ސީޒަނުގެ ތިން ވަނަ ތައްޓާއެކު ނިއު އިން 12 ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް އުފުލާލައިފި

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ތަށި ނިއު އިން އުފުލާލަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުން އުފުލާލައިފިއެވެ.

މިއީ މި ސީޒަނުގައި ނިއު އިން ޓީސީގެ މައްޗަށް ކުރި ހޯދި ހަ ވަނަ ފަހަރެވެ. މީގެ ކުރިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި މެޗާއި އެފްއޭ ކަޕުގެ ފައިނަލުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލް މެޗުގައި ނިއު އިން ވަނީ ޓީސީ ބަލިކޮށްފައެވެ.

ފައިނަލް މެޗަށްފަހު ނިއު އިން ތަށި އުފުލާލަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ނިއު އިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓީސީ އަށެވެ. މެޗުގެ 12 ވަނަ މިނެޓްގައި ނިއުގެ އަކްރަމް އަބްދުލް ޣަނީ ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ލިބުނު ފެނަލްޓީ ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ޓީސީގެ ކުޅުންތެރިޔާ ފޮނުވާލި ޕެނެލްޓީ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ނިއު ރޭޑިއަންޓް އާއީ ޓީސީ ސްޕޯޓްސް ކްލަބު ބައްދަލު ކުރިމެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެވަނަ ހާފުގައި ނިއުއިން ވަނީ ތަފާތު ދައްކާފައެވެ. އެގޮތުން ނިއުގެ ފަރާތުން އެޓޭކިންގް ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަަނަ މިނެޓުގައި ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) ކުރި ފައުލަކާ ގުޅިގެން ނިއު އަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައި އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު އަށް ލީޑު ނަގައިދީފައެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ނިއު ރޭޑިއަންޓް އާއީ ޓީސީ ސްޕޯޓްސް ކްލަބު ބައްދަލު ކުރިމެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލަނޑަށް ފަހުވެސް ނިއުއިން ދިޔައީ ޓިސީގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 86 ވަނަ މިނެޓްގައި އެ ޓީމުގެ އިބްރާހިމް ފަޒީލް ( އޮއްޕޮ) ވަނީ ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ. ނިއުގެ ދެ ލަނޑާއެކުވެސް ޓީސީން ވަނީ މެޗުން ނަތީޖާއެއް ނެރުމަށް އެޓޭކު ކުރަން ފަށާފައެވެ. އޭގެ ފައިދާނަގައި އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އޮއްޕޮ ވަނީ އިތުރު ލަނޑެއް ޖަހައި ނިއު އަށް ތަށި ޔަގީން ކޮށްދީފައެވެ.

ފައިނަލް މެޗަށްފަހު އޮއްޕޮ، އިމްރާން އަދި ދަގަނޑޭ ތައްޓާއެކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއީ ނިއު އިން މި ސީޒަނުގައި ކާމިޔާބު ކުރި ތިން ވަނަ މުބާރާތެވެ. އެ ޓީމުން ވަނީ އުރީދޫ ޕްރިމިއަ ލީގާއި އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ނިއު އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި 12 ވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2014 ވަނަ އަހަރު މުބާރާތުގެ ތަށި މިލްކުކޮށްފައެވެ.

comment ކޮމެންޓް