އިސްލާމްދީނާއި މީޑިޔާ - 3

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޒަމާނުގެ މީޑިޔާގެ ބާރަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދެނެވަޑައިގެންނެވިއެވެ. އެބާރުގެ މުހިންމުކަން ވިސްނައިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ އެވަރުގަދަ ބާރާމެދު ފަރުވާކޮޑަކޮށެއް ނުލައްވައެވެ. އެޒަމާނުގައި ލިބިވަޑައިގެންނެވި މަދު ވަސީލަތްތަކާއި ކުޑަކުޑަ އަފްރާދީބާރު ބޭނުންކުރައްވައިގެން ﷲގެ ރިސާލަތު މީސްތަކުންނަށް ރައްދުކުރެއްވިއެވެ. ނުހަނު ރޭއްވެވުންތެރިކަމާއި އަދިއެހައިމެ ޙިކުމަތްތެރިކަމާއެކުގައެވެ. އޭގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

މީލާދީން ހަވަނަ ސައްތައިގައި ޢަރަބިކަރައިގައި މުހިންމު އިއުލާނެއް ނުވަތަ އާދަޔާޚިލާފު ޚަބަރެއް ޢާއްމުކުރަން ބޭނުންވެއްޖެނަމަ އެއިއުލާންކުރާ މީހާ އޭނާގެ ހެދުން ބާލައި ބޮލުގައި އަޅައެވެ. އެއަށްފަހު އުސްތަނަކަށް އަރައި ހުރެ އޭނާ ގެނައި ޚަބަރެއް ނުވަތަ ކުރާ އިއުލާނެއް މީހުނަށް އަޑުއިއްވައެވެ. މީހުން އެބާވަތުގެ އިއުލާން ސަމާލުކަމާއެކު އަޑުއަހައެވެ. އެބާވަތުގެ ޚާއްޞަ އިއުލާންކުރާ މީހުންނަށް އަރަބީން ނަންދެނީ "އޮރިޔާން ނަޒީރު" ގެ ނަމުންނެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީޑިޔާގެ އެވަސީލަތް ބޭނުންކުރެއްވިއެވެ. ނަމަވެސް އެކަމުގައި އިސްލާމީ ކުލައިން ކުލަޖައްސެވުމާއެކުގައެވެ. ހެދުންކޮޅު ބޭލުއްވުމެއް ހަޅޭއްފުޅުލެއްވުމެއްނެތިއެވެ. އަޚްލާޤީ އަގުތަކާ އެއްގޮތްވާގޮތުގެމަތީންނެވެ. އެޒަމާނުގައި މައްކާގެ ސަފާފަރުބަދަޔަކީ ބޮޑެތި ކަންތައް އިއުލާންކުރާ މީހުން އެކަމަށްޓަކައި އަރައި އުޅުނު ފަރުބަދައެކެވެ. ޢާއްމު އެއްވުންތަކުގައި ވާހަކަދައްކާމީހުން ޤުދުރަތީ މަންސައެއްގެ ގޮތުގައިވެސް ބޭނުންކުރި ފަރުބަދައެވެ. އިތުރުސާހިބާ އެމަންސަ ބޭނުންކުރެއްވިއެވެ. ސަފާފަރުބަދައަށް އަރައިވަޑައިގެން މައްކާގެ މީހުންނާ މުޚާޠަބުކުރައްވައި އެމާތްސާހިބާގެ ދަޢުވަތު މުޅި މައްކާއަށް ޢާއްމުކުރެއްވިއެވެ. މާތްﷲ ގެ ރިސާލަތު މީސްތަކުންނަށް އިއްވެވިއެވެ. ހަމައެއާއެކު ފަރުދީގޮތުން ވަކިވަކި މީހުންގެ ގާތަށް ވަޑައިގެން ބައްދަލުކުރައްވައި ދީނުގެ ދައުވަތު ރައްދުކުރައްވަމުން ގެންދެވިއެވެ. ހައްޖުމޫސުމުގައި މައްކާއަށް އަންނަ މީހުންނަށް ދަޢުވަތުދެއްވިއެވެ. މައްކާގައި ބޭއްވޭ އެކިއެކި ބާޒާރުތަކަށާއި މަހާސަމާތަކަށް ވަޑައިގެން މީހުނާ ބައްދަލުކުރައްވައި ހިދާޔަތުގެ މަގަށް ގޮވައިލެއްވިއެވެ. މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވުމަށްފަހު އެކި ފަރާތްފަރާތަށް ދަޢުވަތުގެ ސިޓީފުޅުތައް ފޮނުއްވިއެވެ. އެކި ދިމަދިމާއަށް ދައުވަތުގެ ވަފުދުތައް ފޮނުއްވިއެވެ.

އެޒަމާނުގައި ޢަރަބީންގެ މެދުގައި ޅެމާއި ޅެންވެރިކަމާއި ވާހަކަ ދެއްކުންތެރިކާމުގެ ބާރާއި ނުފޫޒު ވަރަށް ވަރުގަދައެވެ. މައްކާގެ މުޝްރިކުންނަކީ އެއުރެންގެ ބަސްމޮށުންތެރިކަމަށާއި ޅެންވެރިކަމުގެ ކުޅަދާނަކަމަށް ފަޚުރުވެރިވާ ބައެކެވެ. އެމީހުން މާތްﷲގެ ރަސޫލާއަށް ޅެންވެރިކަމުގެ ޒަރީޢާއިންވެސް ޙަމަލަދީ އުޅުނެވެ. ނުހަނު ކިބުރުވެރިކަމާއެކުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ މުޝްރިކުންގެ އެ ގޮންޖެހުން ޤަބޫލުކުރެއްވިއެވެ. ޅެންވެރިކަމުގެ ފަންނުގެ ވަސީލަތުން ކުފުރާ މުޤާބަލާކުރައްވަން ޞަޙާބީންނަށް އަމުރުކުރައްވައި ހިތްވަރުދެއްވިއެވެ. މުޝްރިކުންގެ ޙަމަލަތަކަށް ޖަވާބުދެއްވަން އެންގެވިއެވެ. އެހެންކަމުން ޞަޙާބީންގެ ވަރަށްގިނަ ބޭކަލުން އެފަންނުގައި އެބޭކަލުންގެ ކުޅަދާނަފުޅުކަމާއި ޖައުހަރުގެ މޮޅުކަން ސާބިތުކޮށްދެއްވަމުން ގެންދެވިއެވެ. އެބޭކަލުންގެ ތެރޭގައި ޙައްސާނުބިން ޘާބިތުއާއި، ކަޢުބު ބިންމާލިކުއާއި، ޢަބްދުﷲ ބިންރަވާޙާ ( ރަޟިޔަﷲ ޢަންހުމް) ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އެބޭކަލުން ޅެމާއި ޅެންވެރިކަން މީޑިޔާގެ ވަސީލަތަކަށް ހައްދަވައިގެން މުޝްރިކުންނާ ވަރުގަދައަށް ކުރިމަތިލެއްވިއެވެ. އިސްލާމްދީނާއި އެދީނުގެ ނަބިއްޔާގެ ދިފާޢުގައި ހަނގުރާމަ ކުރެއްވިއެވެ. އެޖިހާދުގައި އަބްދުﷲ ބިންރަވާޙާ ރަޟިޔަﷲ ޢަންހު އެކަތައިން ދަގަނޑު ކެނޑުއްވުމުގެ ގޮތުން މުޝްރިކުންނަށް ހަޖޫވިދާޅުވެ އެއުރެންގެ ފަތިފުށް ހާމަ ކުރެއްވުމުގެ ޅެންތައްވެސް ހެއްދެވިއެވެ. ކަޢުބު ބިން މާލިކު ރަޟިޔަﷲ ޢަންހު އިސްލާމްދީނުގެ ދުޝްމިނުންނަށް ނަފްސާނީ ހައިބަތު ދައްކަވަމުން ގެންދެވިއެވެ. ހައްސާނު ބިން ޘާބިތު ރަޟިޔަﷲ އަންހު މައްކާގެ މުޝްރިކުން އިސްލާމްދީނަށާއި އެދީނުގެ ނަބިއްޔާއަށް އަމާޒުކުރާ ޅެމުގެ ހަމަލަތަކަށް ވަރުގަދަޔަށް ރައްދުދެއްވިއެވެ. ދުޝްމިނުންގެ ބަސްހުއްޓުވައި އަނގަބަންދުކުރެއްވިއެވެ. ހަމައެއާއެކު ކައުސާހިބާއަށް މަދަހަ ވިދާޅުވުމުގެ ޒަރީޢާއިން ނުބުއްވަތާއި ރިސާލަތުގެ ކީރިތިކަން ސާބިތުކޮށްދެއްވަމުން ގެންދެވިއެވެ.

ވާހަކަ ދެއްކުންތެރިކަމަކީވެސް އެޒަމާނުގައި ވަރަށް ބޭނުންތެރި ބާރުގަދަ ހަތިޔާރެކެވެ. ވާހަކަ ދެއްކުންތެރީންގެ ދައުރަކީ ޢަރަބި ޤަބީލާތަކުގައި ވަރަށް މުހިންމު ދައުރެކެވެ. ނަބަވީ ދައުރުގައި ވަރަށްގިނަ ޞަޙާބީން އެފަންނުގައިވެސް ޚާއްޞަވެވަޑައިގެންނެވިއެވެ. ޚިޔާލުފާޅުކުރެއްވުމާއި މީޑިޔާގެ ވަސީލަތަކަށް ވާހަކަދެއްކެވުމުގެ ފަންނު ހެއްދެވިއެވެ. އިސްލާމްދީނުގެ ބަސްގަދަކުރައްވަން އެފަންނުގެ ބޭނުން ހިއްޕެވިއެވެ. ވާހަކަދެއްކުމުގެ ފަންނުގައި މުސްލިމުންގެ ތެރެއިން އެންމެ ކުރިޔަށް ނިކުމެވަޑައިގެން ހުންނެވީ ޘާބިތު ބިން ޤައިސު ރަޟިޔަﷲ އަންހުއެވެ. އެކަލޭގެފާނަށް "މުސްލިމުންގެ ވާހަކަ ދެއްކުންތެރިޔާ"ގެ ލަޤަބުއެރުވުނެވެ.

އަލްޚުލަފާއުއްރާޝިދޫންގެ ހަތަރުބޭކަލުންކަމުގައިވާ އަބޫބަކުރުއްޞިއްދީޤު، ޢުމަރުލްފާރޫޤު ޢުޘްމާނު ޛުއްނޫރައިނި، އަލީ ކައްރަމަﷲ ވަޖްހަހޫ (ރަޟިޔަﷲ ޢަންހުމް) އަކީވެސް ވާހަކަ ދެއްކެވުމުގެ މައިދާނުގެ ފިސާރި ކުޅަދާނަފުޅު ބަސްވާރުންނެވެ.

އިސްލާމީ އުންމަތަކީ ވަރަށް ޒިންމާދާރު އުންމަތެކެވެ. އަރަހުށިމާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިއުންމަތާ މަތިކުރައްވައިފައިވަނީ އެކަލާނގެ ރިސާލަތު އެކަލާނގެ އަޅުތަކުންނަށް ފޯރުކޮށްދިނުމުގެ މަތިވެރި މަޤާމެވެ. މިއުންމަތަށް ދެއްވައިފައިވާ ޚިޠާބަކީ އެންމެ ހެޔޮއުންމަތުގެ ޚިޠާބެވެ. އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުންވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުވެއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ." (އާލުޢިމްރާނު : 110)

އެންމެހެޔޮ އުންމަތުގެ ކިބައިން އެދެވިގެންވަނީ މީސްތަކުންނަށް ޙަޤީޤަތް ހާމަކޮށްދިނުމެވެ. ބާޠިލު ބާޠިލުގެ ގޮތުގައި ދުނިޔެއަށް ހާމަކުރުމެވެ. އެންމެ ހެޔޮ އުންމަތުން މިވާޖިބު އަދާނުކޮށްފިނަމަ ދުނިޔެ ފުރިގެންދާނީ ނުބައިކަމާއި ފަސާދައިންނެވެ. އެހެންކަމުން މިޒަމާނުގެ މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން މީސްތަކުންނަށް ޙަޤީޤަތް ހާމަކޮށްދީ ރަނގަޅުމަގު ދެއްކުމަކީ އިސްލާމީ އުންމަތުގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއެކެވެ. ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަސްލެއްނެތް ފިތުނަވެރި ވާހަކަތަކުގެ ދޮރު ބަންދުކޮށް މީހުންގެ އިއްޒަތާއި އަބުރާއި ކަރާމާތް ރައްކާތެރިކޮށްދިނުމަކީ އުންމަތުގެ ޒިންމާއެކެވެ.

މީޑިޔާގެ ވާޖިބުތައް

ކުރީންވެސް ދަންނަވައިފައިވާ ފަދައިން ހުޅަނގާއި ޔަހޫދީންގެ މީޑިޔާ މިހާރުވަނީ އިސްލާމްދީނަށާއި މުސްލިމުންނަށް ހަކިބައިން ޙަމަލަތައް އަމާޒުކޮށްފައެވެ. އެބައިމީހުންގެ މަޤްސަދަކީ އެކަކުވެސް ދޫނުކޮށް އެންމެހައި އާދަމުގެ ދަރީންގެ ފިކުރާއި ޚިޔާލަށް ގުޑުންއަރުވައިލުމެވެ. އެކި އެކި މައްސަލަތާއި އޮޅުންބޮޅުންތައް އުފައްދައިލުމެވެ. އޮރިޔާންކަމާއި، ފާޙިޝުކަން ޢާއްމުކޮށް އެއީ މުޖްތަމައުގެ މުހިންމު ޙިއްސާއެއްގެ ގޮތުގައި ވިސްނައިދިނުމެވެ. ހުޅަނގުން އެބައިމީހުންގެ ފިކުރާއި ތަހްޒީބު މުޅިދުނިޔޭގައި ޢާއްމުކުރަމުން ގެންދަނީ މީޑިޔާ ބޭނުންކޮށްގެންނެވެ. މާއްދިއްޔަތަށް އަޅުވެތިވުމުގެ ފިކުރިއްޔާތެވެ. ކުޅިވަރާއި މަޖަލަށް ބޫތުކެއުމެވެ. ފެޝަނަށް ހެސްގަތުމެވެ. މަޤާމާއި ދަރަޖަ ހޯދުމަށްޓަކައި ހުރިހައި އަޚްލާޤީ އުސޫލުތަކެއް ފުރަގަހަށް އެއްލައިލުމެވެ. ނުބައިކަންކަމަށް ވާދަކުރުމާއި، ކުށްހީތައް ފަތުރައި ޙަޤީޤަތް އޮޅުވައިލުމެވެ. މިފަދަ ހުރިހާ ޝައިތާނީ މަސައްކަތްތަކެއް ހިންގަނީ މީޑިޔާގެ ޒަރީއާއިންނެވެ. މިފަދަ ދަށުޖަރަޖައިގެ މަސައްކަތްތަކެއް މީޑިޔާއިން ކުރާއިރު އެކަކުވެސް އެކަމާ ކަންބޮޑުނުވާ ކަމީ ހިތާމަހުރި ކަމެކެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން މިޒަމާނަކީ މީޑިޔާގެ ޒަމާނެވެ. މީޑިޔާއިން ބޭނުންވާ މިސުރާބަކަށް މީހުންގެ ވިސްނުން އަނބުރައިލައެވެ.

ޞަލީބީ ހަނގުރާމައަށްފަހު މިޒަމާނުގައި ޔަހޫދީންނާއި ނަސާރާއިން މުސްލިމުންނާ ހަނގުރާމަކުރަނީ ވިސްނުމާއި ފިކުރިއްޔާތުގެ މައިދާނުގައެވެ. މީޑިޔާގެ ހަތިޔާރުންނެވެ. އެހަތިޔާރުގެ ބޭނުންކޮށްގެން އެމީހުން މަސައްކަތްކުރަނީ މުސްލިމުންގެ ސިކުނޑިތައް އަޅުވެތިކުރުމަށެވެ. ޖިސްމާނީ އަޅުވެތިކަމުގެ ޒަމާން ފަސްދީފައިވާތީއެވެ. ޖިސްމާނީ އަޅުވެތިކަމަށްވުރެ ސިކުނޑީގެ އަޅުވެތިކަމުގެ ވޭން ގަދަވެފައި ގެއްލުން ބޮޑުވުމުންނެވެ.

ޝައްކެއްނެތެވެ. މިއީ އިސްތިއުމާރިއްޔަތުގެވެސް އައުބާބެކެވެ. މިދާއިރާގައި ހުޅަނގުގެ ޤައުމުތަކުން އަންނަނީ ކާމިޔާބު ހޯދަމުންނެވެ.އެހެންކަމުން އިސްލާމީ ޤައުމުތައް މިކަމާ ހޭލަންވެއްޖެއެވެ. ހުޅަނގުގެ މީޑިޔާގެ ޙަމަލާތަކުގެ ދިފާއުގައި މުސްލިމުން ކުރަންޖެހޭކަމަކީ ހަމައެކަނި ބާޑީތަކެއްހެދުމެއްނޫނެވެ. އަދިކީއްތޯއެވެ. ރިސާލަތުގެ ދައުރުގައި ސަޙާބީން މުޝްރިކުންގެ ޙަމަލަތަކާ ކުރިމަތިލެއްވި ފަދައިން ދުޝްމިނުންގެ ޙަމަލަތައް ދިފާއުކޮށް ރައްދު ހަމަލަތަކެއް ދޭންޖެހެއެވެ. އިސްލާމީ ޙަޤީޤީ ފިކުރާއި ޚިޔާލު ފެންދީ ދިރުވުން މަޤްސަދަކަށް ހަދައިގެންނެވެ. މުސްލިމުންގެ ތަހްޒީބާއި ޘަޤާފަތުގެ އޮފުކެނޑުނަނުދީ ސާފުކޮށް އަލިކޮށް ބެހެއްޓުން އަމާޒުފަތްގަނޑަކަށް ބަލައިގެންނެވެ.

