ވައި ނުސާފުވުމުގެ ސަަބަބުން ރާއްޖޭގައި އަހަރަކު 48 މީހުން މަރުވޭ!

އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ: ވައި ނުސާފުވުމުގެ ސަަބަބުން ރާއްޖޭގައި އަހަރަކު 48 މީހުން މަރުވާ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ތިމާވެށި ތަޣައްޔަރު ވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުން ލިބެމުންދާއިރު، ވައި ނުސާފުވުމުގެ ސަބުން ރާއްޖޭގައި އެކަނިވެސް އަހަރަކު 48 މީހުން މަރުވާ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވިދާޅުވެއްޖެއެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގައި އިއްޔެ ފެށި ތިން ވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓު އެސެމްބަލީގައި ތަގުރީރު ކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކަނޑު ތަކާއި ބިންތައް އަދި ވައި ނުސާފުވުމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްހަތަށް ނުހަނު ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި އެ ގެއްލުންތައް ކުޑަ ކުރުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ތަޣައްޔަރު ވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުން ލިބެމުންދާކަން ފާހަގަކުރައްވައި އަބްދުﷲ މަޖީދު ވިދާޅުވީ، ވައި ނުސާފުވުމުގެ ސަބަބުން އަހަރަކު 48 މީހުން މަރުވުމަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ބޮޑު އަދަދެއް ކަމަށެވެ.

އެހެންކަމުން ވައިގެ ކޮލިޓީ ދެމެހެއްޓުމުގެ ނިޒާމު ތަކެއް ގާއިމް ކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މަޖީދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނެއްހާ މީހުންނަކީ ކެއިންބުއިމަށް، ކަނޑާއި ގޮނޑުދޮށަށް ބަރޯސާ ވެފައިވާ ބަޔަކަށްވާއިރު ރާއްޖެ އަކީ ވެސް އެފަދަ ގައުމެއް ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް ތަޣައްޔަރުވުން މަދު ކުރެވެން އޮތީ ކުނި ރަނގަޅަށް މެނޭޖު ކުރެވިގެން ނަމަވެސް ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ހުރިހާ ރަށެއްގައި އެކަށޭނެ ގޮތެއްގައި ކުނި މެނޭޖުކުރުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މިއަހަރު ކުރީކޮޅު ބޭއްވި "އޯޝަންސް ކޮންފަރެންސް"ގައި ނަން ބަޔޯޑީގުރޭޑަބަލް ޕުލާސްޓިކް މަދު ކުރުމަށް އެއްބަސްވެފައިވާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަސްވެރިންނާ ގުޅިގެން މަސްވެރިންނަށް ކަނޑުން ފެންނަ ޕުލާސްޓިކް ގެނެސް ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

comment ކޮމެންޓް