ކީޕަރު ފައިސަލް ވެސް ނިއުގެ ކޮންޓްރެކްޓް އާކޮށްފި

ގައުމީ ޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރު މުހައްމަދު ފައިސަލް--- ފޮޓޯ/ އެފްއޭއެމް

ގައުމީ ޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރު މުހައްމަދު ފައިސަލް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި މަޑުކުރަން ނިންމައި އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް އާކޮށްފިއެވެ.

ފައިސަލް ނިއު އާ ގުޅުނީ މިއަހަރުގެ ޖުލައި މަހު ކުލަބު ވެލެންސިއާ އިންނެވެ. ވެލެންސިއާއަށް ދިވެހި ޕްރިމިއާ ލިގްގެ ފުރުސަތު ނުލިބުމުން، ފައިސަލް ނިއުގެ އަށް ކުޅުމަށް ވެލެންސިއާ އިން ވަނީ ރިލީޒް ދީފައެވެ.

ފައިސަލް އަކީ އިމްރާމް މުހައްމަދުގެ ފަހަތުން ނިއުގެ ދެވަނަ ނަމްބަރު ކީޕަރެވެ. އެހެންކަމުން އޭނާއަށް މި ސީޒަނުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މަދު މެޗެއްގައެވެ. ނަމަވެސް ޕްރެޒިޑެންޓް ކަޕްގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ފައިސަލް އެށެވެ. ޓީސީ އަތުން މޮޅުވެ، ނިއު އަށް ސީޒަންގެ ތިން ވަނަ މުބާރާތް ކާމިޔާބު ކުރުމުގެ ދޮރު ހުޅުވައި ދިނުމުގައި ފައިސަލް މުހިންމު ދައުރެއް އަދާ ކުރި އެވެ.

ކީޕަރު ފައިސަލްގެ އިތުރުން ނިއުއިން ވަނީ އަކުރަމް އަބްދުލް ޣަނީ (އަކޫ)، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އަހުމަދު އަބްދުﷲ (ލިލީ)، ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ، ހަސަން އަދުހަމް (ސަޑޭ) އަދި ރިލްވާން ވަހީދު (ރިލޭ)ގެ ކޮންޓްރެކްޓް ވެސް އާކޮށްފައެވެ. އަދި އެޓީމުގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ.

ކުރިއަށް އޮތް އޭއެފްސީ ކަޕަށް ކޮލިފައިވެފައިވާ ނިއުރޭޑިއަންޓް ވަނީ އަންނަ އަހަރަށް އެ ޓީީމު އިތުރަށް ވަރުގަދަކުރުމަށް ނިންމާފައެވެ. އެގޮތުން މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގެ އެހެން ކުލަބުތަކަށް ރަނގަޅު ކުޅުމެއް ދެއްކި ބައެއް ކުޅުންތެރިން އަންނަ އަހަރު ނިއުއާ ގުޅޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް