އަރަބިއްޔާ ޕްރިންސިޕަލްގެ މަގާމުން ނަސްރުﷲ ވަކިވެއްޖެ

ޝައިޚް ނަސްރުﷲ މުސްތަފާ---

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ޝައިޚް ނަސްރުﷲ މުސްތަފާ ވަކިވެއްޖެ އެވެ.

ޝައިހް ނަސްރުﷲ ހުންނެވި މަގާމަށް ބޭފުޅަކު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާނު ވެސް ކޮށްފަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެ އެވެ.

އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ނަސްރުﷲ ވަނީ މިއަހަރު ހައްޔަރު ވެސް ކޮށްފަ އެވެ. މިދިޔަ މަހުގެ 28ގައި ނަސްރުﷲ ހައްޔަރުކުރުމަށް ފަހު އޭގެ އަނެއް ދުވަހު ވަނީ ޝަތުރުތަކަކާ އެކު ދޫކޮށްލައިފަ އެވެ.

ޝައިޚް ނަސްރުﷲ ދޫކޮށްލި އިރު، ކޮށްފައިވާ ޝަރުތުތަކަކީ ކޮބައިކަމެއް ސާފެއްނުވެ އެވެ.

އޮޅުވާލައިގެން މީހުން ހައްޖަށް ގެންދިޔުމުގެ ތުހުމަތުގެ އިތުރުން ސިސިލްފަރު ގްރޫޕްގެ ތައްގަނޑު ފޯޖު ކުރި ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ފުލުހުން ކުރެ އެވެ.

އޭނާ ހައްޖަށް ގެންދިޔަ މީހުން ވަނީ މައްކާގައި މަގުމަތިވެފަ އެވެ. ނަމަވެސް ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެމީހުންނާ ހަވާލުވެ ރާއްޖެ ގެނެސްފަ އެވެ.

އެ މައްސަލައާ ގުޅޭ ހެކި ހޯދުމަށް ޓަކައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަސްރުﷲ ދިރިއުޅުއްވާ އެޕާޓްމަންޓާއި އަރަބިއްޔާ ސްކޫލް ވެސް ބަލައި ފާސްކޮށްފަ އެވެ.

comment ކޮމެންޓް