ފުޓްބޯޅައިގެ ތާރީޚުގައިވެސް އޭނާއަށް ވުރެ "ވަކިން މޮޅު ކުޅުންތެރިއަކު ނުދެކެން" ކަމަށް ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ފުޓްބޯޅަ މެގަޒިން ފްރާންސް ފުޓްބޯލް އިން ހޮވާ ބެލޮންޑިއޯ އެވޯޑު، ފަސް ވަނަ ފަހަރަށް އުފުލައިލުމަށް ފަހު، ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ، އޭނާއަކީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.
ރޮނާލްޑޯ ވަނީ، ފަސްވަނަ ބެލޮންޑިއޯ ހާސިލްކޮށް، ބެލޮންޑިއޯގެ ގޮތުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ އަރައި ހަމަކޮށްފައެވެ.
"އަހަންނަކީ ތާރީޚްގައިވެސް އެންމެ ރަނގަޅު ކުޅުންތެރިޔާ، އެއީ ރަނގަޅު ވަގުތުތަކުގައިވެސް އަދި ގޯސްވަގުތުތަކުގައިވެސް،" ބެލޮންޑިއޯ އިންތިޒާމްކުރާ މަޖައްލާ، ފްރާންސް ފުޓްބޯޅައަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.
"އަހަރެން އެންމެންގެ ހޮވުންތަކަށް ވެސް އިހްތިރާމްކުރަން، އެހެން ނަމަވެސް އަހަންނަށްވުރެ ވަކިން ރަނގަޅު މީހެއް ނުދެކެން. އަހަރެން އަބަދުވެސް ގަބޫލުކުރަނީ އެގޮތަށް. އަހަރެން ކުރާކަންކަން އެހެން އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކަށް ނުކުރެވޭނެ. އަހަންނަށް ވުރެ ވަކިން ފުރިހަމަ އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކު ނުހުންނާނެ،" ރެއާލް މެޑްރިޑްގެ ޕޯޗްގަލް ތަރި ބުންޏެވެ.
"އަހަރެން ދެފައިން ވެސް ރަނގަޅަށް ކުޅެން. އަހަރެންނަކީ ހަލުއި، ވަރުގަދަ، އަދި ބޮލުން ޖަހަންވެސް މޮޅު، ލަނޑު ޖަހައި އަދި ލަނޑުޖެހުމަށް އެހީތެރިވެދޭ ކުޅުންތެރިއެއް."
"ބައެއްމީހުން ބުނާނެ، ނޭމާ ނުވަތަ މެސީއޭ އެންމެ މޮޅީ، އެކަމަކު އަހަންނަށްވުރެ ވަކިން ފުރިހަމަ ކުޅުންތެރިއެއް ނުހުންނާނެ."
ރޮނާލްޑޯ ބުނީ، އޭނާއަށްވުރެ ގިނައިން، އިންޑިވިޖުއަލް އެވޯޑް ހާސިލްކުރި ކުޅުންތެރިއަކުވެސް މިހާރު ނުހުންނާނޭ ކަމަށާއި، މި ދައްކަނީ ހަމައެކަނި ބެލޮންޑިއޯ އެވޯޑްގެ ވާހަކަ އެކަނި ނޫންކަމަށެވެ.
