"ކުރިން ވެއްޖެއްޔާ މިއީ ބޮޑު ތަކުލީފެއް. ވަރަށް ބައިވަރު ހަރަދު ދާ ކަމެއްމިއީ. ބައެއް މީހުން އެބަ ތައްޔާރުވޭ އަހަރު ދެ އަހަރު ކުރިން މިކަން ކުރަން. ފިރިހެން ކުއްޖަކު ލިބޭ ހިސާބުން އެ ކުއްޖާ ހިތާނު ކުރާ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއް. މިއަދު އެ ތަކުލީފު ފަސޭހަވެއްޖެ،" ޞަދަގާތު ފައުންޑޭޝަނުން ކުރިއަށްގެންދާ ހިތާނީ ފެސްޓިވަލްގައި ދަރިފުޅު ހިތާނުކޮށްގެން އުޅޭ ގއ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަޒީމާ ހަސަން ވާހަކަ ފެށީ މިހެންނެވެ.
ފަސްސަތޭކަ ކުދިން ބައިވެރިވާ ހިތާނީ ފެސްޓިވަލް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި ކުރިއަށްދާ އިރު މިހާތަނަށް 100 އަށް ވުރެ ގިނަ ކުދިން ވަނީ ހިތާނުކޮށްފަ އެވެ. ރެހެންދި ސްކޫލުގައި 72 ޖާގަ ހަމަޖައްސާފައިވާ އިރު ގޭޓްވޭ ސްކޫލުގައި 32 ޖާގަ ވަނީ ހަމަޖައްސައިފަ އެވެ.
އަޒީމާ ފަދަ އެތައް އާއިލާއެއްގެ ވާހަކަ ހުރީ މިހެންނެވެ. ހިތާނީ ފެސްޓިވަލާ އެކު މުޅި ހުޅުމާލެއަށް އީދެއް އައިސްގެން އުޅޭ ކަހަލަ އެވެ. އަޒީމާ ވެސް ދަރިފުޅު ހިތާނު ކުރަން އައީ އެ އީދުގައި ބައިވެރިވުމަށެވެ. އޭނާ ފަހު ވަގުތު ލީ ފޯމާ އެކު ވެސް ޖާގަ ލިބިގެން ދިޔުމުން އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ. އޭނާ ދަރިފުޅު ހިތާނުކުރަން އައިސް އުޅެނީ އާއިލާގެ ގިނަ މެމްބަރުން ވެސް ގޮވައިގެންނެވެ.
"މިއީ އަޅުގަނޑުގެ ހުރި ހަމައެކަނި ދަރިފުޅަކީ. އާއިލާ ގިނަ މެމްބަރުން ވެސް ގޮވައިގެން މިއައީ. އެ މީހުންގެ ޓިކެޓް ފިޔަވާ އިތުރު ހަރަދެއްނުދޭ. އާއިލާ ގޮވައިގެން މިކޮޅަށް މިއައީ ރަށުގައި ހިތާނު ކުރުމަށް ވުރެ މި ގޮތް މާ ރަނގަޅުވީމާ. އޭޑީކޭ އިން ވެސް ޖާގަ ލިބުނު އެކަމަކު ހަމަ ބޭނުންވީ މިތާ ކުރަން،" ހިތާނުކޮށްފައި އޮތް އޭނާގެ ފިރިހެން ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން އިނދެ ވިލިނގިލީ ކައުންސިލްގައި ވަޒީފާ އަދާ ކުރާ އަޒީމާ ކިޔައިދިނެވެ.
އަޒިމާ ބުނާ ގޮތުން ހިތާނީ ފެސްޓިވަލްގެ ސަބަބުން އައު އެކުވެރިންތަކެއް ވެސް ލިބިއްޖެ އެވެ. އިޖުތިމާއީ ގުޅުން ބަދަހިވެ ކުދިންގެ މޫނު މައްޗަށް ވެސް އުފާވެރިކަން ވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހިތާނީ ފެސްޓިވަލްގައި ބައިވެރިވާ ކޮންމެ ކުއްޖެއްގެ އާއިލާގެ ވާހަކަ ވެސް ހުރީ މިހެންނެވެ. ހދ. ވައިކަރަދޫ އަބްދުﷲ ޝަރީފް ބުނީ މިގޮތް މާ ރަނގަޅު ކަމަށެވެ. އަދި ހިތާނީ ފެސްޓިވަލްގައި ބައިވެރިނުވެ ދަރިފުޅު ހިތާނު ކުރަން އުޅުނު ނަމަ އަތުން އެތައް ބައިވަރު ފައިސާތަކެއް ހަރަދުވީސް ކަމަށާއި އެ ތަނުން ލިބޭ ވަރުގެ ހިދުމަތްތަކެއް ވެސް ލިބިގެން ނުދައީސް ކަމަށެވެ.
"މިގޮތް މާ ރަނގަޅު. ރަށުގައި ކުރަންޏާ މިކަން އަދި ވެސް ނުވެ އޮންނާނީ. ރަށުގައި ނަމަ ހަމައެކަނި ހިތާނުކޮށްގެން ދަރިފުޅު ބާއްވާގެ ތައްޔާރުކޮށްލަން ވެސް ދާނެ ގާތްގަނަޑަކަށް 20،000 ރުފިޔާ. މިހާރު އަތުން ނުދޭ ބައިރުފިޔާއެއް ވެސް. ކެއުމާއި ބުއިން ވެސް ހިލޭ،" ޝަރީފް ބުންޏެވެ.
ޝަރީފްގެ އެ ވާހަކައަށް ތާއިދު ކުރީ މާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ހަސަން މުހައްމަދު އެވެ. އޭނާ ބުނީ މާލޭގެ ހޮސްޕިޓަލަކުން ހިތާނު ކުރާ ނަމަ އަތުން 5،000 ރުފިޔާ ދާނެ ކަމަށެވެ. އަދި އާއިލާގެ އެންމެން ބައްދަލުކޮށްލައި ކުޅިވަރުކުޅެލައި މަޖާކޮށްލާނެ ޖާގައެއް ވެސް ނޯންނާނެ ކަމަށެވެ.
"މާލޭގައި އުޅޭ ކުޑަ އެޕާޓްމަންޓުގައި ކިހިނެއް މިވަރުގެ ކަމެއް ކުރާނީ. މިއީ ދަރިފުޅަށް ވެސް އަންނާނެ ހާއްސަ ދުވަހެއް. މިތަނުގައި ހިދުމަތްތައް ވަރަށް ރަނގަޅު. ކޮންމެ ދުވަހަކު ވެސް ޑޮކްޓަރުންނާއި ނަރުހުން އައިސް ބަލާ. އަދި މިތާ އުޅޭ މީހުން ވެސް ނުލާހިކު އެހީވޭ،" ހަސަން ކިޔައިދިނެވެ.
ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަނުން މިފަދަ ފެސްޓިވަލެއް ކުރިއަށް ގެންދާ މިއީ ދެވަނަ އަހަރެވެ. މިދިޔަ އަހަރާ އަޅާ ބަލާ އިރު ކުދިންގެ އަދަދު އިތުރުނުވި ނަމަވެސް ހިދުމަތަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް ބެލެނިވެރިން ބުނެ އެވެ. ކުދިންގެ އަދަދު 140 އިން 500 އަށް އެރި ނަމަވެސް އެއްވެސް ހިދުމަތެއްގެ ފެންވަރަށް ބަދަލެއް ނައީ މެޑަމް ފާތިމަތު އިބްރާހިމް އެކަމަށް ދެއްވާ ހާއްސަ އިސްކަމެއްގެ ސަބަބުން ކަމަށް ބެލެނެިވެރިން ބުނެ އެވެ.
"މެޑަމްގެ މަސައްކަތް މިއީ. ވަރަށް ބޮޑަށް ޝުކުރިއްޔާ މެޑަމް އަށް. ވަރަށް ރަނގަޅު ހުރިހާ އިންތިޒާމެއް ވެސް. އަޅުގަނޑުމެން އުންމީދު ނުކުރާހާ ވެސް ފަސޭހައިން މިކަން ވެއްޖެ. މެޑަމްގެ ދީލަތި އެހީގެ ސަބަބުން ބޮޑު ތަކުލީފަކަށް ފަރުވާ ލިބިއްޖެ." މަރިޔަމް ރީނޫ ބުންޏެވެ.
ކޮންމެ ހަތަރު ދުވަހަކުން ހަތަރު ދުވަހަކުން ހިތާނީ ކޭމްޕްގައި ބައިވެރިވެފައިވާ ކުދިންނަށް ޖާގަ ދެމުންދާ އިރު ފުރަތަމަ ހިތާނު ކުރި ކުދިން މިއަދު ވަނީ ދޫކޮށްލައިފަ އެވެ. އެކުދިންގެ ބެލެނިވެރިން ލައްވާ ހިދުމަތުގެ ފެންވަރާ ގުޅޭ ހާއްސަ ފޯމެއް ފުރާއިރު 98 ޕަސެންޓް މީހުން ހުރިހާ ހިދުމަތާ އެކު ހިތްހަމަޖެހޭ ކަމަށް ސަދަގާތު ފައުންޑޭޝަނުން ބުނެ އެވެ.
ސަދަގާތު ފައުންޑޭޝަނަށް އެހީތެރިވެދޭ ފަރާތްތަކުގެ އެހީގައި ބޮޑެތި ހަރަދުކޮށްގެން ކުރިއަށްގެންދާ އެ ފެސްޓިވަލްގައި މި އަހަރު ބައިވެރިނުވެވުނު މީހުން އަންނަ އަހަރު ބައިވެރިވުމަށް މިހާރު ވެސް ގުޅަމުންދާ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ. މި އަހަރުގެ ހިތާނީ ފެސްޓިވަލްގެ އިވެންޓް ކޯޑިނޭޓަރު މުހައްމަދު މުރާދު ވިދާޅުވީ އެ ފައުންޑޭޝަނުގެ ބޭނުމަކީ މިކަމަށް ބޭނުންވެފައި ތިބި މީހުންގެ މޫނު މައްޗަށް ހިނިތުންވުން ގެނައުން ކަމަށެވެ.
"ކޮންމެ އާއިލާއެއް ވެސް މިތަނަށް އަންނަނީ ހިނިތުންވުމާ އެކު. އެންމެން ވެސް މިކަން ބަލައިގަނޭ. ފަސްސަތޭކަ ކުދިން ކޭމްޕްގައި ބައިވެރިވި އިރު އެކަންކަން ކުރިއަށް ދަނީ ވަރަށް ފުރިހަމަ އަށް ޕްލޭންކުރި ގޮތާއި އެއްގޮތަށް." މުރާދު ވިދާޅުވި އެވެ.
ހަވީރު 4:00ގައި ހިތާނީ ފެސްޓިވަަލަށް ޒިޔާރަތްކުރާ މީހުންނަށް އެ ފުރުޞަތު ހުޅުވާލާ އިރު ހަވީރުން ފެށިގެން ރޭގަނޑައި ހިސާބަށް ތަފާތު ކުޅިވަރުތަކާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދެ އެވެ. އަދި ހުރިހާ ގަޑިއެއްގެ ކެއުން ވެސް އެއްވެސް އަގަކާއި ނުލާ ފޯރުކޮށްދޭއިރު ބެލެނިވެރިންތިބީ އުފަލުން ފޮޅިފަ އެވެ.
މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ފެސްޓިވަލް ކުރިއަށްދާއިރު ކޮންމެ ދުވަހަކީ ވެސް ރަހަ ތާފާތު ދުވަހަކަށް ވާނެ ކަމުގެ ޔަގީންކަން ސަދަގާތު ފައުންޑޭޝަނުންދެ އެވެ. ހިތާނީ ފެސްޓިވަލުން އެންމެންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދީ ހިތްހަމަޖެހުމާއި ތަސައްލީ ގެނެސްދިން އިރު ކުރިން އުފުލަން ޖެހުނު ބޮޑު ތަކުލީފު ވެސް ލުއިވެގެން ހިނގައްޖެ އެވެ. ކުރިން އެތައް ހާހަކުން ނިމޭ ހިތާނީ ހަފްލާ މިއަދު އަތުން ލޯލާރިއެއް ވެސް ނުގޮސް ނިންމާލެވޭތީ ބެލެނިވެރިން ގަބޫލު ކުރަނީ މިއީ ތަކުލީފުތައް ދުރުކޮށްދިން ދީލަތި ފަސޭހައެއްގެ ގޮތުގަ އެވެ.