މޮރިޝަސްއަށް އެރި ތޫފާން ބާރުގަދަވާނެކަމަށް ދިން އިންޒާރު އުވައިލައިފި

ތޫފާން ބެލާލްގެ ސަބަބުން ގަޑިއަކު 50 މޭލަށް ވައިގަދަވާނެ. ފޮޓޯ/އަރަބި ނޫސް

އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ މޮރިޝަސްއަށް ތޫފާނެއް އަރައިފާނެކަމަށް ދީފައިވާ އިންޒާރު އެ ގައުމުން އުވައިލައިފިއެވެ.

މޮރިޝަސްގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ހޯމާ ދުވަހު މޮރިޝަސްއަށް އަރައިފައިވާ ބެލާލްގެ ނަން ދީފައިވާ ތޫފާން މިހާރު މޮރިޝަސްއާ ދުރަށް ދަތުރުކުރަމުންދާތީ، ތޫފާނުގެ ބާރުގަދަވެދާނެ ކަމަށް އެންމެ މަތީ ދަރަޖައިގައި ދީފައިވާ އިންޒާރު އުވައިލައިފައިވާ ކަމަށެވެ.

ތޫފާނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުން ރައްކާތެރިވުމަށް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ރައްޔިތުންނަށް މޮރިޝަސް ސަރުކާރުން ހޯމަ ދުވަހު ވަނީ އަންގައިފައެވެ. ނަމަވެސް ތޫފާނާހެދި އެޅި ބައެއް ފިޔަވަޅުތަކަށް އަންގާރަ ދުވަހުވަނީ ލުއިދީފައެވެ.

އިންޒާރު އުވައިލި ނަމަވެސް ތޫފާނުގެ އަސަރު އަދިވެސް ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ކޮމާންޑުން އިންޒާރު ދީފައިވާ ގޮތުގައި ތޫފާނުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނެއެވެ. ރާޅުގެ އުސްމިން 23 ފޫޓާ ހަމައަށް އަރާނެއެވެ.

މި ތޫފާނުގެ އަސަރުކޮށް، ވެރިރަށް ޕޯޓް ލުއީގައި މިދިޔަ ހޯމަ ދުވަހު ފެންބޮޑުވުމުގެ ސަބަބުން 100 އެއްހައި ވެހިކަލް ވަނީ ހަލާކުވެފައެވެ. ފެން ބޮޑުވުމުގެ ސަބަބުން މޮރިޝަސްގެ މައި ބައިނަލްއަގުވާމީ އެއާޕޯޓު ވެސް އިއްޔެ ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް