އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް އަލުން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ސަން ފައިލް ފޮޓޯ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މީގެކުރިން ހުޅުވާލިނަމަވެސް، މިއަދު އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުގެމަތިން މި މަހުގެ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމާ ބެހޭ ލިޔުންތައް އެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅަކު ހޯދަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޔޫސުފް މާނިއު މެމްބަރު ކަމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މާނިއު ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރެއްވި ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށާއި އެއްވެސް ކަމެއް ގާނޫނާއި ގަވާއިދުގެ ބޭރުން ކުރައްވާފައި ނުވާނެ ކަމަށެވެ.

މަގާމުން ވަކިކުރުމުގެ ދުވަސްކޮޅެއް ކުރިން މާނިއު ވިދާޅުވެފައި ވަނީ ފުލުހުންގެ ފަރާތުން އެ ކޮމިޝަނުގެ ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް