ސްރީލަންކާގެ 30 ބޯޓެއް އޮޔާދާތީވެ ސަމާލުވާން ކޯސްޓްގާޑުން އަންގައިފި

ކަނޑުމަޓީގައި ހާލުގައިޖެހިފައިވާ ބޯޓެއް--

ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން "އޯޗީ" ގެ ސަބަބުން ސްރީލަންކާގެ 30 މަސް ބޯޓެއް އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ބޯޓުތަކަށް ސަމާލުވުމަށް ކޯސްޓްގާޑުން އަންގައިފިއެވެ.

ކޯސްޓުގާޑުން ބުނީ އެ ބޯޓުތައް އޮޔާދަނީ ރާއްޖޭގެ އުތުރާއި ހުޅަނގުއުތުރުން ކަމަށެވެ.

އެ ބޯޓުތައް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހާލުގައިޖެހި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ވެސް ކޯސްޓުގާޑުން ބުންޏެވެ.

އެފަދަ އޮޔާދާ އުޅަނދުތަކަށް ދިވެހި މަސްވެރިންނާއި ދަތުރުވެރިން ޚާއްސަ ސަމާލުކަމެއް ދީ ހާލުގައި ޖެހިފައިވާ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

އެމްއެންޑީއެފް އިން ބުނީ އޮޑި ދޯނި ފަހަރުގެ އިތުރުން ލަކުޑި ފަދަ ތަކެތި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓުގާޑުންވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް