ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދޭ "މޯލްޑިވްސް ފުޓްބޯލް އެވޯޑްސް"ގެ އެންމެ މޮޅު ކީޕަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފިއެވެ.
އެ އެވޯޑަށް ނޮމިނޭޓްވި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއު ރޭޑިއަންޓްގެ ދެ ދިވެހި ގޯލު ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި މުހައްމަދު ފައިސަލް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ އެއް ނަމްބަރު ކީޕަރު ލިމްބޯ ކިރަން އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެއް ނަމްބަރު ކީޕަރު މަހްމޫދު އަލް ޔޫސުފް އަދި ގްރީން ސްޓްރީޓްސްގެ ކީޕަރު ޖުން ކޮޗީ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮންނަ އެ އެވޯޑް ނައިޓްގައި ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންގެ ނަންތައް ވެސް ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން ވެސް ރޭގެ ވަގުތެއްގައި ވަނީ އިއުލާނު ކޮށްފައެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އާއި އަލީ ފާސިރު (ސެންޓޭ)އާއި ޓީސީގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އާއި ނާއިޒް ހަސަން (ދާދު) އަދި މާޒިޔާގެ މުހައްމަދު އުމައިރެވެ.
އެންމެ މޮޅު ކޯޗުންގެ އެވޯޑަށް ނޮމިނޭޓްވި ތިން ކޯޗުންނަކީ މާޒިޔާއަށް މާލޭ ލީގު ކާމިޔާބުކޮށްދިން ކޯޗު މަރްޔާން ސެކުލޮވްސްކީއާއި ނިއުއަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްދިން ކޯޗު އޮސްކާ ބްރުޒޮން އަދި މިދިޔަ އަހަރު އެ އެވޯޑު ހޯދި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންނަކީ މިސީޒަނުގައި ނިއުގެ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސްދައުރެއް އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ގަލާޑޯ އެޑްރިއަން ވަލްޑޭސްއާއި ރުއިޒް ޕަޒް އެންޖެލް ލުއިޒް (ކަންޑޭލާ) އާއި ޓީސީގެ ކޯނެލިއަސް ސްޓެވާޓް އެޒެކީލް ހަމަ އެ އެ ކްލަބުގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރެވެ. އެ އެވޯޑަށް ދެން ވާދަކުރާ ކުޅުންތެރިޔަކީ ގްރީންގެ ސުބޮލް އިލިއާއެވެ.