އުސޫލެއްގެ ގޮތުން ބަލާއިރު މީޑިޔާއެއް މަސައްކަތްކުރަން ޖެހޭނީ އަންނަނިވި ފަދަ އަސާސީ މަޤްސަދުތަކެއްގެ ދަށުންނެވެ. މީޑިޔާއެއްގެ ވާޖިބަކީވެސް އެއީއެވެ.

  1. މައުލޫމާތު ރައްދުކޮށްދިނުން. މީޑިޔާއެއް އެންމެ ފުރަތަމަ ވާޖިބަކީ ތަފާތު ވަސީލަތްތަކުން ތެދު މައުލޫމާތު ހޯދައި އާއްމުންނަށް މައުލޫމާތުދިނުމެވެ.
  2. ސިކުނޑި ބައްޓަންކުރުން. މީޑިޔާއެއްގެ ދެވަނަ ވާޖިބަކީ ރަނގަޅުމަގުގައި ޤައުމާއި މިއްލަތަށް ލާބައާއި މަންފާހުރި ގޮތަށް މީހުންގެ ޚިޔާލުތައް ބައްޓަންކުރުމެވެ. ބިނާކުރަނިވި ރަގަނޅު ވިސްނުން އުފެއްދުމެވެ.
  3. ހިތްއުފާކޮށްދިނުން. މީހުންގެ މުނިފޫހިފިލުވައިދިނުމާއި ، ހިތްހަމަޖައްސައިދީ، ހިތްއުފާކޮށްދިނުމަކީވެސް މީޑިޔާގެ ވާޖިބެކެވެ. ނަމަވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމުގައި އިންސާނުން އިންސާނުންގެ ދަރަޖައިން އެއަށްވުރެ ދަށަށް ވައްޓައިލައިގެން ނުވާނެއެވެ. އިންސާނީ ކަރާމަތާއި އިސްލާމީ އަގުތައް އޮޔާލައިގެން ނުވާނެއެވެ. ވައްޓައިލައިގެނެއްނޫނެވެ. އިންސާނުންގެ އިންސާނީ ކަރާމަތާ ވަޑިފަތިވާފަދަ ދަށު ދަރަޖަޔަކަށް މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ވައްޓަލައިފިނަމަ އެކަންވާނީ އިންސާނިއްޔަތަށް ކުރެވޭ އިހާނެތިކަމަކަށެވެ.
  4. އިސްވެދެންނެވިކަންކަމުގެ އިތުރަށްވެސް އިސްލާމީ މީޑިޔާއަކުން ޚާއްޞަ މަސައްކަތްތަކެއްކުރާން ޖެހެއެވެ. އޭގެތެރޭގައި އިސްލާމްދީނުގެ އަދުއްވުން އެދީނަށް ކުރާ އިއުތިރާޟުތަކުގެ ޖަވާބުދިނުމާއި އިސްލާމްދީނާމެދު އުފައްދާ ކުށްހީތައް ފިލުވައިލުމާއި، އަދި އެއަށްވުރެވެސް ކުރިޔަށްނުކުމެ ހަޔާތުގެ ފުރިހަމަ ނަޒަރިއްޔާއެއްގެ ގޮތުން އިސްލާމްދީން އިންސާނިއްޔަތަށް ހުށަހެޅުމަކީ އިސްލާމީ މީޑިޔާގެ ވާޖިބެކެވެ.

އިސްލާމީ މީޑިޔާއަކީ ވަރަށް ފުން އަދި ނުހަނު ތަނަވަސް ދާއިރާއެކެވެ. އެހެންކަމުން އިސްލާމީ މީޑިޔާއެއްގެ ވާޖިބަކީ ހަމައެކަނި ދީނީ ޕްރޮގްރާމްތަކެއް ހުށަހަޅައިލުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އިސްލާމީ މީޑިޔާއެއްގައި އާޓާއި، ތަހްޒީބާއި، ބޭނުންތެރި އެކިއެކި ޢިލްމުތަކާއި، ޢިލްމީ ހޯދުންތަކާއި މިފަދަ ފައިދާހުރި ބައިނަލްއަޤްވާމީ ހުރިހާ ޕްރޮގްރާމްތަކެއްވެސް ޝާމިލުކުރާންޖެހޭނެއެވެ. ޝަރުޠަކީ ކޮންމެ ޕްރޮގްރާމެއްވެސް އިސްލާމީ ފުރިހަމަ ގިއުގަނޑެއްގެ ތެރޭގައި ހުށަހެޅުމެވެ.

(ނުނިމޭ)

comment ކޮމެންޓް