ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރުގެ ކުރީކޮޅު!

ޓްރީޓޮޕް ހޮސްޕިޓަލް: ފެށޭ އަހަރު އެ ހޮސްޕިޓަލް ހުޅުވާގޮތަށް ވަނީ ނިންމާފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް ފެށޭ އަހަރުގެ ކުރީކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެކޮމޮޑޭޝަން ބްލޮކަކާއެކު ހަދާފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، ފެށޭ އަހަރުގެ ކުރީ ކޮޅު، އެ ހޮސްޕިޓަލު ހުޅުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އިމާރާތުގެ ނުނިމި ހުރި ބައެއް ކަންކަން ނިންމާލުމުގެ މަސައްކަތް ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

" މިހާރު ކުރިއަށް ދަނީ އިމާރާތުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށް ނިންމުމުގެ މަސައްކަތް. ބޭނުންވަނީ ވީހާވެސް ފުރިހަމައަށް މަސައްކަތްތައް ނިންމަން ހުޅުވުމުގެ ކުރިން. ހުޅުވާފަހުން ކަމެއް ދިމާވެގެން ހައްލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ދޯ،" ޓްރީޓޮޕް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ބުނީ މީގެކުރިންވެސް ހޮސްޕިޓަލް ހުޅުވޭނެ ވަކި ތާރީހެއް އާންމުކޮށްފައި ނުވާނެ ކަމަށެވެ. އަދި މިހާރުވެސް ކަނޑައެޅިގެން ހުޅުވޭނެ ދުވަހެއް ބުނަން ދަތި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ބައެއް މިނިސްޓަރުން ވަނީ މި އަހަރު ތެރޭގައި ޓްރީޓޮޕް ހުޅުވޭނެ ކަމަށް ވިދާޅުވެ މީޑިއާގައި ވާހަކަފުޅު ދައްކަވައިފައެވެ.

ހޮސްޕިޓަލަށް ބޭނުންވާނެ ގިނަ އަދަދެއްގެ ނަރުހުންވެސް މިހާރު ނަގާފައިވާއިރު ބޭރުން ގެންނަ ޑޮކްޓަރުން، ފެށޭ މަހު ރާއްޖެ އަންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލް ހުޅުވިގެންދާ އިރު ރާއްޖެއިން ފަރުވާ ނުލިބޭ ގިނަ ބަލިތަކަކަށް ފަރުވާ ލިބެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކަށް ހާއްސަ ޔުނިޓަކާއި ކެންސަރު އަދި ކިޑްނީގެ ބަލިތަކަށް ހާއްސަ ޔުނިޓެއްވެސް އެ ހޮސްޕިޓަލުގައި ހިމަނާ ގޮތަށް ވަނީ ނިންމާފައެވެ.

މިހާރު ހޮސްޕިޓަލަށް ބޭނުންވާ އެންމެ ފަހުގެ އިކުއިޕްމެންޓްތަކާއި މެޝިނަރީސްތައް އިންސްޓޯލް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލަށް ޖުމްލަ 1.5 ބިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައެވެ.

comment ކޮމެންޓް