ބަދު ދުއާކުރާ ކަމަށް ބުނެ މަހުލޫފްގެ ބައްޕަ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

މަހުލޫފްގެ ބައްޕަ ހައްސާނު މީގެކުރިން ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ

ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ދައުލަތުގެ އިސްވެރިންނަށް ބަދު ދުއާ ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން ހައްސާނަށް މިއަދު ފޮނުވި ޗިޓުގައި ވަނީ މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ދައުލަތުގެ އިސްވެރިންނަށް އޭނާ އިސްވެހުރެ ބަދު ދުއާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ހައްސާނާ ސުވާލުކޮށް ބަޔާން ނެގުމަށް މާދަމާ މެންދުރުފަހު 3:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވާން ވަނީ އަންގާފައެވެ.

ކުރިން ފުުލުހެއްގެ ގޮތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި ހައްސާނު ވަނީ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދުއާ ކުރަން ހުއްޓައި މީގެކުރިން ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ އުފުލާފައެއްނުވެއެވެ.

އެކަމާ ގުޅޭގޮތުން މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ފަހަތުން ފުލުހުން ދުވެދުވެ ވަރުބަލިވުމުން އެންމެފަހުން ބައްޕައަށް ވެސް ޗިޓް ފޮނުވީ ކަމަށެވެ.

"ދުއާ ކުރާނެ ތަނަކާއި، ކުރާ ދުއާ އެނގޭނީ ޔާމީނަކަށް ނޫން. ތިހެން ދައްކާ ބިރަށް އަޅުގަނޑުގެ ބައްޕަ ފަހަތަށް އެންމެ އިންޗިއެއްވެސް ޖެހިނުލާނެ،" މަހުލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް