އަޅުގަނޑަށް އަމާޒުވާ ކޮރަޕްޝަންގެ މައްސަލައެއް އޮޑިޓް ރިޕޯޓަކު ނެތް: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފައިލް ފޮޓޯ: އަލީ ނަސީރު

ދާދިފަހުން އޮޑިޓް އޮފީހުން ނެރުނު ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޭނާއަށް އަމާޒުވާ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތުގައި ވެސް އަދި އެނޫން އެހެން ކަމެއްގައި ވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައިނުވާނެ ކަމަށެވެ.

"އޮޑިޓް ރިޕޯޓުގައި ނެތް އަޅުގަނޑުގެ ނަމެއް. އަޅުގަނޑު ޔަގީންކަން އަރުވަން އަޅުގަނޑުގެ އެއްވެސް ކޮރަޕްޝަން މައްސަލައެއް ނޯންނާނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިނިވަން50ގެ ކަންތައްތައް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ކޮމެޓީގައި ހޯމް މިނިސްޓަރުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ޔޫތު މިނިސްޓަރާއި ރައީސް އޮފީހުގެ މިނިސްޓަރެކެވެ.

އޭނާ ވިދާޅުވީ މިނިވަން50 ގެ މަސައްކަތްތައް ކުރިއަށްގެންދިޔައިރު، އޮޑިޓް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުން މިނިވަން50ގެ އޮފީހުގައި ތިއްބެވި ކަމަށެވެ. ގާނޫނާއި ގަވާއިދާ ޚިލަފަށް ކަމެއް ކުރަންއުޅުނުނަމަ އޭރު އެބޭފުޅުން އެފަދަ ކަމެއް ފާހަގަކުރީސް ކަމަށް އުމަރު ވިދާޅުވިއެވެ.

"އެދުވަހު ނުފެނުނު މައްސަލައެއް މިއަދު ފެނުނު ކަމަށް ބުނާނަމަ އެއީ ބަލަންވާވަރަށް އޭރު އެބޭފުޅުންނަށް ބެއްލެވިފައިނެތީއޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑު ދޭ ޔަގީން ކަމަކީ އަޅުގަނޑަށް އަމާޒުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް އެ ރިޕޯޓުގައި ނެތްކަން،" އުމަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި މިނިވަން50 ގެ ހަރަކާތްތައް ހިންގިއިރު 66 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ޚިލާފަށެވެ.

comment ކޮމެންޓް