އާ އަހަރު ފާހަގަ ކުރަން ކާރާ ޑެލެވީން އަންނާނީ ރާއްޖެއަށް

މަޝްހޫރު ފެޝަން މޮޑެލް އަދި ބަތަލާ ކާރާ ޑެލެވީން ---

އާ އަހަރުގެ ޗުއްޓީ ހޭދަކުރަން ނިންމާފައިވަނީ ރާއްޖޭގައި ކަމަށް "ސުއިސައިޑް ސްކޮޑް"ގެ ތަރި އަދި މަޝްހޫރު ފެޝަން މޮޑެލް ކާރާ ޑެލެވީން ބުނެފި އެވެ.

ކާރާ ޑެލެވީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރާއްޖޭގައި ވަރުގަދަ ޗުއްޓީއެއް ހޭދަ ކޮށްފަ އެވެ. ދެ ދައްތަ، ކުލޯއީ އަދި ޕޮޕީ ޑެލެވީން އަށާއި އޭނާގެ އެންމެ ގާތް 160 ސެލެބުރިޓީން ރާއްޖޭގައި އެފަހަރު ޗުއްޓީ ހޭދަ ކުރަން ފުރުސަތު ލިބުނީ ހިލެ އެވެ.

އާ އަހަރުގެ ޗުއްޓީއާ ގުޅޭގޮތުން ޒުވާން އަންހެނުންނަށް ޚާއްސަކޮށް ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ޑިޖިޓަލް މީޑިއާ އަދި އެންޓަޓައިންމަންޓް ކުންފުނި ރެފިނެރީ 29 އަށް ދިން އިންޓަވިއު އެއްގައި ކާރާ ބުނީ، އާ އަހަރަށް އޭނާ ދަނީ ރާއްޖެއަށް ކަމަށާއި ޗުއްޓީ އަކަށް ދެވޭތީ އުފާވާ ކަމަށެވެ.

"އެންމެ ފަހުން ބީޗަށް ގޮސް ކަމެއް ނުކޮށް ހުންނަން ފުރުސަތެއް މި ލިބުނީ. އެކަމަކު ފަތާލައި، ސްކޫބާ ޑައިވިން ކޮށްލާ، ފޮތް ކިޔާލާ، ކުޅިވަރާއި ޔޯގާ ކަހަލަ ކަންތައް ކޮށްލާނަން،" ކާރާ ޑެލެވީން ބުނެފައިވެ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނާނެ ތާރީޚެއް އަދި ހުންނާނެ ތަނެއް އެ އިންޓަވިއުގައި އޭނާ ބުނެފައެއް ނުވެއެވެ. މި ދުވަސްވަރަކީ އާ އަހަރު ފާހަގަކުރަން ދުނިޔޭގެ ނަން މަޝްހޫރު ސެލެބުރިޓީން ރާއްޖެ އަންނަ ދުވަސް ވަރެކެވެ.

މިދިޔަ އަހަރުގެ އާ އަހަރު ފާހަގަ ކުރަން އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އާއިލާ އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބުރިޓީ ޗެފް ގޯޑަން ރަމްސީގެ އިތުރުން ލިޔުންތެރިޔާ ތާނާ ވެސް ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް