ތިންވަނަ ޑިވިޝަންގެ ސެމީގެ ފުރަތަމަ ޖާގަތައް ސިފައިންނާއި ލިނިއޭޖަށް

ތިންވަނަ ޑިވިޝަންގެ ކުއާޓަ ފައިނަލްގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު މޮޅުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ދިވެހި ސިފައިންގެ ކްލަބާއި ލިނިއޭޖް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ތިންވަނަ ޑިވިޝަން ސެމީގެ ޖާގަތައް ސިފައިންނާއި ލިނިއޭޖުން ހޯދާފައިވަނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ތިންވަނަ ޑިވިޝަންގެ ކުއާޓަ ފައިނަލްގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު މޮޅުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުގެ މައްޗަށް ސިފައިން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް، ސިފައިންގެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާދުﷲ އެވެ.

ރޭ ކުޅުނު ކުއާޓާގެ ދެވަނަ މެޗުގައި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބު އަތުން ލިނިއޭޖް މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

ރޭގެ މެޗުގެ ހަތްވަނަ މިނެޓުގައި ރޮކް ސްޓްރީޓަށް އައުޒަލް އަބްދުލް ސައްތާރު ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 16 ވަނަ މިނެޓުގައި ޔޫހު ނަސީރު ވަނީ ލިނިއޭޖަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ތިންވަނަ ޑިވިޝަންގެ ކުއާޓަ ފައިނަލްގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު މޮޅުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ 50 ވަނަ މިނެޓުގައި ލިނިއޭޖަށް މުހައްމަދު ޝާފިއު ލީޑު ހޯދައިދިން ނަމަވެސް، އޭގެ ހަތް މިނެޓް ފަހުން ރޮކް ސްޓްރީޓަށް ރިލްވާން ނައީމް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގައި ރޮކް ސްޓްރީޓަށް އުނދަގޫތަކެއް ކުރިމަތިވެގެންދިޔައީ މެޗުގެ 71 ވަނަ މިނެޓު އަދި 88 ވަނަ މިނެޓުގައި ލިނިއޭޖުން ލަނޑެއް ޖެހުމުންނެވެ.

ލިނިއޭޖްގެ ތިންވަނަ ލަނޑު ޕެނަލްޓީއަކުން މުހައްމަދު އައްޒާމް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސައިފާން އަހްމަދު މަނިކެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ރޮކް ސްޓްރީޓްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާފިއު އަހްމަދެވެ.

ސެމީގައި ސިފައިންނާއި ލިނިއޭޖްއާއެކު ވާދަކުރާ ފަހު ދެ ޓީމު ކަށަވަރުވާނީ މިއަދު ކުޅޭ ކުއާޓާގެ ފަހު މެޗުތަކަށްފަހުއެވެ. މިއަދު ހަވީރު ކުޅޭ ކުއާޓާގެ މެޗުގައި ތިމަރަފުށި ފްރެންޑްލީ ޕްލޭޔާޒާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު، މިރޭ ކުޅޭ ކުއާޓާގެ މެޗުގައި ބައްދަލުކުރާނީ ސެންޓް ސްޕޯޓްސް ކްލަބާއި ސީ ލައިފް ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް