ޕްރިންސިޕަލުންގެ ގުޅުން، ރ. އަތޮޅުން މިސާލެއް!

ރ. އަތޮޅު ޕްރިންސިޕަލުން އެއްވެ ހެދި ބާބަކިއުގެ ތެރެއިން -- ސަންފޮޓޯ

އެކި ރަށްރަށުން ޕްރިންސިޕަލުން އެއް ރަށަކަށް ޖަމާވެ، ތައުލީމީ އަހަރުގެ ނިމުން ފާހަގަ ކުރަނިކޮށް ދެކުނިން ހެއްޔެވެ. އެފަދަ ކަމަކާ ދިމާވެއްޖެ އެވެ. ރ. އަތޮޅުގެ ސްކޫލުތަކުގެ ވެރިން އެއްވެގެން ހަދާލީ ވަރަށް "އެކަޑަމިކް ބާބަކިއު" އެކެވެ.

ރ. އަތޮޅު ސްކޫލުތައް ހިންގުމާ ހަވާލުވެ ތިބި އިސް ބޭފުޅުން އެއް ރަށަކަށް ޖަމާވީ އަތޮޅުގައި ދަތުރުކުރާ "އަތޮޅު ފެރީ"ގަ އެވެ. ފަހަރަކު ރަށަކުން މީހަކު އަރަމުން ހުރިހާ ވެރިން ޖަމާވީ އެ އަތޮޅު މަޑުއްވަރީ އަށެވެ.

ރ. އަތޮޅު ޕްރިންސިޕަލުން އެއްވެ ހެދި ބާބަކިއުގެ ތެރެއިން -- ސަންފޮޓޯ

ބައެއް ރަށްރަށުގެ ސްކޫލުތަކުގެ ވެރިންނަށް ބައިވެރި ނުވެވުނު ނަމަވެސް ގިނަ ވެރިން ބައިވެރިވި އެވެ. ބައިވެރި ނުވެވޭ ބޭފުޅުން ގުޅާލާފައި ވަނީ ވައިބާ ގުރޫޕަކުންނެވެ. ބާބަކިއުގައި ތައްޔާރު ކުރި އެއްޗިއްސާއި ނެގި މަޖާ ވައިބާ ގްރޫޕު މެދުވެރިކޮށް ދިޔައީ ހިއްސާ ކުރަމުންނެވެ.

ތަފާތު އެކި ގޮތްތަށް ފޮޓޯތައް ނަގާ ވައިބާ ގުރޫޕަށް ފޮނުވަމުން، ބައިވެރި ނުވެވުނު ބޭފުޅުންނަށް ދައްކައި "ޖެލަސް" ކޮށްލުމަށް ކަމަށް ބުނެ އެތާ ވަރަށް މަޖާވެސް ނެގި އެވެ.

މަސްފިހެ، އަވެލި، އަދި ޗިކަން ނަގެޓްސް ވެސް ބާބަކިއު ޑްރިލްއަށް ލައިގެން ފިހެ ހެދި އެވެ.

ހަގީގަތުގައި އަހަރު ދުވަހުގެ ބުރަ މަސައްކަތެއް ކޮށް ގިނަ އަދަދެއްގެ ދަރިވަރުންގެ ތައުލީމީ ކަންކަމާ ހަވާލުވެ ތިބޭ އިސްވެރިންތަކެއް އެއްކޮށް ގުޅިގެން އުޅުމަކީ ކުދިންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

ރ. އަތޮޅު ޕްރިންސިޕަލުން އެއްވެ ހެދި ބާބަކިއުގެ ތެރެއިން -- ސަންފޮޓޯ

މަޑުއްވަރީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުކުރީ ވިދާޅުވި ގޮތުން ރ. އަތޮޅު ސްކޫލުގެ ވެރިން ގުޅިގެން ހަމައެކަނި އަހަރުގެ ނިމުން ފާހަގަކުރީކީ ނޫނެވެ. އެކި ސްކޫލުގެ ތައުލީމީ ކަންކަމާއި އިތުރު ހަރަކާތްތަކުގައި އެމީހުން އެކެއް އަނެއްކެއްގެ ހިޔާލު ހޯދި އެވެ.

"ވަރަށް ގިނައިން ހަމަ އެކަޑަމިކް ކަންކަމުގައި ސްކޫލުތަކުގެ ވެރިންނާ މަޝްވަރާކޮށް ގޮތް ނިންމަނީ. ވަރަށް އެކުވެރި މާހައުލެއް ރ. އަތޮޅު ޕްރިންސިޕަލުންގެ މެދުގައި އޮންނަނީ،" ޝުކުރީ ވިދާޅުވި އެވެ.

ރ. އަތޮޅު ސްކޫލުތަކުން ބާއްވާ އެކި އެކި ހަރާކާތްތަކުގައި ވެސް އެކި ރަށްރަށުގެ ސުކޫލުތަކުގެ އިސްވެރިން ބައިވާކަމަށް ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކަކަށް ބެހިފައި އޮންނަ ގައުމެއްގައި އެއްރަށުން އަނެއް ރަށެއްގެ ތައުލީމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަކީ އޭގެ ފައިދާ އެންމެނަށް ވެސް ކުރާނެ ކަމަށެވެ. ހަގީގަތުގައި ރ. އަތޮޅުން މި ދައްކައިދިނީ އެ މިސާލެކެވެ.

comment ކޮމެންޓް