ޔުނައިޓެޑް ބަލިވީ ބްރިސްޓޯލްގެ ނަސީބު ރަނގަޅުކަމުން: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، ލީގު ކަޕުން އޭނާގެ ޓީމު ކެޓީ، ކުއާޓާގައި ވާދަކުރަން ޖެހުނު ދެވަނަ ޑިވިޝަންގެ ބްރިސްޓޯލް ސިޓީގެ ނަސީބު ރަނގަޅުވުމުން ކަމަށް -- ފޮޓޯ: ގެޓީ

އިނގިރޭސި ފުޓްބޯޅަ ލީގު ކަޕް (އީއެފްއެލް)ގެ ސެމީ ފައިނަލްގެ ޖާގައެއް މެންޗެސްޓާ ޔުނައިޓެޑަށް ނުލިބުނީ، އެޓީމާ ވާދަކުރި ބްރިސްޓޯލް ސިޓީގެ ނަސީބު ރަނގަޅުވުމުން ކަމަށް، ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ބްރިސްޓޯލް ސިޓީގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް އެޓީމު ކުޅުނު ލީގް ކަޕް މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އެ ޓީމުންނެވެ. ޖޯ ބްރަޔަންސް ބްރިސްޓޯލްއަށް ލީޑު ނަގައިދީފައި ވަނިކޮށް، ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ޒްލަޓާން އިބްރަހިމޮވިޗެވެ. އެހެން ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭގައި ބްރިސްޓޯލްގެ ކޫރޭ ސްމިތު ވަނީ ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑް ކަޓުވާލައި ސެމީގެ ޖާގައެއް ކަށަވަރު ކޮށްދީފައެވެ.

"އެމީހުން ހަމަ ނަސީބު ރަނގަޅީ. އެކަމަކު ނަސީބު ރަނގަޅުކުރުމަށް އެމީހުން ވަރަށް ބޮޑަށް މަސައްކަތްކުރި. އެންމެންވެސް އަހަރެމެންގެ ފަރާތުން ލަނޑަކަށް އިންތިޒާރުކޮށްކޮށް ތިއްބާ އެޓީމު މޮޅުވީ،" މޮރީނިއޯ ބުންޏެވެ.

"މިއީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭނެ ދުވަހެއް. ދަށް ޑިވިޝަންގެ ޓީމަކުން މޮޅުވީ."

މޮރީނިއޯ ބުނީ، މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖެހުމަށް ފަހު މޮޅަށް ކުޅުނީ ވެސް އޭނާގެ ޓީމު ކަމަށެވެ. އެހެން ނަމަވެސް ބުރަ މަސައްކަތުން ބްރިސްޓޯލް އެ މެޗުން މޮޅުވުމުން، ސެމީ ފައިނަލްގައި ވެސް އެޓީމަށް ކާމިޔާބު ލިބުމަށް އެދޭކަމަށް ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

ގަދަ ހަތަރެއްގައި ބްރިސްޓޯލް ސިޓީ ވާދަކުރާން ޖެހޭނީ، މެންޗެސްޓާ ސިޓީއާއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ، ޗެލްސީއާ އާސެނަލެވެ.

comment ކޮމެންޓް