ރާއްޖެއަކީ ސަރަހައްދުގެ އެންމެ ވާދަވެރި އިންވެސްޓްމެންޓް ޑެސްޓިނޭޝަން: ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު ގަލްފް ނިއުސް އަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ: ގަލްފް ނިއުސް

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވާދަވެރި "އިންވެސްޓްމެންޓް ޑެސްޓިނޭޝަން" ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިފަހަރު ބޭއްވި ރާއްޖެގެ ހަތަރުވަނަ އިންވެސްޓްމެންޓް ފޯރަމްގެ ހަވާސާގައި، ދުބާއީގެ ގަލްފް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން ބޭނުންވާ ގައުމެއް ކަމަށާއި އިންވެސްޓްމެންޓްތަކުގެ ފައިދާ އިންވެސްޓަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތު ތަކާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކާ ހިއްސާ ކުރުމަށް ދުބާއީގައި ބޭއްވި ފޯރަމްގެސަބަބުން ބައިނަލް އަގްވާމީ ގިނަ އިންވެސްޓަރުންނަށް އަޅުގަނޑުމެންގެ އަޑު އިވޭނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ފާހަގަ ކުރައްވައި ސައީދު ވަނީ "އިއާދަ ކުރުުވަނިވި ހަކަތަ އާއި ސޯލާ އެނާޖީ" ގެ ދާއިރާ ވަކިން ފާހަގަ ކުރައްވައިފައެވެ.

ގަލްފް ނިއުސް އިން ފާހަގަ ކޮށްފައިވާ ގޮތުގައި 2013 ވަނަ އަހަރާއި އަޅާބަލާއިރު ފާއިތުވި ތިން ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ޖީޑީޕީ ވަނީ ދެ ގުނަ އަށް އިތުރުވެފައެވެ. އޭގެ ސަބަބަކީ ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ޕްލޭންތަކާއި ފޮރިން އިންވެސްޓްމެންޓް ކަމަށް މިނިސްޓަރު ސައީދާ ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައިވެއެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑް ޕާޓްނަރު ކަމަށާއި ރާއްޖެއަށް އިމްޕޯޓު ކުރާ ތެލުގެ ބާވަތްތަކާއި، އެނޫން ބާވަތްތަކުގެ 40 ޕަސެންޓަކީ ޔޫއޭއީ އިން އެތެރެކުރާ ތަކެތި ކަމަށް މިނިސްޓަރާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާއެކު، ޚާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް ހިންގާ މަޝްރޫއު ގަލްފް ނިއުސްއިން ފާހަގަކޮށްފައިވެއެވެ.

އިންވެސްޓްމެންޓް ފޯރަމްގައި ހުޅުމާލޭ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަަކާ ބެހޭ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އިތުރުން ރާއްޖޭގައި ޓްރާންޝިޕްމެންޓް ޕޯޓެއް ހެދުމަށް އޮތް ފުރުސަތާ ބެހޭ މައުލޫމާތު ވެސް ވަނީ ހިއްސާ ކޮށްފައެވެ.

ރާއްޖެއިން މީގެ ކުރިން ތިން އިންވެސްޓްމެންޓް ފޯރަމެއް ބާއްވާފައިވެއެވެ. އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގައެވެ. 2015 ވަނަ އަހަރުގެ ފޯރަމް ބޭއްވީ ޗައިނާގައެވެ. މިދިޔަ އަހަރުގެ ފޯރަމް ބާއްވާފައިވަނީ އިންޑިއާގައެވެ. މިފަހަރުގެ ފޯރަމް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ގަތަރުގައެވެ. ނަމަވެސް ގަތަރާއެކު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލުމަށްފަހު އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބާއްވަން ހަމަޖެއްސީއެވެ.

comment ކޮމެންޓް