ކޯލިޝަނަށް ބުރޫ އެރިޔަކު ނުދޭނަން: ގާސިމް

ގާސިމް އާއި ނަޝީދު -- ފޮޓޯ: މިނިވަން ނޫސް

ވަކި ފިކުރެއް ގެންގުޅޭ މީހަކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅުމަކުން ކޯލިޝަނަށް ބުރޫ އެރިޔަ ނުދޭނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅުނު ހިސާބުން ކޯލިޝަނުގެ ބައެއް އާންމު މެމްބަރުންނާއި މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.

އެކަމާ ގުޅިގެން ގާސިމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި ވަރުދަކު ޖޭޕީއަށް ގުޅުމަކުން އަދި މެމްބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫ އަރައިގެން ނުވާނެ ކަމަށެވެ.

"އަދި ޖޭޕީން އެކަން ވިޔަކަ ނުވެސް ދޭނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ކުރެއްވި ޓުވީޓަށް "ޝުކުރިއްޔާ" އޭ ބުނެ ކުރީގެ ރައީސް ނަޝީދު ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ.

ގާސިމްގެ ވާހަކަތަކަށް ނަޝީދު ޝުކުރު އަދާކުރި އިރު އުމަރު ޖޭޕީ އާ ގުޅުމުން އެކަމާ އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަމުން ދަނީ އެމްޑީޕީގެ އާންމު މެމްބަރުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވިދާޅުވެފައި ވަނީ "އުމަރަށް އެމްޑީޕީއާ ވައި އެޅުއެޅުނަ ވެސް ނުދޭނަން" ކަމަށެވެ.

އުމަރު ވެސް ވަނީ އެމްޑީޕީގެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ. އުމަރު ވިދާޅުވީ އެމްޑީޕީއާ އެކު މަސައްކަތް ނުކުރަން އޭނާ ކުރިން ނިންމި ނިންމުމަށް ބަދަލެއް ނުގެންނަ ކަމަށެވެ. އަދި ވެސް އެމްޑީޕީއާ އެކު މަސައްކަތް ކުރުމުގެ ހިޔާލެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް