އަންނަަ ފެބްރުއަރީ މަހު ސްކްރީނަށް ގެންނަ ފިލްމު "ދެވަންސޫރަ"ގެ ޓިކެޓް ބުކްކޮށްދޭން ފަށައިފި އެވެ.
ދެވަންސޫރަ އަކީ އަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ސަސްޕެންސް ތްރިލާ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ ޔޫއްޕެ އެވެ. ޑައިރެކްޓަރަކީ ވެސް ޔޫއްޕެ އެވެ.
ދެވަންސޫރަ ޓީމުގައި ހިމެނޭ އެކްޓަރު ފައިސަލް ސަން އަށް ބުނީ ޓިކެޓް ބުކް ކުރުމުގެ ކަންތައް ދެވަންސޫރަ ގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. "ޓިކެޓްގެ އަދަދާ ގުޅޭނެ ނަންބަރު ޖަހާފައި އިންބޮކްސް ކޮށްލަންވީ،" ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހު ފަހެއްގައި ކަމަށް ވެސް ފައިސަލް ބުންޏެވެ.
ފައިސަލް ބުނީ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިހާރު ވެސް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"މިފަހުން މި ފެނުނީ ލޯބީގެ ފިލްމުތަކާ ކޮމެޑީ ފިލްމުތައް. ދެވަންސޫރަ އަކީ ތަފާތު ޓޭސްޓަކަށް ވާނެ،" ފައިސަލް ބުންޏެވެ.
ފެބްރުއަރީ 6ގައި ފިލްމު އެޅުވުމަށް ނިންމާފައިވާ އިރު ފައިސަލް ބުނީ އޮލިމްޕަހުގައި ފިލްމު ރިލީޒްކުރާ ދުވަހު ހދ. ކުޅުދުއްފުއްޓާއި ގދ.ތިނަދޫ އަދި ފުވައްމުލަކާއި އައްޑޫ ސިޓީގައި ވެސް ފިލްމު ރިލީޒްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެހެން ރަށްތަކުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ފައިސަލް ބުންޏެވެ.
"ރަށްރަށުގައި އަޅުވަން ވެސް ފުރުސަތު ހުޅުވާލާފައި މި އޮތީ. ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން."
ފިލްމުގެ ލީޑް އަންހެން ތަރިއެއްގެ ގޮތުން ފެނިގެންދާނީ އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިއްމު ތަރިންގެ ތެރޭގައި ޔޫއްޕެ، ދޮން އައްޔަ، ޖިމީ، އަޒޫ، ފައިސަލް، ނާއްކޮ، ސައީދު އަދި ޖާދުﷲ ފަދަ ތަރިން ހިމެނެ އެވެ.
ދެވަންސޫރަ އާ ގުޅޭ ގޮތުން މީގެ ކުރިން ޔޫއްޕެ ބުނީ އެ ފިލްމަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭނެ ފިލްމެއް ކަމަށާއި ފިލްމުގައި ފެނިގެންދާނީ މަރެއްގެ ހަގީގަތް ހޯދުމަށް އަންހެނަކު ކުރާ މަސައްކަތް ކަމަށެވެ.
ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.