މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން ބޭނުން: އޮސްކާ

ނިއު އިން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން: ނިއު އިން މިއަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެފްއޭ ކަޕް ކާމިޔާބު ކުރުމަށްފަހު ޕްރެޒިޑެންޑް ކަޕް ކާމިޔާބު ކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން ބޭނުން ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

އެފްއޭ ކަޕް ފައިނަލުގައި ރޭ ނިއު ވަނީ ވާދަވެރި ޓީސީ ސްޕޯޓްސް ކްލަބު ޕެނަލްޓީން އިން ބަލިކޮށް މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް އުފުލާލާފައެވެ.

އެފްއޭ ކަޕްގައި އެންމެ ކާމިޔާބު ކްލަބު ނިއު ވަނީ ފައިނަލް މެޗުގައި ފަހަތުން އަރައި ޓީސީ ކޮޅަށް ދެ ލަނޑު ޖަހައި 2-2 ގެ ނަތީޖާ އަކުންއެއްވަރުކޮށް ޕެނަލްޓީގައި 2-4 އިން މެޗު ކާމިޔާބު ކޮށްފައެވެ.

ނިއު އިން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން: ނިއު އިން މިއަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުގެ ސްޕެއިނުގެ ކޯޗު އޮސްކާ ބުނީ މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުން ފަހަތުގައި އޮވެ ނިންމާލި އިރުވެސް، ދެވަނަ ހާފުގައި ޓީމު އެނބުރި އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި އެގޮތުން ފުރަތަމަ ލަނޑު ޖެހުމާއެކު އުންމީދު އާ ވި ކަމަށެވެ.

"ދެވަނަ ހާފުގެ ކުރީ ކޮޅު ލަނޑެއް ޖެހުމުން ޔަގީންވި މެޗު އެއްވަރު ކުރެވޭނެ ކަމުގެ. ހުރިހާ ވެސް ކްރެޑިޓެއް ކުޅުންތެރިންނަށް ދޭން ޖެހޭ. އެއްވެސް ކުޅުންތެރިޔަކު ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ ރޭ އެ ފެނުނީ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ކުރިއަށް އޮތް އަހަރުގެ ފަހު މުބާރާތުގައި ވެސް އެ ކުޅުން ދައްކައިފިނަމަ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނިއުގެ ދަގަނޑޭ(ކ)، ކީޕަރު އިމްރާން(މ) އަދި އޮއްޕޮ(ވ)، އެފްއޭ ކަޕްގެ ތައްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ފައިނަލުގައި ޓީސީ ބަލިކޮށް، ނިއު އިން ވަނީ 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ކުރިއަށް އޮތީ ޕްރެޒިޑެންޓްސް ކަޕް. އަހަރެމެން ބޭނުން ވަނީ އެ މުބާރާތް ވެސް ކާމިޔާބު ކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން." އޮސްކާ ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގައި ޓީސީ ކުޅުނީ މުބާރާތުގައި އެއް މެޗު ކުޅުމަށް ފަހު ކަމަށާއި ނަމަވެސް ނިއު އިން ފައިނަލަށް ދަތުރު ކުރީ ދެ މެޗު ކުޅެގެން ކަމަށެވެ. އެހެންކަމުން ޓީސީ އޮތީ ވަރަށް ތާޒާ ކޮށް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ރޭ ޓީސީން ދެއްކި ކުޅުމަށް އޭނާ ވަނީ ތައުރީފު ކޮށްފައެވެ.

އަހަރުގެ ފަހު މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފެށޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއު އާއި ޓީސީ އެވެ. މޮޅުވާ ޓީމަކަށް ފައިނަލަށް ދެވޭނެ އެވެ. އަދި ބަލިވާ ޓީމެއް ޖެހޭނީ އެރޭ މާޒިޔާ އާއި ގދ. ތިނަދޫ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

comment ކޮމެންޓް