ހުސްވެފައިވާ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލައިފި

ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާ: ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އަމީޒާ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކުރުމުން --- ފޮޓޯ: ޕީއެސްއެމްނިއުސް

ޓެކްސް ކޮމިޝަނަރުކަމަށް ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާ އައްޔަންކޮށްފައިވާތީ ހުސްވެފައިވާ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އިއްޔެ ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ފުރުސަތު ހުޅުވައިލީ އިއްޔެއިން ފެށިގެން އަންނަ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ކަމަށެވެ.

އެ ވަގުތާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރު 12 ޖަހަންދެން ފޯމު ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ނުވަތަ ވެބްސައިޓުން ލިބޭނެ ކަމަށް، އެ އޮފީހުން މައުލޫމާތުދެއެވެ.

އައު ޓެކްސް ކޮމިޝަނަރުކަމަށް އަމީޒާ އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.

https://sun.mv/224837

އަމީޒާ ވަނީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައެވެ.

މީރާ 2010ވަނަ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ ވަނީ އެސިސްޓަންޓް ޓެކްސް ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އޭނާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައެވެ.

comment ކޮމެންޓް