ކޮންމެވެސް މީހަކު ހިނގާފައި އަންނަ އަޑުއިވުމުން ލުކުމާން ބޯދަށަށް އަތްލަވައިގެން އޮވެފައި ކުޑަކޮށް އުފުލައިލިއެވެ. އެއާއިއެކު ތަންކޮޅެއް ހަރުކަށިކަން އެކުލެވޭގޮތަކަށް ވާހަކަދެއްކިއެވެ.

"ލިވިއާ. ކޯންޗެއް ލާފައި ތިހިރީ؟ " ލުކުމާންގެ އަޑުން އޭނަ ރުޅިއައިސްފައިވާކަން ދެނެގެން ލިވިއާއަށް އެކަންވީ މަޖާކަމަކަށެވެ. ކުރިއަކުން އޭނަ ކޮންމެ ހެދުމެއްލާ ކޮންމެ ގޮތަކަށް މޭކަޕްކޮށްފައި ހުއްޓަސް އެކަމާއި އުދަގޫވެގެން ވާހަކަދައްކާ އުޅޭ މީހެއްވެސް ނޫނެވެ. އޭނަ ލާފައި ހުރީ ތަންކޮޅެއް ތުނި ޓޮޕަކާއެކު ބޭރުން ލާފައި ހުރި ލޭސްހެދުމެކެވެ. އެތުނި ލޭހުން އަތާއި މޭމަތިވެސް ފެންނައިރު ވަނާތައް ފާޅުވާން ހުރިކަން ލިވިއާއަށްވެސް ނޭގެނީއެއްނޫނެވެ.

"ހެދުމެއް ނު..." ލިވިއާ އެނގުނުކަމަކަށް ނެހެދިއެވެ.

"ހެދުމެއް ނުލާ ހުއްޓަސް މާ ރީތިވާނެ. ލިވީ ވަގުތުން ޗޭންޖުކޮށްގެން އަންނަންވީ. ނިދާ ހެދުން ލައިގެން ބެޑްރޫމުން ބޭރަށް ނުކުންނަން ޖެހޭކަމެއް މަ ނުދެނެހުރިން..."

"މިގޭގައި ހިލޭފިރިހެނަކު އުޅެނީއެއްނޫން. ލޫކްއަށް އަހަރެން މިހެން ހުއްޓާ ފެނުނަސް އަދި ލޫކްއަށް ގޮތްގޮތްނުވާނެކަން އެނގޭ. އެއަށްވުރެ މާ ކެތްތެރި އަހަރެންގެ ލޫކް..." ލިވިއާ ފަރިކޮށް ހިނގާލާފައި ހިނގައިގަތީ ކައުޗާއި ދިމާލަށެވެ. ލުކުމާން ފަސްދިނުމާއިއެކު އަތުގެ މުލައްދަނޑީގައި ހިފާ އޭނައައި ދިމާލަށް އަނބުރުވާލައިފިއެވެ. ލުކުމާންގެ ލޮލުގައި ވިދަވިދާހުރި ލޯބީގެ އަލިފާން އާތްވަށްވެގެންގޮސް ލިވިއާގެ ހިތުގައި ބީހިލާ ހޫނުކަމެއް މުޅި ހަށިގަނޑަށް ފަތުރާލައިފިއެވެ. ފިނިކަމެއް ފަޒާގައި ވުމާއިއެކުގައިވެސް ލުކުމާންގެ އެ ލޯބީގެ އަދާއިން ލިވިއާއަށް ބަޔާންނުކުރެވޭފަދަ އުފާވެރިކަމެއް ގެނެސްދީފިއެވެ. ލުކުމާން އެހާ ރުޅިއައީ އެހެން މީހަކަށް އެހަށިގަނޑު ފެނިދާނެތީކަން އެނގި އުފާވިއެވެ.

"މިގޭގައި އުޅެނީ ލިވިއާގެ ބައްޕަތަ؟ ކާފަތަ؟ ކިހާވަރެއްގެ ގާތް މީހެއް އެއީ. " ލުކުމާން ހުރީ ހިތްހަމަނުޖެހިފައެވެ.

"ހަ އިނގިލީގެ ވެރިޔާއޭ ބުނެލިނަމަ މާ ރީއްޗަށް ތި ދައްކަނީ ކާކުގެ ވާހަކަކަން އެނގުނީހެއްނު......" ލިވިއާ އިމާދުއްދީންއަށް މަލާމާތްކުރީ ފާޑަކަށް ހީލަމުންނެވެ. މީހުންގެ ސިފަތަކާއި އަޅައިގަނެގެން އުޅުމަކީ ލުކުމާން ކުރާނެކަމެއްނޫނެވެ. އޭނައަށްވެސް އިމާދުއްދީން ފާހަގަވީ އެ ހަ އިނގިލިންނެވެ. އަންހެންކުދިންގެ ތަބީއަތުގައި މީހުންގެ ހުންނަ ސިފަތަކުގެ ވާހަކަދެއްކުން ހިމެނެނީކަމުގައި ލުކުމާން ނިންމިއެވެ. އެހެންވެ އެކަމާއި ބެހޭގޮތުން އޭނަ އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ.

"ލުކް ލިވިއާ އަހަންނަށް ވަރަށް ގިނަ ކަންތަކަށް ކެތްކުރެވިދާނެ އެކަމަކު އަހަރެންގެ ގާލް ތިގޮތަށް އޯލްމޯސްޓް ނޭކެޑްކޮށް ގޭތެރޭގައި އެނބުރޭ މަންޒަރު ބަލާކަށް މި ލޮލަށް ކުޅަދާނައެއްނުވާނެ. އައި ހޭވް އެލޮޓް އޮފް ރެސްޕެކްޓް ފޯ ލޭޑީސް އެހެންވެ އަހަރެންގެ އަމިއްލަ މީހެއްވިއްޔާ ހުންނަންވާނީ ފޮރުވިގެން އެރީތިކަން އެހެންމީހަކަށް ފެނިގެން ނުވާނެ. އަހަންނަށް އެކަނި ފެންނަންވާނީ. އަދި އެނަސީބު މަށަކަށްވެސް ނުލިބޭ އެހެންވީމަ ކިހިނެއް އެހެންމީހުންނަށް އެއުފާ ލިބިގަންނަން ފުރުސަތު ދެވޭނީ. މަށަށްވާނަމަ ލިވީގެ އަތުގެ އިނގިއްޔެއްވެސް ފިރިހެނަކަށް ނުފެންނާނެ......." ލުކުމާންގެ ވާހަކައިން ހައިރާންކަމެއްލިބި ލިވިއާ ހުރީ ފާޑަކަށް އަނގަ ހަދާލައިގެންނެވެ. ކުއްލިއަކަށް ލުކުމާން ހޭންފެށިއެވެ. އަދި ލިވިއާގެ ކޮލުގައި ހިފާލަމުން ލިވިއާ އެހެދުމުގައި ވަރަށް ފުރިހަމަކަމަށާއި އޭނަގެ ހިތް އޮޔާނުދިޔައި ކިރިޔާކަމުގައި ބުނެލިއެވެ. ލިވިއާ ބޭނުންގޮތަކަށް ހެދުން އެޅިޔަސް މިހާ ކުރު ހެދުމެއް ލުމުން އެހެން ފިރިހެނުންގެ ނިޔަތް ނުބައިވެދާނެކަމަށާއި ލިވިއާ ފޮރުވިފައިވާ ރަންމުތެއްގެ ގޮތުގައި އޭނަ ދެކޭކަމުގައި ބުނެލިއެވެ.

"ބޭބީ މިހާރު ގޮސް ހެދުން ބަދަލުކޮށްލާ. އިމާދުއްދީން ގެ ހީލަތްތެރިކަމާއި ވަގުކަން އަހަންނަށް އެނގޭތީ އަހަރެން މިހެންބުނީ. އަންހެންކުދިންނަށް އޭނަ ބަލާ ނަޒަރު ރަގަޅެއްނޫން. ބީ ކެއަފުލް ލަވް...."

"ލޫކް. އެކަމަކު ތިހާ ގާތްކޮށް އުޅެނިކޮށް އެހެން މީހަކަށް ފެނިއްޖެއްޔާ ވަރަށް ސަކަރާތްވާނެ. އަހަރެން ބޭނުމެއްނޫން އެހެންމީހަކަށް އަހަރެމެންގެ ރިލެޝަން އެހެންމީހުނަށް އަދި ފޮރުވިފައި އޮންނަންވާނީ. ނޫނީ އެނގޭނެ ދޯ އަހަރެމެން ކުޅެލީ ގޭމެއްކަން. ދިސް ޝުޑް ބީ އެ ސިކްރެޓް. ދެމީހުންގެ ގުޅުން އޮންނަންވާނީ އަހަރެމެންގެ ހިތަށްވެސް ސިއްރުވެފައި. މިބުނި އެއްޗެއް ލޫކްއަށް ވިސްނޭނެކަމަށް ހީކުރަން. ލޫކް އެހެން މީހަކަށް ނުފެންނަނީސް ގެއަށް ދޭ ޕްލީޒް. ޕްލީޒް އާދޭސްކޮށްފައި މިބުނަނީ. ނަންނި އެހާލުގައި އޮތްއިރު އިމާދުއްދީން ހުންނާނީ ވަރަށް ހޫނުވެފައި. އެހޫނުގައި ހުރެގެން އޭނަ އެއްޗެހި ކިޔައިފިއްޔާ ލޫކްގެ ހިތުގައި ޖެހިދާނެ......" ލިވިއާ ވާހަކަދެއްކިލެއް މަޑުކަމުން ލުކުމާންއަށް ކިރިޔާ އިވުނުކަމެވެ. ލުކުމާން ހުރީ އެތެރެއެތެރެއިން ހީލަ ހީލައެވެ. ލިވިއާއާއި އޭނަގެ ޕްލޭންދަނީ އެއްގޮތަކަށްނޫނެވެ. ދެމީހުން ބޭނުންވާ ކަންތައް ތަފާތުކަން އެނގޭއިރުވެސް ލުކުމާން ހުރީ ހިމޭނުންނެވެ.

"އަހަރެމެން ދެމީހުންވެގެން ކުޅުނު ގޭމެއްގެ ސަބަބުން ސަވާނާ ގެ ހާލު ސީރިޔަސްވީ. ދެން ބަލަމާ ވާގޮތެއް. ލިވީ. މިގޭގައި އުޅެންޏާ ތަންކޮޅެއް ރީތިކޮށް ހެދުން އަޅާތި. އިމާދުއްދީން ނުގޮތަކަށް ލިވީއަށް ބަލައިލިޔަސް އަހަންނަށް އަންގައްޗޭ. ޔޫ އާ މައިން އޮންލީ މައިން. އޯކޭ؟ " ލުކުމާން ލިވިއާގެ ކޯތާފަތުގައި އަތް ބީއްސާލަމުން އެ ހީލި ހީލުމުގައި އެތައް ހާސް އަސަރެއްވިއެވެ. ލުކުމާންގެ ހިތުގައި އޭނައަށްޓަކާ ވާ ލޯތްބާއި ކުލުނު އެތައް ގުނަ އިތުރުވެފައިވާކަމުގައި ލިވިއާ ހީކުރިއެވެ. އެހެން މީހުންނާއި މިއޮތް ވާ ހަސަދައެކޭ ހިތަށް އަރާފައިވެސް ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. ފޮނިނުވާންވީ ވަރެއްނޫނެވެ. ލުކުމާން އިމާދުއްދީންއާއިވެސް ހަސަދަވެރިވީއެވެ. ލުކުމާން ދިޔުމުންވެސް ލިވިއާއަށް އެކަނިހުރެ ހެވުނެވެ.

އެތެރެއަށްވަދެފައި މިހެދުން އެހާ ނިވާކަން ކުޑައޭ ހިތަށް އެރިއެވެ. އަތާއި ކަކުލާއި ހަމަޔަށް ލޭސްހުރިއިރު އެތެރެއިން ލާފައި ހުރި ހެދުން އަރަނީ ކަކުލުން މައްޗަށެވެ. މޭމައްޗާއިއެކު އަތް ތުނި ލޭހުގެ ސަބަބުން ފެންނާން ހުއްޓަސް އެއީ އަދި މީހަކު ނިވާނުވެ ހުރީއޭ ބުނާކަށް ނުވާނެއެވެ. އިމާދުއްދީންއަށް އޭނަގެ ރީތިކަން ފެނިފައި ހޭދެބައިވާން ވެއްޖެއްޔާ އެވެސް ދެރަކަމަކަށް ނުވާނެއެވެ. އެފަދަ މުއްސަންޖެއްގެ ހިތުން މަގާމެއްލިބިއްޖެއްޔާ އެމީހުންގެ އަތުން ލިބޭ ހަދިޔާތައް މޮޅުވެފައި އަގުހުންނާނެއެވެ. ލުކުމާން އެހެރީ ދަރަނިވެރިވެފައެވެ. އޭނަ ކިތަންމެ އެދުނަސް އައިފޯނެއް ބީއެމްޑަބުލިއުއެއް ހޯދައެއް ނުދެވޭނެއެވެ. އަދި އެޕާޓްމެންޓެއްވެސް ހިބަކޮށެއްނުދެވޭނެއެވެ. ނިއުޒީލެންޑްފަދަ ތަނަކުން ގެއެއް ދޭކަށްވެސް ޖެހިލުމެއްނުވާނެއެވެ. އިމާދުއްދީން ދެއްކިވާހަކަތަކުން އޭނަގެ ބިންތައް ދުނިޔޭގެ ކަންކޮޅުގައިވާކަން އޭނައަށްވަނި އެނގިފައެވެ. އެފަދަ އެއްޗެއްސަށް އެދެވުމަކީ އަންހެންކުދިންގެ ތަބީއަތުގައި ހުންނާނެކަމެއްތާއެވެ.

ފައިސާގެ ދަހިވެތިކަން ލިވިއާގެ ސިކުނޑީގައި ވަކިހިއްޕާލާފައިވާ ވަރުން ހެޔޮވިސްނޭ ވަރަށް ވުރެ އޭނަވަނީ މަގުން ކައްސާލާފައެވެ. އިމާދުއްދީންގެ މުއްސަދިކަން އަތްފޯރާފަށުގައިވާއިރު އެކަން ބަލަން ހުރެވޭކަށްނެތެވެ. ލުކުމާން އޭނައަށް މިހެދުން ނުލާން އަންގާނީ މިހެދުމުގެ ފައިސާގެ ދަހިވެތިކަން ލިވިއާގެ ލޯމައްޗަށް ވައްޓާލާފައިވާ ފަރުދާގެ ބޯމިން އަންދާޒާކުރެވޭވަރެއް ނޫނެވެ. އޭނަގެ ހުވަފެންތައް ފުރިހަމަކުރަންވެގެން އޭނަ އުޅޭއިރު ފަސް އެނބުރި ބަލައިލާކަށް ބޭނުމެއްނޫނެވެ. އިމާދުއްދީން އެވަނީ އޭނަގެ ކިޔެވުމަށް ޚަރަދުކުރަންވެސް ހުށަހަޅާފައެވެ. ބޭނުން ޔުނިވާސިޓީއަކުންނެވެ. މިގޭގައި ވައިފައި މިހިރީ ހިތަކަށް ލިބިފައެވެ. ލެޕް ހިފައިގެން ޓެރެހަށް އަރާ ލިވިއާ އިންއިރު ކުރިމަތީގައި ހުރީ ކޮށާފައި ހުރި މޭވާ ތަށްޓެކެވެ. އުލުން މޭވާ އެތިކޮޅެއް އަނގަޔަށް ލާފައި ހަފަމުން ދިޔައިރު ބައެއްފަހަރު އަނގަ ހުތްވެގެން ގޮތެއް ހަދާލެވެއެވެ. ޔޫކޭގެ ބައެއް ސިޓީތަކުގައި ހުރި ޔުނިވާސިޓީތައް ބަލަމުން ދަނިކޮށް މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައި ބަލައިލެވުނުއިރު އިމާދުއްދީން ހުރީ ހިނިތުންވެލާފައި ބަލާށެވެ.

"ކޮން ކުއްޖަކާ ޗެޓްކުރަނީ؟ " އިމާދުއްދީން ކުރިމަތީގައި ހުރި ޖޯލިފަތީގައި އިށީދެފައި ލިވިއާގެ މޫނަށް ބަލައިލީ އެމޫނުން އެއްޗެއް ދަސްކުރަން އުޅޭފަދަ ގޮތަކަށެވެ.

"ޔޭކޭގެ ޔުނިވާސިޓީތައް ބަލައިލަނީ. ކަމުދާކަހަލަ ތަނެއް މެންޗެސްޓާގައި އެބަހުރި. ވަރަށް އަވަހަށް އެޕްލައިކުރާނަން........." ލިވިއާ ހުރިހާދަތްތައް ފެންނަވަރަށް ހީލަމުން ލެޕް ލައްޕާލައިފިއެވެ. އިމާދުއްދީންގެ މޫނުގެ ކުލަ ކޮންމެވެސް ވަރަކަށް ފަނޑުވާންއުޅުނީ އޭނައަށް ލިވިއާގެ އެހުވަފެން ސީދާކޮށް ދެވޭނެ ބާވައޭ އަމިއްލަ ޟަމީރާއި ސުވާލުކުރެވިފައެވެ. އޭނަ އެތައް އަންހެނުންނަށް ބޭކާރު ޚަރަދުކުރިއެވެ. އެތައް ފައިސާއެއް އަންހެނުންނަށް ޚަރަދުކުރެވުނީ ވިސްނާނުލައެވެ. ކޮންމެފަހަރަކު އޭނަގެ މުއްސަދިކަން އަންގާ ރިޒޯޓުތަކަށް ގެންގޮސް އުޅެލާފައި ދުވަސްކޮޅެއްފަހުން ފޫހިވެ އާ ބައިވެރިޔަކު ޚިޔާރުކުރަނީއެވެ. އެންމެ ރީތި ތާޒާ އަންހެންކުއްޖާއާއި ދިމާވިއިރު އޭނަ އެހެންމީހުންނަށް ނޭންގިޔަސް ދަރަނިވެރިވާއަތަށް އަޅާފައިވެއެވެ. އަމިއްލަ އާއިލާގެ ޚަރަދުތައް ކިރިޔާ ކުރެވޭކަމެވެ. ނޯކަރުންނަށް މުސާރަނުދެވޭ ވަރުވުމުން އޭނަވަނީ އެންމެންނަށް ދާއިމީ ޗުއްޓީއެއް ދީފައެވެ. ލޯނުނެގިޔަސް ދެއްކޭވަރެއްވެސް ނުވެއެވެ. ނަމަވެސް މިހާރު އޭނައާއި ދިމާވި އިންވެސްޓަރެއްގެ ސަބަބުން އުއްމީދު އާލާވާގޮތްވެފައިވާތީ ލިވިއާއަށް އޭނަގެ ފަރާތުން ކޮންމެވެސް ވަރެއްގެ ހެޔޮކަމެއް ފޯރުކޮށްދެވޭނެކަމަށް އޭނަ ދެކެއެވެ.

"އެތަންތަނަށް ދިޔައިމަ ދުވަސްކޮޅަކުން މޮޑެލްކުރަން ހުށަހެޅުންތައް އަންނާނެ. ރީތި އަންހެންކުދިންގެ ނަސީބު އަބަދުވެސް ރަގަޅުވާނެކަން ލިވިއާ ދަންނަންތަ؟ " އިމާދުއްދީން ދިމާކޮށްލާފަދަ ގޮތަކަށް ވާހަކަދެއްކީ ލިވިއާ އެކަމާއި ނުރުހުމެއްނުވެ ހީލަ ހީލާ އިންނާތީއެވެ. ތައުރީފުކުރުމުން ލިވިއާ ކިތަންމެހާވެސް އުފާވާކަން އެމޫނަށް ވެރިވާކުލަވަރުތަކުން އެނގެއެވެ.

"އަދި މިވީހާތަނަށް އެފަދަ ނަސީބެއް ނުލިބޭ. އެއްގޮތަކަށްވެސް އަގުވެއްޓޭކަހަލަ ކަމެއްކުރާހިތެއްނުވޭ ކިޔަވާ މޮޅުމީހަކަށްވުމަކީ އަބަދުގެ ޑްރީމް....." ލިވިއާ ބުނެލިއެވެ.

"ލިވިއާގެ ހުވަފެންތައް ފުރިހަމަވާނެ..."އިމާދުއްދީން ޔަގީންކަންދިނެވެ.

"ކުޑައިރުވެސް ހިތަށް އަރާ ފެއަރީޓޭލް ލައިފެއް ލިބޭނެނަމައޭ. ޓްރެވެލް ކުރާހިތުން މޮޔަވޭ. އެކަމަކު ފްލައިޓަށް އަރާފައި ޕެނިކީވާތީ ކެބިންކުރޫއަކަށް ވާކަށްވެސް ނުކެރުނު. ނަމަވެސް މިހާރު އަޒުމް ކަނޑައަޅައިފިން. ހުރިހާ ބިރެއް ދޫކޮށްލާފައި މި ކުރު ދިރިއުޅުން ވީހާވެސް އުފާވެރިކޮށް އުޅެ މަޝްހޫރު އަންހެނެއްގެ ގޮތުގައި ދުނިޔެއިން ވަކިވެގެން ދާން ބޭނުމީ.........." ލިވިއާ ހީލުމުން އިމާދުއްދީން އަތް ދިއްކޮށްލާފައި އަތާ އަތް ޖަހައިލިއެވެ.

އޭނަގެ ހިތުގެ އަޑު އިމާދުއްދީންއަށް އިއްވައިލީ އެހިވާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. މިވީހާތަނަށް ސަވާނާގެ ބައްޕައެއްކަމަކު މިގޮތަށް މިގެއަށް އައިސް ބައްދަލުކޮށް ވާހަކަދައްކާލާކަށް ނުކެރެއެވެ. އެދޭތެރޭގައި އޮތީ ބައްޕަ ދަރިއެއްގެ ގުޅުމެވެ. ނަމަވެސް މަޑުމަޑުން އެގުޅުން މިދަނީ ބަދަލުވަމުންނެވެ. ގާތް އެކުވެރިޔެއްގެ ސިފަ ޚިޔާރުކުރަމުންނެވެ. އެހީތެރިވެދޭ ރަގަޅު މީހެއްގެ ގޮތުގައި އިމާދުއްދީން ފެނުނެވެ. ލުކުމާންވެސް އޭނަގެ އުފާތަކާއިމެދު މިހާ ވިސްނާކަމެއް ނޭގެއެވެ.

އިމާދުއްދީންގެ ހިތުގައި ލިވިއާގެ މައްޗަށް އޮތް ލޯބި އެތައް ގުނަ އިތުރުވިއެވެ. މަޝްހޫރު މުއްސަދި ރީތި ސްޓައިލިޝް ކުއްޖަކު އަންބަކަށް ހެދިއްޖެއްޔާ އޭނަގެ ނަސީބު އަލުން އަތުގައި ހިފާފާނެއެވެ. ލިވިއާގެ އެހުރިހާ ސިފަތަކެއް ހަމަޔަށް އެބަހުއްޓެވެ. އޭނަގެ އަންބެއްގެ ގޮތުގައި ހުންނަން ލާއިގުވަނީ އެފަދަ ކުއްޖެކެވެ. ނަބީލާފަދަ އަންހެނެއްގެ ސަބަބުން އޭނަގެ ދިރިއުޅުމަށް ސުންޕާ ހިޔަނިއެޅިއްޖެއެވެ. ރަގަޅުގޮތެއް ނުވަންޏާ ދެން ލިވިއާފަދަ އަންހެންކުއްޖަކު ގެނެސްގެން ނަމަވެސް ނަސީބު ބަދަލުކުރަން އޭނަ ބޭނުމެވެ.

ސަވާނާ އައިސީޔޫއިން ޕްރައިވެޓް ރޫމަކަށް ބަދަލުކުރުމަށްފަހުވެސް އެނދުން ތެދުވާކަށް ހުއްދައެއްނެތެވެ. ކިރިޔާވެސް އޮތްތަނުން ގުޑާލިޔަސް ފުއްޕާމެޔަށް ގެއްލުންވެ ނޭވާ ހާސްވެގެން ފުރާނައަށް ނުރައްކާވެދާނެއެވެ. މޭގެ ކަށިތަކެއް ބިނދިފައިވާތީ ރަގަޅުވާންދެން އެހެން އޮންނާންވުމަކީވެސް ސަވާނާއަށް ފަސޭހަކަމެއްނޫނެވެ. މޫނާއި ހަށިގަނޑުގައިވި ޒަޚަމްތަކަށްވުރެ ހިތުގައިވާ ލަކުނު މާ ފުނެވެ. ދުވަހަކު އެހިތަށް ތަސައްލީ ލިބުމެއްނެތްކަން ސަވާނާއަށް އެނގެއެވެ. އޭނަ އެހާ ބަލިވިއިރުވެސް ލުކުމާން އޭނަދެކެން ނައިތާ ޕާޓީއަށް ފިލަންޖެހުނު ސަބަބު އަދިވެސްވަނީ ނޭގުމުގެ ތެރޭގައެވެ. ޕްރައިވެޓް ރޫމަށް ސަވާނާ ބަދަލުކުރި ދުވަހު އާއިލާމީހުންނާއި އެކުވެރިން ޒިޔާރަތްކުރަން އައުމުން ސަވާނާ އޮތީ އުދަގޫވެފައެވެ. އެންމެން ހާލު އޮޅުންފިލުވާފައި ނުކުމެގެންދާއިރު އެމީހުންގެ ހިތްތައް އެހާ ހަމްދަރުދީއިން ފުރިފައިވަނީ ކީއްވެކަން އެނގި ސަވާނާ ލަދުން މޮޔަވާވަރުވިއެވެ. އެ ދިގު އެސްފިޔަތަކުގެ ފުރަހުގައި ހުރި ކަރުނަތައް ކޮންމެ ވަގުތަކުވެސް އޮހިގެންފާނެކަމުގެ ބިރު ހީވިއެވެ. ނަމަވެސް ސަވާނާ ކެތްކުރިއެވެ. އެނިކަމެތި ފުރާނައަށް ކެތްނުވާނެހެން ހީވިއިރުވެސް ކެތްތެރިކަމުގެ އިންތިހާއަށް ކެތްކުރިއެވެ.

ލިވިއާ ގެނައީ ވާހަކަފޮތަކާއި ލިލީ މާބޮނޑިއެކެވެ.

"ނަންނި ކީއްވެ ތިހާ ސްޓްރޯންގް ކުއްޖެއް ޓެރެސްއިން ފުންމާލަންވީ. އެއީތެދެއްކަމަށް އަދިވެސް އަހަރެން ގަބޫލެއްނުކުރަން. ނަންނި ފުންމައެއްނުލާނެ........" ލިވިއާ ސަވާނާގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ.

"ލިވީ ތިހީކުރީ ރަގަޅަށް. އަހަރެން އުޅުނީ ފުންމާލަން އެކަމަކު އެވަގުތު ޚިޔާލު ބަދަލުވީ. ފައިބަން އުޅެނިކޮށް އަރިއަޅައިލީ..........." ސަވާނާ ކުޑަކޮށް ހީލަމުން ލިވިއާ ގެނައި ވާހަކައާއި މާބޮނޑިއަށް ޝުކުރުއަދާކުރިއެވެ. ވާހަކަފޮތް ހުޅުވާލާފައި އޭގައި ވަސްބެލުމުން ލިވިއާ ހޭންފެށިއެވެ. އެއީ އޭނައާއި ސަވާނާ އެއްގޮތް ކުރުވާ ކަމެކެވެ. ދެމީހުންނަށްވެސް އާ ފޮތްތަކުގައި އެހުންނަ މީރުވަހާއި ނިކަން ގަޔާވެވެއެވެ. ސަވާނާ ބުނާގޮތުން އެއީ އޭނަ ކުޑައިރުއްސުރެން ކަށީގައި ހިފާފައިވާ އާދައެކެވެ. އާ އެއްޗެހީގައި ވަސްބެލުމަށް އެހާ ފޯރިހުރެއެވެ. ޕެޓްރޯލް ޑީސެލްފަދަ ތަކެތީގައި ވަސްބެލުމުން ފުއްޕާމެއަށް ލިބޭނެ ގެއްލުން ކުރިއަކުން ނޭގެއެވެ.

"އަހަންނަށް އެނގުނު. އެޓްލީސްޓް ނަންނި ދުނިޔެއަށް ނޭވާލިކަމުން ހަގީގަތް ހާމަވެއްޖެ. މަރުވިނަމަ ހަމަ ކިޔާނެ ސުއިސައިޑްކުރީއޭ. ކީކޭ ޑޮކްބުނީ؟ މޫނުގައި ހުރި ފާރުތައް ހިކުނީމަ ލަކުނު ހުންނާނެތަ؟ " ލިވިއާ އެންމެ ބޮޑަށް ވިސްނީ ސަވާނާގެ މޫނަށް އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމާއިމެދުއެވެ. އެސިފައަށް ބަދަލެއް އަތުވެދާނެތީއެވެ. އަދިވެސް މޫނާއިއެކު ވައަތު ލޯ އެހެރީ ބެންޑޭޖްކޮށްފައެވެ.

"ނޭގޭ......" ސަވާނާ ތުންފިތައިލިއެވެ. ލަކުނުލިޔަސް އޭނައަށް އެންމެރަގަޅެވެ. އޭނަގެ ސިފައަކުން ކުރާނެކަމެއްނެތެވެ. ދިރިހުންނާކަށްވެސް އޭނަބޭނުމެއްނޫނެވެ. މިތާ އާއިލާއާއި އެންމެން އޭނަކައިރީގައި ވަގުތު ހޭދަކުރާއިރުވެސް އެކަނިވެރިކަން އިހުސާސްކުރެވޭވަރު އެނގެނީ އޭނައަށެވެ. ހިތްދަތިކަމާއި އެކަނިވެރިކަން އަދި މާޔޫސީކަމުގެ ސާލެއް މުޅިހަށިގަނޑުގައި އޮޅާފައިވާކަމުގައި ހީކުރެވެއެވެ. ލަދުވެސް ގަންނަނީ އޭނައެވެ. މި ތަންމަތިން އޭނަ ކަށްވަޅަށް ދާނެނަމަ މާރަގަޅުވީހެވެ. ހޭނޭރިނަމަ މާ ހިތަށް ފަސޭހަވީހެވެ. މިވީގޮތުން ދުވާލަކު ހާސްފަހަރު މަރުވާންޖެހޭނެއެވެ. ކައިވެނީގެ ދުވަހު ކަންތައް ހިނިގިގޮތް ހަދާންވެފައި ސަވާނާގެ ހިތަށްކުރި ބާރުބޮޑުވިއެވެ.