"ފްލޮއިޑް މޭވެދަރއާއި ލެބްރޯން ޖޭމްސް ފަދަ ލެޖެންޑުން އެ ފެންވަރަށް ދިޔައީ ހަމައެހެން ހުރެލާފައި ލިބުނު ފުރުސަތަކުން ނޫން. ވަރަށް ގިނަ ކަންތައްތަކެއް އިއްތިފާގުވި. އެންމެ އުހުގައި އެންމެ ކުރީގައި ހުރުމަށް ތިމާގެ ކިބައިގައި ވަރަށް ގިނަ ހުނަރުތަކެއް ހުންނަން ޖެހޭ،" އަމިއްލަ ނަފްސަށް އިޝާރާތްކޮށް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ވަކި ހިސާބަކުން، ވަރަށް ބޮޑަށް މާޔޫސްވެގެން އުޅުނު ކަމަށެވެ. އަދި ޚާއްސަކޮށް، މެސީ ފަދަ ކުޅުންތެރީން އެވޯޑް އުފުލައިލާ މަންޒަރު ބަލަން އުނދަގޫވާތީ، އެފަދަ ރަސްމިއްޔާތުތަކަށް ދާންވެސް ބޭނުން ނުވި ދުވަސްވަރެއް ދިޔަ ކަމަށެވެ.
"އަހަރެން މެސީއަށް ވުރެ ކުރިން ބެލޮންޑިއޯ ހޯދިން. އެހެން ނަމަވެސް، އެއަށްފަހު މެސީ ވަނީ އަހަރެންގެ މައްޗަށް ކުރި ހޯދައި ޖެހިޖެހިގެން ހަތަރު ފަހަރަށް އެ އެވޯޑް ކާމިޔާބުކޮށްފައި،" އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާކަން ފާހަގަކުރަމުން ރޮނާލްޑޯ ބުންޏެވެ.
"އަހަރެން އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއް ނޫން. އަހަރެން ވަރަށް ދެރަވި އަދި ރުޅިވެސްއައި. އަހަރެން އެވޯޑް ހަފްލާތަކަށް ދަން އެކަމަކު އެއްވެސް އެއްޗެއް ނުލިބޭ. އެގޮތަށް ކަންތައް ވާންފެށުމުން ވަރަށް ބޮޑަށް މާޔޫސްވި. އަހަރެން ދާންވެސް ބޭނުންނުވޭ ފަހުން. އެތަނަށް ގޮސް ފޮޓޯ ނަގާލަން އަހަރެން ޝައުގުވެރިއެއް ނުވޭ."
ރޮނާލްޑޯ ބުނީ، އޭނާއަށް ހިތްވަރު ދިނީ އެކުގައި އުޅޭ ރަހްމަތްތެރީންނާއި ގާތްތިމާގެ މީހުން ކަމަށެވެ. އަދި ހަޔާތުގައި ފެށުމަކާއި ނިމުމެއް ވާނޭކަން އަމިއްލަ ނަފުސަށް ވިސްނުވައިދިނީ ކަމަށެވެ.
"ފުޓްބޯޅައިގައި ބަލާނީ ފެށުމެއް ނޫން ނިންމުން. އަހަރެން ކެތްތެރިވިން. އަދި އެއަށްފަހު އަހަރެން ހަތަރު ބެލޮންޑޯ ކާމިޔާބުކުރީ."
ރޮނާލްޑޯ ބުނީ، އޭނާއަށް މި ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި ބޮޑެތި މުބާރާތްތަކުގަައި ކުޅުމުގެ ފުރުސަތު ލިބުން ހިމެނޭކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތްތާނގައި މި އެވޯޑް ހާސިލްކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނޭ ކަމަށެވެ.
"އަހަންނަށް އެނގޭ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެ ނަމަ، ބެލޮންޑިއޯއާ ފިޔަވަޅެއް ކައިރިއަށް ޖެހިލެވޭނެކަން. އަހަރެމެން މުބާރާތް ކާމިޔާބުކުރީ އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އަހަރެން ހޯދިން،" މިދިޔަ ފަހަރުގެ ޗެމްޕިއަންސް ލީގު ފައިލަންގައި އޭނާ ކާމިޔާބުކުރި ދެލަނޑަކީ މިފަހަރުގެ ބެލޮންޑިއޯ އޭނާއަށް ލިބުމުގައި އެންމެ މުހިއްމު ބާރުކަން ފާހަގަކުރަމުން ރޮނާލްޑޯ ބުންޏެވެ.