ފައިނަލުން ބަލިވުމުން ލިބުނީ ބޮޑު ހިތްދަތިކަމެއް، ފަސޭހަވާން ވަގުތު ނަގާނެ: މެސީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ރޮނީ--

ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިން އަތުން ލިބުނު ހިތްދަތި ބައްޔާއެކު ލިބުނު ދެރައާއި ހިތްދަތިކަން ވަރަށް ބޮޑު ކަމަށާއި މި ހިތްދަތިކަމުން ފަސޭހަވާން ވަގުތު ނަގާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ވާދަވެރި ކުޅުމަކަށްފަހު 1-0 އިން އާޖެންޓީނާ ބަލިކޮށް، ސުޕޭނުން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލުމާ ގުޅިގެން، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އޭނާގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.

ސްޕެއިނުން ދެވަނަ ފަހަރަށް ތަށި ނެގީ އިތުރު ވަގުތުގެ ތެރޭގައި ފެރާން ޓޮރޭސް ޖެހި ގޯލުންނެވެ. މިއާއެކު، 2022 ވަނަ އަހަރު އާޖެންޓީނާއިން ހޯދި ޗެމްޕިއަންކަން ދިފާއުކުރުމަށް ކުރި އުއްމީދުތައް ވަނީ ފެނަށް ގޮސްފައެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ޖަރުމަނު އަތުން 1-0 އިން ބަލިވި ފައިނަލަށްފަހު، މިއީ މެސީ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެވަނަ ވޯލްޑް ކަޕް ފައިނަލެވެ.

އުމުރުން 39 އަހަރުގެ މެސީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު ކުޑައިރު، ގައުމީ ޓީމުން ރިޓަޔާކުރުމާ މެދު އޭނާ އަދި ވަކި ގޮތެއް ހާމައެއް ނުކުރެއެވެ.

"ލިބުނު ދެރައާއި ތަދަކީ ވަރަށް ބޮޑު ތަދެއް. މިއަނިޔާ ފަސޭހަވާން ވަގުތު ނަގާނެ. ނަމަވެސް، މި ދަތުރުގައި ހާސިލުކުރެވުނު ހުރިހާ ރަނގަޅު ކަންކަމަށް ވިސްނާނަން" 2026 ގެ ފައިނަލުން ބަލިވުމާއެކު މެސީގެ މެސެޖުގައިވެއެވެ.

މީގެ އިތުރުން މެސީ ވަނީ މުޅި މުބާރާތުގައިވެސް ޓީމުން ދެއްކި ހިތްވަރު ފާހަގަކޮށް މުޅި ޓީމާއި ގައުމުގެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.

"އެންމެން އެކުވެ، ކުރި ހިތްވަރާއެކު ފަހަތުން އަރާ މޮޅުވި މެޗުތަކާއި، އަބަދަށް ހަނދާނުގައި ހުންނާނެ ވަގުތުތައް ހަނދާން ހުންނާނެ، އަދި މުޅި ގައުމުން ދިން އެއްބާރުލުމާއި، މި ޓީމުގެ މަސައްކަތުން އަނެއްކާވެސް ދުނިޔޭގެ އެންމެ އުސް ހުރަސްތަކަށް ވާސިލުވެވުނީތީ ހިތްހަމަޖެހޭ" މެސީގެ މެސެޖުގައިވެއެވެ.

މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ވާސިލުވުމުގައި މެސީ ވަނީ 8 ގޯލު ޖަހައި 4 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ނޮކްއައުޓް ސްޓޭޖުގައި މިސްރާއި އިންގްލޭންޑް އަތުން ފަހަތުން އަރައި މޮޅުވުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި ނަމަވެސް، މުޅި މުބާރާތުގައިވެސް އެންމެ ގޯލެއް ވަދެފައިވާ ވަރުގަދަ ސްޕެއިން ބަލިކުރެވޭގޮތެއް ނުވިއެވެ.

ބެލެވޭގޮތުގައި މިއީ މެސީގެ ފަހު ވޯލްޑް ކަޕެވެ. ނަމަވެސް މީގެ ހަތަރު އަހަރުފަހުން އާޖެންޓީނާ ހިމެނޭހެން ވޯލްޑް ކަޕް ބާއްވާތީ އޭނާ މި މުބާރާތުގައި ކުޅެފާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

comment ކޮމެންޓް