"ފެންފޮދެއް....." ސަވާނާގެ އަރުތެރެ ހިކެންފެށުމުން ތުންފަތުގައި ދޫ ހާކާލެވުނެވެ. ތުންފަތް ހިކިކަމުން ފަޅައިގެންގޮސް ލޭ އައިސްދާވަރުވެއެވެ. އެވަގުތު ޑޮކްޓަރާއި ނަރުސްކުއްޖަކު ވަނުމުން ލިވިއާއަށް އެ ޒުވާން ޑޮކްޓަރާއި ދިމާލަށް ބަލައިލެވުނީ ޝައުގުވެރި ނަޒަރަކުންނެވެ. ލުކުމާންއާއި އަޅާކިޔާލެވޭވަރުގެ މީހަކު މިފެނުނީ އަލަށެވެ. އެންމެ ފިރިހެންވަންތަ މީހުން ލިވިއާއަކަށްވެސް ކަމަކުނުދެއެވެ. މިއީ ހަމަ ސީދާ ލުކުމާންގެ ސިފަތައް ލިބިފައިވާ މީހެކެވެ. ކާކުހެއްޔެވެ؟ އޮޕަރޭޝަން ޑޮކްޓަރެއްކަމަށްވުމުން ހައިބަތުވެސް އެބަހުއްޓެވެ. އޭނަގެ ނަސީބުގައި މިކަހަލަ ހަރުދަނާ މީހެއް ލެއްވިނަމަ ކޮންފަދަހެއްޔެވެ؟ އެޑޮކްޓަރާއި ސަމާސާކޮށް ވާހަކަދައްކާ ހިތުން ކެތްނުވެގެން ލިވިއާ ލޮލަށް ގޮތެއް ހަދައިލުމަށްފަހު ސަމާލުކަން ހޯދަން މަސައްކަތްކުރިއެވެ. ސަވާނާއާއި ބެހޭގޮތުން ސުވާލުކުރަންފެށީ ނިކަން ހެވިލާފައެވެ. މޫނުގައި ލަކުނުލައިފިއްޔާ ޕްލާސްޓިކް ސާޖަރީ ހަދަން އެނގޭނެހެއްޔޭވެސް އަހައިލިއެވެ. އެހެން ފިރިހެނުންނާއި ތަފާތު މީހެކެވެ. އެހެން ފިރިހެނުން އުޅޭ ވައްތަރަށް ލިވިއާއާއި އަޅައިގަނެގެން ނޫޅެ އޭނަ ވާހަކަދެއްކިއިރު ފޮނިގޮތެއް ހުއްޓެވެ. ވަރަށް ނުރައްޓެހިއެވެ. ލިވިއާއަށް އެންމެ ކުޑަވެގެން އެޑޮކްޓަރުގެ ނަމެއްވެސް އޮޅުން ނުފިލިއެވެ.

އިމާދުއްދީން އޮފީހަށްވަނީ ފަހަރެއްގައިވެސް ލުކުމާން އެތަނުން ފެންނާނެކަމަކަށް ނޫނެވެ. ދަރިފުޅާއިމެދު އެހާ އިހާނެތިކޮށް ހިތާފައި ވަޒީފާއަށް ނިކުންނަން ކެރުނުކަމާމެދު ހައިރާންވެފައި ހުރެ ކައިރިއަށް ހުއްޓި މޭޒުމަތީގައި ދެއަތް ވިއްދައިލިއެވެ.

"ކަލޭގެ ތި ހިތްވަރު. އެހެރީ މިތަނަން ވަން ދޮރު ހަމަ މިހާރު ނިކުމޭ...." އިމާދުއްދީން ރުޅިގަދަވެގެން ދަތްތައް ޖައްސާ ބާރުކޮށްލައިގެން ހުރިއިރުވެސް ވާހަކަދެއްކީ މަޑުންނެވެ.

ލުކުމާންގެ ނަޒަރު ހުއްޓުނީ އިމާދުއްދީންގެ އިނގިލިތަކަށެވެ.

"ކަލެއަށް އަހަރެން މިކިޔާ އެއްޗެއް އަޑެއްނީވޭތަ؟ " އިމާދުއްދީންގެ އަޑު ތަންކޮޅެއް ގަދަވިއެވެ. ނަފްރަތުގެ އަލިފާންގަނޑު ރޯވެގަތްގޮތަށް އެދެލޯވެސް ވިރިގެންފައިބަފާނެ ކަހަލައެވެ. ލޯ ރަތްކޮށްލައިގެން ހުރިއިރު އެ ދެލޮލުގައިވި ނަފްރަތު ހަމަ ޔަގީނުންވެސް ލުކުމާންއަށް އިހުސާސް ނުކުރެވިއެއްނުދާނެއެވެ. އިންސާނަކު ފެނިފަ މިހާ ރުޅިއައި ހަދާނެއް އޭނަނުވެއެވެ. ލުކުމާން އޭނަ ލަދުގަންނަވާލާ ފަޟީހަތްކޮށްލި ހަދާންތައް އޭނަގެ ހިތުން ދުވަހަކު ފިލައިގެނެއްނުދާނެއެވެ. އެތައް ބަޔެއްގެ ތެރޭގައި އޭނަ ހަމައެކަނި ސަވާނާގެ ހިތާއި ކުޅެލީއެއް ނޫނެވެ. އޭނަގެ އަގުވެސް ވައްޓައިލީއެވެ. ލަދުން މީހެއްގެ މޫނަށް ބަލައިލަންވެސް އޭނަ ހުރީ ނުކުޅެދިފައެވެ.

ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއިއެކު އިމާދުއްދީންއަށް އެއީ ކާކުކަން ދެނެގަނެވުނެވެ. އެނބުރި ބަލައިލެވުނުއިރު ނިތްކުރީގައިވިހާ ރޫތައް ފިލައިގެން ދިޔައެވެ.

comment ކޮމެންޓް