ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ތަފާތުކުރުމެއް ނެތި ފޯރުކޮށްދޭން ޖެހޭ: އެޗްއާރްސީއެމް

ބިދޭސީންތަކެއް--- ސަން ފައިލް ފޮޓޯ

ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ލިބޭ އެންމެހާ ޙައްޤުތައް އެއްވެސް ތަފާތުކުރުމެއް ނެތި ފޯރުކޮށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

މިއަދު ފާހަގަ ކުރާ "އިންޓަރނޭޝަނަލް މައިގްރެންޓްސް ޑޭ" އާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ފޯރުކޮށް ދިނުމުގައި އިހްމާލުވާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނެ މި މަހުގެ މިހާތަނަށް އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިއުންތައް މަސައްކަތްކުރުވާ ފަރާތުން ހިފެހެއްޓުމާއި، މުސާރަ ނުދީ މަސައްކަތް ކުރުވުމާއި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމާއި، ހިއުމަން ޓްރެފިކިންގގެ މައްސަލަތަކާއި، މަސައްކަތުގެ މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ މައްސަލަތަކާއި، ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލަތަކާއި، ޝަރީއަތް ލަސްވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ވެސް މީގެ ތެރޭ ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ބިދޭސީ މަސައްކަތްތެރިންނަކީވެސް އިންސާނުންކަމަށްވީތީ، އެފަރާތްތަކާ މުޢާމަލާތްކުރުމުގައި ޤަދަރުވެރިކަމާއި އިޙްތިރާމާއެކު ޢަމަލު ކުރުމަށް އެޗްއާރްސީއެމް އިން އިލްތިމާސް ކުރެއެވެ.

އެ ކޮމިޝަނުން ބުނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބިދޭސީ މަސައްކަތްތެރިން އަހުލުވެރިކުރުވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ވަޒީފާ ދޭ ފަރާތްތަކުންކުރާ މަސައްކަތް މިހާރަށްވުރެ ފުޅާކުރަން ޖެހޭ ކަމަށެވެ.

މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމުގެ ބޭނުމަކީ ޤައުމުތަކުގެ އިޤްތިޞާދު ކުރިއެރުވުމުގައި ބިދޭސީ މަސައްކަތްތެރިންގެ ޙިއްޞާ ފާހަގަކޮށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް އިޙުތިރާމްކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމުމެވެ.

comment ކޮމެންޓް