މި ސީޒަނުގައި އެންމެ މޮޅު ލަނޑެއް ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވަޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖޫލޭ އެވޯޑް ހާސިލް ކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި އަލަށް ތައާރަފުކުރި އެ އެވޯޑަށް ކުޅުންތެރިޔާ ހޮވީ އާންމުން ވޯޓުލައިގެނެވެ.
ޖޫލޭ އެވޯޑަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފުރަތަމަ ގޯލެއް ޖަހައިދިން ކުޅުންތެރިޔާ އަބުދުﷲ ރަޝީދުގެ ހަނދާނުގައި ދޭ އެވޯޑެކެވެ. ޖޫލޭ އަކީ އޭނާގެ ވަނަމެވެ. އުމުރުން 59 އަހަރުގައި ޖޫލޭ މަރުވީ 2013 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދަނިކޮށެވެ.
ޖޫލޭ އެވޯޑު ހާސިލްކުރި ފޭދޫ އިއްބެ ވަނީ ޓީސީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ޖާގަ ހޯދާފައެވެ. އޭނާ ވަނީ މި ސީޒަނުގައި ޓީސީ އަށް 17 ލަނޑު ޖަހައިދީފައެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ ޚިދުމަތުގެ އަގުވަޒަން ކުރުމުގެގޮތުން ތިން މީހަކަށް ވެސް ރޭ ވަނީ އެވޯޑު ދީފައެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މަސްއޫލުވެރިޔާ ކުއީން އަޙުމަދު ވަހީދާއި ވިކްޓަރީ އުފެއްދުމުގައި ހަރަކާތްތެރިވި ރިނބުދޫ މުޙައްމަދު ނާސިރާއި ވެލެންސިއާގެ ޗެއާމަން އަދީލް ޖަލީލެވެ.
އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހުށަހެޅި ސަޕޯޓާސް އެވޯޑް ހޯދީ އއ. މާޅޮސްގެ ޓީމުގެ ސަޕޯޓަރުންނެވެ.