އެމްބާޕޭއާއި ގެބްރިއަލް ކުޑައަގެއްގައި ޔުނައިޓެޑަށް ގެނައުމުގެ ފުރުސަތު އޮތް!

ގިގްސް ބުނީ، އެމްބާޕޭއާއި ޖީސަސްގެ އަގު 5 މިލިއަން ޕައުންޑުގައި ހުރި އިރު، އެ ދެކުޅުންތެރީން ޔުނައިޓެޑަށް ގެނައުމަށް މަޝްވަރާދިންކަމަށް -- ގެޓީ ފޮޓޯ: ގޯލް

ކިލިއަން އެމްބާޕޭއާއި ގެބްރިއެލް ޖީސަސް، ކުޑަ އަގެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމަށް އެޓީމުގައި ކުރިން އެދިފައިވާނޭ ކަމަށް، ޔުނައިޓެޑްގެ ކުރީގެ ތަރި ރަޔާން ގިގްސް ބުނެފިއެވެ.

ލުއިސް ވެންހާލް ޔުނައިޓެޑްގެ ކޯޗަކަށް ހުރި އިރު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ގިގްސް ވަނީ ދެއަހަރު މަސައްކަތްކޮށްފައެވެ. އެ ދުވަސްވަރު، އެޓީމަށް އެމްބާޕޭއާއި ޖީސަސް ގެނައުމަށް ޓީމުގައި ބުނެފައިވާ ކަމަށް ގިގްސް ބުންޏެވެ.

ގިގްސް ބުނީ، އޭރު ޔުނައިޓެޑުން އެ ދެ ކުޅުންތެރީން ހޯދަން އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރުމުގެ ސަބަބުން، ޖީސަސް ވަނީ ޕަލްމެއިރާއިން މެންޗެސްޓާ ސިޓީއަށް ބަދަލުވެފައި ކަމަށާއި އަދި މޮނާކޯގައި މޮޅުކުޅުމެއް ދެއްކުމަށްފަހު އެމްބާޕޭ އެންމެ ފަހުން ޕީއެސްޖީއަށް ގެންދިޔައީ ކަމަށެވެ.

"ތިން އަހަރެއްހާ ދުވަސް ކުރީން އަހަރެން ބެލިން ގެބްރިއަލް ޖީސަސް ކުޅޭތަން. އެމްބާޕޭގެ ކުޅުން އަހަރެއްހާ ދުވަހު އަހަރެން މޮނިޓަރކުރިން. ސްކައުޓެއް މެދުވެރިކޮށް އަހަރެން އެ ދެކުޅުންތެރީންނަށް ވެސް ފާރަލިން،" ޔުނައިޓެޑްގެ ލެޖެންޑް ބުންޏެވެ.

ގިގްސް ބުނީ، އޭރު އެ ކުޅުންތެރީން އަގު ހުންނާނީ ގާތްގަނޑަކަށް ފަސް މިލިއަން ޕައުންޑަށް ކަމަށެވެ. އަދި އެކުޅުންތެރީން ޔުނައިޓެޑަށް ސޮއިކުރުވުމަށް ފަހު ލޯނު އޮސޫލުން އެހެން ކްލަބަކަށް ދޫކޮށްލުމަށްވެސް މަޝްވަރާ ދީފައިވާނޭ ކަމަށެވެ.

މެންޗެސްޓާ ސިޓީގެ އެންމެ މުހިއްމު އެއް ފޯވާޑުގެ ގޮތުގައި ޖީސަސްގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން ދާއިރު، 165 މިލިއަން ޕައުންޑަށް ޕީއެސްޖީއާ ގުޅުނު ފްރާންސްގެ ވޮންޑަރކިޑް އެމްބާޕޭ ދަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

comment ކޮމެންޓް